ކައިވެނިކޮށް އެކުގައި ދިރިއުޅެމުން އަންނައިރު ދެމީހުންގެވެސް ބޭރުފުށުގެ ސިފައަށް ތަފާތު ބަދަލުތައް އަންނާނެއެވެ. އެކަމަށް ނުރުހުމުގެ ޙައްޤު އެކަކަށްވެސް ނެތެވެ.
އަނބިންނަށް މިމައްސަލަ ބޮޑަށް ކުރިމަތިވެއެވެ. ޚާއްޞަކޮށް ވިހެއުމުން ގިނަ ބައެއްގެ ހަށިގަނޑަށް ބަދަލުތައް ޢާދެއެވެ. ބައެއް މީހުންނަށް މަސައްކަތްކުރުމުން ކުރީގެ ސިފަ ލިބެއެވެ. އަނެއް ބައަކަށް މަސައްކަތްކުރިނަމަވެސް ކުރީގެ ސިފަ އަނބުރައެއް ނުލިބެއެވެ.
އެޙާލަތުގައި ފިރިން ވިސްނަންވީ އަނބިމީހާގެ ސިފައަށް އެބަދަލު އައީ ތިމާގެ ދަރިފުޅެއް ނުވަތަ ދަރިން ވިހެއުމުން ކަމެވެ. ވީމާ ނަފުރަތުކޮށް ފޫހިވެ ވަރިކުރުމެއް ނެތެވެ. އަނބިމީހާގެ ކިބައިން ފައިދާކުރަނީ އޭނާގެ ބޭރުފުށުގެ ސިފައަކުން ނޫނެވެ. އޭނާގެ އެތެރެފުށުގެ ސިފައިންނެވެ. އެތެރެފުށުގެ ސިފަ ބަދަލުނުވާނަމަ ކަންބޮޑުވާންޖެހެންވީ ކަމެއް ނެތެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އަނބިމީހާގެ ބޭރުފުށުގެ ސިފައަށް އަންނަ ބަދަލަށް ނަފްރަތުކުރުމުގެ ޙައްޤު ފިރިންނަށް ލިބިގެނެއް ނުވެއެވެ! ހަމައެފަދައިން ފިރިމީހާގެ ބޭރުފުށުގެ ސިފައަށް އަންނަ ބަދަލަށް ނަފްރަތުކުރުމުގެ ޙައްޤު އަނބިންނަކަށްވެސް ލިބިގެނެއް ނުވެއެވެ!
ކައިވެންޏަށް ދުވަސްކޮޅެއްވުމުން އަނބިމީހާގެ ސިފަ ކިޔުމަކީ ބައެއް ފިރިން ކުރަމުން ގެންދާ ކަމެކެވެ. އިސްކޮޅާއި ފަލަމިނާއި ހިކިމިނާއި ގައިގެ ކުލައަށްވެސް ފާޑުކިޔައެވެ. ނަތީޖާއެއްގެ ގޮތުން ފިރިމީހާ ލޮލަށް ފެނުނު ނަމަވެސް އެކަން ބިރަކަށްވާ ހާލަތަށްވެސް ކަންކަން އެބަގެންދެއެވެ.
ކައިވެންޏަށްފަހު އަނބިންނަކީ ފިރިމީހާގެ ބެލެނިވެރިކަމުގެދަށުގައިވާ ބައެކެވެ. އަނބިމީހާގެ ބެލެނިވެރިއަކީ ފިރިމީހާއެވެ. މިފަދަ ގޮތްތަށް ކަންކަން މެދުވެރިކުރާ ފިރިންނަކީ އެމީހުންގެ އަނބިންގެ ބެލެނިވެރިން ކަމުގައި ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
އަނބިމީހާއަކީ ވެސް އަދި ފިރިމީހާއަކީ ވެސް އަބަދު އެއް ސިފައަކަށް އެއް ބުރުސޫރައަކަށް ތިބޭނެ ބައެއް ނޫނެވެ. ސިފައަށް ބަދަލުތަކެއް އަންނާނެއެވެ. ކައިވެންޏަށްފަހު ބައެއް މީހުންގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައުދެއެވެ. އެއަންނަ ބަދަލުތައް އެކިމީހުންނަށް އަންނާނީ އެކިވަރަށެވެ! އެކަން ދެމަފިރިންވެސް ޤަބޫލުކުރަންވާނެއެވެ!
ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ ޝަރުޠަކީ ބޭރުފުށުގެ ސިފަކަމުގައި ނުހަދާށެވެ! ބޭރުފުށުގެ ސިފަ ބަދަލުވާނެއެވެ. އެއީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ވެސް ނޫނެވެ. ވީމާ އެއީ އެއްވެސް މީހެއްގެ ކުށެއް ކަމުގައި ދެކެގެން ނުވާނެއެވެ!
ކައިވެނި އުފަލުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަމަކީ އެކަކު އަނެކަކު ދެކެ ލޯބިވުމާއި އަޅައިލުމާއި އިޙްތިރާމްކުރުމާއި ޤަދަރުކުރުން ކަމުގައި ހަދާށެވެ! އިންސާނުންނަށް ވަނީ މިކަންކަން ދެމެހެއްޓުމުގެ ބާރާއި އިޚްތިޔާރު ދެއްވަވައިފައެވެ. ވީމާ އެއީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންކަމެވެ! ކައިވެނީގެ ޙަޤީޤީ ފޮނިމީރުކަން ލިބޭނީ އެކަންކަން ދެމެހެއްޓިވަރަކުންނެވެ!
- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން