ދުނިޔެ ހޯދަން ތެޅިފޮޅުނު ބިލިއަނަރަށް ދުނިޔެއިން ސަންދޯކުގެ ބޮޑުމިންވެސް ނުލިބި ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
ދުނިޔެ ހޯދަން ތެޅިފޮޅުނު ބިލިއަނަރަށް ދުނިޔެއިން ސަންދޯކުގެ ބޮޑުމިންވެސް ނުލިބި ޖެހުނު ޙާލުގެ ވާހަކަ-

އެއީ ކުޑައިރުންސުރެ ދުނިޔެއަށް ދަހިވެތިވީ މީހެކެވެ. ހުރިހާ ސަމާލުކަމެއް ތަނަވަސްކަން އިތުރުކުރަން ދިން މީހެކެވެ. އެކަންކަން އޭނާ ޙާޞިލުކުރިއެވެ. ބިލިއަނަރަކަށްވެވި އަމިއްލަ ޖެޓުގައި އުދުހެންވެސް ފެށިއެވެ. 

އެކަމަކު ޢުމުރުން 50 އަހަރުގައި މަރުވީ ޖެޓް ފަރުބަދައެއްގައި ޖެހި ގޮވައިގެންނެވެ. އޭނާގެ ހަށިގަނޑުވެސް ޖެޓްގައި ތިބި އޭނާގެ އެކުވެރިންގެ ތެރެއިން މީހެއްގެ ހަށިގަނޑުވެސް ނުފެނުނެވެ. އެހެންވެ އެންމެ ބޮޑެތި ފަޤީރުންނަށް ލިބޭ މިންވަރުވެސް ދުނިޔެއަކުން އޭނާއަކަށް ނުލިބުނެވެ. މިބުނީ ސަހަރާއިން ކޮންމެ މީހަކަށް ލިބޭ ސަންދޯކުގެ ބޮޑުމިނުގެ ޖާގަވެސް އޭނާއަށް ނުލިބުނު ވާހަކައެވެ. 

މުޅި ޢުމުރުގައި ކުރި މަސައްކަތުން ލިބުނު ތަނަވަސްކަން ބަދަލުވެގެންދިއައީ އެހެންބައެއްގެ އުފަލަކަށެވެ. ބައަކު އޭނާގެ ކާމިޔާބީގެ ވާހަކަ ދެއްކިނަމަވެސް އަހުރެންނަށް އޭނާއަކީ ހަމަ ސުމެއްގެ މީހެކެވެ. ދުނިޔެއިން އެކައްޗެއްވެސް ނުލިބުނުއިރު އާޚިރަތް ހޯދަން އެއްވެސް މިންވަރަކަށް ސަމާލުކަން ނުދޭކަން އޭނާގެ އަމިއްލަ ބަހުން އެނގެން އޮތަތީއެވެ. 

ކޮންމެ މީހަކަށްވެސް ދުނިޔޭގައި އުޅެވޭނީ ވަރަށް މަދު ދުވަސްކޮޅަކުކަން އެންމެންނަށްވެސް އެނގެއެވެ. އަދި މަރުވެ ވަޅުލެވޭނީ ހަމަ ހުސްއަތާކަންވެސް އެންމެންނަށް އެނގެއެވެ. އެކަމަކުވެސް ގިނަ ބައެއްގެ މުޅި ހަޔާތް ވޭތިކޮށްލަނީ ދުނިޔެ ޙާޞިލުކުރަން މަސައްކަތްކުރުމުގައެވެ. 

ސުވާލަކީ ދުނިޔެއިން އެއްވެސް ކަމަކަށް ބޭނުންވެގެން ނުވާނީ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ދުނިޔެއިންވެސް ބޭނުންވާންޖެހޭނެ މިންވަރެއް އެބައޮތެވެ. އެއީ ދުނިޔޭގައި އުޅެލަން ބޭނުންވާނެ މިންވަރެވެ. އެމިންވަރު ލިބުމުން ދެން އޮތީ އާޚިރަތް ހޯދަން މަސައްކަތްކުރުމެވެ. އެކަމަކަށް މިނެއް ނެތެވެ. އޮތީ އެމީހަކަށް ކެރުނު މިންވަރެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

އެއް ދުވަހަކު ސަހަރަކުން ވަރަށް ސިފަ ރީތި އަންހެނަކު ފެނުނެވެ. ސަހަރުގެ ހުރިހާ ބޮޑުންނާއި ތަނަވަސް މީހުން އަދި އެންމެންވެސް އޭނާއާއި ކައިވެނިކުރަން ބޭނުންވިއެވެ. އެކަމާއިހުރެ ބޮޑު ތަޅާފޮޅުމަކަށް ދިއުމުން އެކުއްޖާ ބުންޏެވެ. "ތަޅާފޮޅަން ނުހަދާށެވެ. އަހަރެންގެ ފަހަތުން ދުވާށެވެ. ކައިވެނިކުރާނީ އެންމެ ބާރަށް ދުވެ އެންމެ ކުރިން އަހަރެންނާއި އަރައި ހަމަކުރެވުނު މީހަކާއިއެވެ. 

ގިނަ ބައަކު އެކުއްޖާގެ ފަހަތުން ދުއްވައިގަތެވެ. ދުވަމުން ދުވަމުންގޮސް ހަކަތަ ހުސްވެ ވަރުބަލިވެގެން މަރުވެ ވެއްޓުނުއިރުވެސް ދުވީއެވެ. އެއްވެސް މީހަކަށް އޭނާއާއި އަރައި ހަމައެއް ނުކުރެވުނެވެ. އޭނާގެ ފަހަތުން ދުވި އެންމެން މަރުވުމުން އެނބުރިލާފައި އޭނާ ބުންޏެވެ. 

"މިތިބަ ބޮޑެތި މޮޔައިންތަކާއެވެ! ކަލޭމެން އެކަކަށްވެސް އަހަރެން އަތެއް ނުވާނެއެވެ! އަހަރެންނަކީ ދުނިޔެއެވެ! ދުނިޔެ ފަހަތުން ދުވީމާ ވާނެ ގޮތް ތިއަވީއެވެ. ކަލޭމެން ދުނިޔެއަށް ފޮނުއްވުނީ ދުނިޔެ ފަހައިދުވާކަށް ނޫނެވެ. އާޚިރަތް ލިބިގަންނަން މަސައްކަތްކުރާށެވެ! ވީމާ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ދުނިޔެ ޙާޞިލެއް ނުކުރެވޭނެއެވެ. ނަމަވެސް އާޚިރަތް ލިބިގަންނަން މަސައްކަތްކޮށްފި މީހަކަށް އާޚިރަތް ލިބިގަނެވޭނެއެވެ! އިން ޝާ ﷲ" 

މިއީ ދުނިޔެ ލިބިގަންނަން މަސައްކަތްކުރާ މީހުންނަށް އެކަން ޙާޞިލްނުކުރެވޭނެކަން ބަޔާން ކުރައްވައި ޢިލްމްވެރިއަކު ކިޔައިދެއްވާފައިވާ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ކިތަންމެ ބައިވަރެއް ލިބުނަސް ހިތްފުރިގެން ދުނިޔެއިން ނުކުމެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. އެކަން ބަޔާންކުރައްވަވައި ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވަނީ އާދަމްގެ ދަރިޔާއަށް ރަނުގެ ވާދީއެއް ލިބިއްޖެނަމަ ދެވަނަ ވާދީއަކަށް އެދޭނެ ކަމަށެވެ. ﷲ ދެއްވެވި މިންވަރުން ހިތް ނުފުރޭ މީހުންގެ ބަނޑު ފުރޭނީ މަރުވެ ވަޅުލެވުމުން ކިލަލުން (ވެލިން) ކަމަށެވެ. 

ވީމާ ދުނިޔޭގައި އުޅެން މިލިބޭ މަދު ދުވަސްކޮޅު މިކަންކަމަށް ވިސްނާށެވެ! ﷲ ތަޢާލާ އެމީހަކަށް ދެއްވެވި މިންވަރަށް ޝުކުރުވެރިވެ އާޚިރަތް ހޯދަން މަސައްކަތްކުރާށެވެ! ކުރިންވެސް ބުނި ފަދައިން އެއްވެސް މީހަކަށް ދުނިޔެ ޙާޞިލެއް ނުކުރެވޭނެއެވެ. ނަމަވެސް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްފިނަމަ އާޚިރަތް ޙާޞިލްކުރެވިދާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން