މިއާއެކީގަ ލޮބުވެތި އަޚުން، އަޅުގަނޑުމެން ރުޅިވެރިކަމާ ހަސަދަވެރިކަމުގެ ވާހަކަ ދައްކާއިރުގަ، ޙަސަދަވެރިކަމެއް ނޫން، އެހެން ނަމަވެސް ރުޅިވެރިކަމުގައި އެބައޮތް އަޅުގަނޑުމެން ދީނަށްޓަކާ ރުޅިއައުން، ﷲ އަށްޓަކާ ރުޅި އައުން މީ އަޅުގަނޑުމެން ބާއްވަން ޖެހޭ ކަމެއް. މިދަންނަވާ ވާހަކައަކީ ލޮބުވެތި އަޚުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހުރުމަތް ކެނޑޭފަދަ ކަންތައްތައް، އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަޚްސިއްޔަތަށް އަރައިގަތުންފަދަ ކަންތައްތައް ކުރެވޭ ހިނދުގައި ﷲ އަށްޓަކާ އަޅުގަނޑުމެންގެ ހިތުގައި ރުޅި އޮންނަންޖެހޭނެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުވަހަކުވެސް އެކަލޭޣެފާނުގެ ޒާތު، ނުވަތަ އެކަލޭގެފާނުގެ އަމިއްލަފުޅަށް އެއްވެސް ކަމެއްގައި މީހަކު ދެކެ ކޯފާ އިސްވެވަޑައިނުގަންނަވާ. މީހަކު ދެކެ ކޯފާ އިސްވެވަޑައިނުގަންވައޭ އެކަލޭގެފާނުގެ ޒާތީ އެއްވެސް ކަމެއްގައި.
ކިތައް ޙާދިޘާތޯ ދިމާވީ؟ ޠާއިފްގެ ޙާދިޘާ، މިހެން ގޮސް މައްކާ ފަތަޙަ ކުރެއްވުމުގެ ކުރިން އެކަލޭގެފާނަށް މައްކާގެ މީހުން ކުރަމުން ދިޔަ އަނިޔާތައް. އެކަލޭގެފާނު އަވަހާރަފުޅު ލައްޕަވަން އޮންނަވަނިކޮށް، އަރާމުކުރަން އޮންނަވަނިކޮށް މީހަކު އައިސް އެކަލޭގެފާނާ ދިމާލަށް އުރައިން ކަނޑީ ނެގުމަށްފަހުގައި ލެންބުމަށްފަހުގައި މި ބުނަނީ --- " ކާކުހޭ ތިމަންގެ ކިބައުން ކަލޭގެފާނު މިއަދު ސަލާމަތް ކޮށްދެއްވާނީ؟" އެކަލޭގެފާނު ވިދާޅުވަނީ ﷲ އޭ. އޭނާގެ އަތުން އެކަނޑީ ވެއްޓިގެން ދިޔައީ. އަނެއްކާވެސް ނެގުމަށްފަހުގައި ހަމަ އެގޮތަށް، ކާކުހޭ ކަލޭގެފާނު ތިމަންގެ ކިބައިން ސަލާމަތް ކޮށްދެއްވާނީ؟ ނަބިއްޔާ ޙަދީޘް ކުރައްވަނީ ﷲ އޭ. އެކަލޭގެފާނު ޢުއްމަތުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ﷲ ގެ ރަސޫލު، އޭނާއާ ދޭތެރޭ 3 ފަހަރަށް މިގޮތަށް ޢަމަލުކުރަމުން ދިޔަ މީހާ 3 ވަނަ ފަހަރަށް އެ ވެއްޓުމުން އެކަލޭގެފާނު ކަނޑި ނެންގެވުމަށް ފަހުގައި ޙާދީޘް ކުރައްވަނީ --- "ކާކުހޭ ކަލޭ ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތް ކޮށްދޭނީ؟" އޭނާ ބުނަނީ ކަލޭގެފާނޭ. އެކަލޭގެފާނު ކޯފާ އިސްނުކުރައްވައޭ. އެކަލޭގެފާނުގެ އަމިއްލަފުޅު އެއްވެސް ކަމެއްގައި. އެކަލޭގެފާނު އޭނާއަށް މަޢާފު ކޮށްދެއްވެވީ.
ސީރަތު ތިބޭފުޅުން ދިރާސާ ކުރައްވައިފިކަމުގަ ވާނަމަ ލޮބުވެތި އަޚުން، ސީރަތުގެ ކޮންމެ ޙާދިސާއެއްގައިވެސް އެކަލޭގެފާނު މީސްތަކުންނަށް ރަޚުމް ކުރައްވާފައިވާ މިންވަރު، އެކަލޭގެފާނުގެ އެއްވެސް ކަމެއްގައި ލޮބުވެތިއަޚުން ކޯފާ އިސް ނުކުރައްވާކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. އެހެންނަމަވެސް ﷲ އަށްޓަކާ، ﷲ ގެ ހުރުމަތް ކެނޑޭ ހިނދުގައި، ﷲ ގެ ދީނުގެ ހުރުމަތް ކެނޑޭހިނދުގައި، ﷲ ގެ ޝަރީޢަތަށް ބަދުބަސް ބުނެވޭ ހިނދުގައި އެކަލޭގެފާނު ކޯފާ އިސްކުރައްވާ. އެހެންމަ އަޅުގަނޑުމެން އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބި، އަޅުގަނޑުމެންގެވެސް ރުޅިވެރިކަން، ނުވަތަ ﷲ އަށްޓަކާ ރަޅިއައުމުގެ ޝުޢޫރު ހުންނަންޖެހޭނެ.
އެހެންނަމަވެސް ލޮބުވެތި އަޚުން، އޭގެ މާނައެއް ނޫން އަޅުގަނޑުމެން އަތުން ގޮސް، ފައިން ގޮސް، އެފަދަ ހާލަތްތަކުގައި އަޅުގަނޑުމެން އަމިއްލަ އަމުއްލައަށް ކަންތައްތައް ތަންފީޒުކުރުން. އަޅުގަނޑުމެން އަބަދުވެސް މަސެއްކަތް ކުރަންވާނީ ތަންފީޒީ އިދާރާތަކަށް އެކަމުގައި ބާރު އަޅައިގެން އެ އިދާރާތަކުން ކަންތައްތައް ކުރޭތޯ.
އަޅުގަނޑުމެންގެ ތެރޭގައި ޤާނޫނުތަކާޢި ޤަވައިދުތައް ހެދިފަ އެބަހުރި. އިސްލާމީ އެއްބައިވަންތަކަމުގެ ޤާނޫނުތަކާއި ޤަވާއިދުތައް، މިފަދަ ޤާނޫނުތަކުގަ އެހުރި ނުކުތާތަކުގެ މައްޗަށް ބާރު އަޅައިގެން އަޅުގަނޑުމެން ބަލަންވީ އެފަދަ އިސްލާމްދީނުގެ ޝިޢާރުތަކާއި އިސްލާމްދީނުގެ އުސޫލުތަކަށް ބޭއިހްތިރާމް ކުރެވޭ ފަދަ ހާލަތްތަކުގައި އެފަދަ އިދާރާތަކަން، އެފަދަ ތަންފީޒީ އިދާރާތަކަށް ބާރު އަޅައިގެން ޕްރެޝަރ ކޮށްގެން ނަމަވެސް އެކަންތައްތައް އިސްލާޙް ކުރެވޭތޯ. އަޅުގަނޑުމެން ކޮންމެ މީހެއްގެ ހިތުގައިވެސް ލޮބުވެތި އަޚުން، ޢީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރިމީހަކު ނަމަވެސް ﷲ ގެ ނަބިއްޔާއަށް، ﷲ އަށް ބަދުބަސް ބުނެވޭ ހިނދުގައި އަޅުގަނޑުމެންގެ ހިތުގައި ރުޅިވެރިކަން އޮންނަންޖެހޭނެ. އެ ރުޅިވެރިކަން ނެތް ކަމުގައި ވާނަމަ އެއީ މައްސަލައެއް، ބާއްވަންޖެހޭނެ ލޮބުވެތި އަޚުން. އެއީ ﷲ އަށްޓަކާ ލޯބިވުމާއި ﷲ އަށްޓަކާ ރުޅިއައުމުގެ ތެރޭގަ ހިމެނޭ ކަންތައްތައް. އެހެންނަމަވެސް ތަކުރާރުކޮށް ދަންނަވަން ބޭނުންވަނީ ލޮބުވެތި އަޚުން، އަޅުގަނޑުމެންގެ އަމިއްލަ އަތުން އަޅުގަނޑުމެން އަމިއްލައަށް ގޮސް ކަންތައްތަކެއް ނުކުރެވޭނެއޭ.
އެހެންވެއްޖެކަމުގަ ވާނަމަ ލޮބުވެތި އަޚުން، އެކި މީހުންގެ ރުޅިވެރިކަން ހުންނާނީ އެކި މިންވަރަށް. ތިބޭފުޅުން ބައްލަވާ އެހެން ނޫންތޯ ވާނީ، އަމިއްލައަށް ވިސްނާ ފިކުރު ކޮށްލެއްވިއަސް އެނގިވަޑައިގަންނަވާނެ އެކިމީހުންގެ ރުޅިވެރިކަން ހުންނާނީ އެކި މިންވަރަށް. ކޮންމެ މީހަކުވެސް އަމިއްލައަށް ގޮސް ކަންތައްތައް ކުރަން ދޫކޮށްލައިފިކަމުގައި ވާނަމަ މުޖުތަމަޢުގަ ހަމަޖެހުމެއް އޮންނާނެތޯ؟ އެމީހާ ރުޅިއަންނައިރަށް ގޮސް އެމީހާ އަނެކާގެ ދުވަސް ދުއްވާލައިފި ކަމުގައި ވާނަމަ، އޭރަކުން މުޖުތަމަޢުގަ ހަމަޖެހުމެއް ނޯއްނާނެ. އެހެންމަ ރުޅި އައިކަމުގަ ވީނަމަވެސް، ﷲ އަށްޓަކާ އެ ރުޅި އޮތްކަމުގަ ވީނަމަވެސް، އެބައި ބާއްވަންޖެހޭ. އެކަމަކުވެސް އަޅުގަނޑުމެންގެ އަތުން ފައިން ގޯސް ހަދައިގެން ނުވާނެ. މީ ޙަޤީގަތުގައި ﷲ އަށްޓަކާ ރުޅިއައުމުގެ ތެރޭގައި ހިމެނޭ ކަންތައްތައް.
ރުޅި ނުވަތަ ޙަސަދައިގެ ވާހަކަ ދައްކަމުން ދާއިރު މިކަން އަޅުގަނޑުމެން ހިތުގަ އަބަދުވެސް ބާއްވަން ޖެހޭ. ﷲ އަށްޓަކާ ރުޅިއައުން މީ ޙަސަދަވެރި ވުމެއް ނޫން. ޙަސަދައިގެ ތެރޭގަ ހިމެނޭ ޙަސަދައާ ވަރަށް ވައްތަރު ކަމެއް ލޮބުވެތި އަޚުން. މިކަން ބަޔާން ކުރުމަށްފަހު އަޅުގަނޑު ވާހަކަކޮޅު ނިންމާލާނަން.
- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން