އިސާހިތަކު ރަމަޟާން މަސް ބައްދަލުކުރާނެ! އިން ޝާ ﷲ. ސަމާލުކަން ނުދެވިއްޖެނަމަ ކާމިޔާބުކުރަން ފަސޭހައެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
އިސާހިތަކު ރަމަޟާން މަސް ބައްދަލުކުރާނެ! އިން ޝާ ﷲ. ސަމާލުކަން ނުދެވިއްޖެނަމަ ކާމިޔާބުކުރަން ފަސޭހައެއް ނުވާނެ!

ފުރަތަމަކަމަކަށް ބުނެލަން އޮތީ ރަމަޟާން މަސް ނިމުމާއިއެކު ޚަޠިމް ނަގައި ފޮށްޓައްލާ ވާހަކަ އެއީ ގިނަ ބައަކަށް އެކަން ކުރެވޭ ގޮތުގެ ވާހަކައެވެ. ޚަޠިމް އެކަންޏެއް ނޫނެވެ. އަޅުކަންކުރުމާއިމެދުވެސް ޢަމަލުކުރެވެނީ ހަމައެފަދަ ގޮތަކަށެވެ. އެގޮތަށް އެކަންކުރެވޭ މީހުންނަކީ ނިމިގެންދިއަ ރަމަމާން މަހުން އެއްވެސް ފައިދާއެއް ޙާޞިލުކުރެވުނު ބައަކު ކަމަކަށް ނުބުނެވޭނެއެވެ.

މިދިއަ އަހަރުގެ ރޯދަމަސް ނިމި އަނެއް ރޯދަމަސް ގާތްވަމުން އަންނަނީއެވެ. އިތުރަށް މިއަހަރު ކުރެވެނީ ކޮން އަޅުކަމެއްހެއްޔެވެ؟ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ރަމަޟާން މަހަށްފަހު އިތުރަށް (ކުރީއަހަރަށްވުރެ) އަޅުކަމެއް ކުރަން ފެށެވުމަކީ ރަމަޟާން މަހު ހިފި ރޯދަ ކާމިޔާބުވި ކަމުގެ ހެއްކެކެވެ.

އެތައް ބައިވަރު އަޅުކަމެއްކުރަން މަސައްކަތްކުރި ރަމަޟާން މަސް ފާއިތުވެގެން ހިނގައްޖެއެވެ. މިހާރު ތިމާއަށް އަމަލުކުރެވެމުން އަންނަ ގޮތާއިމެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން ކުރަން މަސައްކަތްކުރާށެވެ!

ސުންނަތް ރޯދަ ހިފުން ގިނަކުރާށެވެ! އަދި އެނޫން އަޅުކަން ވެސް ކުރުން އިތުރުކުރާށެވެ! ހަމައެއާއިއެކު ރަމަޟާން މަހު ކުރި އަޅުކަމާއި ހިފި ރޯދަ ޤަބޫލުފުޅުކުރެއްވެވުން އެދި ގިނަގިނައިން ދުޢާކުރަމުން ގެންދާށެވެ! ހަމައެއާއިއެކު އަންނަ ރޯދަމަހު ދުނިޔޭގައި ލަހައްޓަވައި ރޯދަހިފައި އަޅުކަންކުރުމުގެ ނަޞީބު މިންވަރުކުރެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ.

އެހެންކަމުން ރަމަޟާން މަސް ނިމުމާއިއެކު ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން އެނގުމަށެވެ! ކިތަންމެ ބޭނުންވި ނަމަވެސް އެއީ މިދުނިޔޭގައި އެގޭނެ ކަމެއް ނޫނެވެ! އަހަރެމެންނަށް އެކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ރަސޫލް (ﷺ)ގެ ޞަހާބީ ބޭކަލުންވެސް ރަމަޟާން މަހަށްފަހު އެބޭކަލުން ހިއްޕެވި ރޯދަ ޤަބޫލުފުޅުކުރެއްވެވުން އެދި ވިދިގެން އަންނަ 6 މަސް ދުވަހު ތިއްބަވަނީ ދުޢާކުރެއްވެވުންމަތީގައެވެ.

މިކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ! "ރަމަޟާން މަހަށްފަހުގައިވެސް ރަމަޟާން މަސް ފަދައިން އަޅުކަން ކުރުމުގައި ސާބިތުވެވޭނަމަ އެއީ ހިފިރޯދަ ޤަބޫލުފުޅު ކުރެއްވެވި ކަމުގެ ޢަލާމާތެކެވެ. މިސާލަކަށް އެއީ ޢީދު ދުވަހު ވެސް ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރެވި ކީރިތި ޤުރްއާނުން ކޮންމެވެސް ކިޔަވައިލެވުނުނަމަ އަދި ރޭ އަޅުކަމުގެ މިންވަރެއް ނަމަވެސް ކުރެވުމެވެ. އަދި އެހެން ދުވަސްތަކާއި ރޭތަކުގައިވެސް އެގޮތުގައި ސާބިތުވެވުމެވެ."

މި ބަސްފުޅުން އެނގިގެންދަނީ ރަމަޟާން މަހަށްފަހު އަޅުކަންކުރުމާއި ދުރުހެލިވެވޭނަމަ އެއީ ފުރިހަމަ ގޮތުގައި ރޯދަ ހިފުނުކަމާއިމެދު ސުވާލު އުފެދޭ ކަމެއްކަމެވެ! ހިފި ރޯދަ އާއި ކުރި އަޅުކަން ފުރިހަމަކުރެވުނު ކަމާއިމެދު ސުވާލު އުފެދޭ ކަމެއް ކަމެވެ!

ރޯދަ ފަރުޟު ކުރެއްވެވި ޙިކުމަތަކީ ހިތުގައި ތަޤްވާވެރިކަން އިތުރުވުމެވެ. ރަމަޟާން މަސް ނިމުމުން އަޅުކަމާއި ދުރުހެލިވެވުނު ނަމަ އެކަމުން އަންގައިދެނީ ތަޤްވާވެރިކަން އިތުރުނުވާ ކަމެވެ. މިތަނުގައި އަޅުކަމާއި ދުރުހެލިވުން މި މާނަކުރަނީ ރަމަޟާން މަހު ކުރި ވަރަށް އަޅުކަން ނުކުރުމެއް ނޫނެވެ! ނަމަވެސް އެކަށީގެންވާ މިންވަރަކަށް ނުކުރެވުމަށެވެ!

ޢީދު ދުވަހު ތިބާކުރި ޢަމަލުތަކުން މިކަންކަމުގައި ވާނީ ވަރަށް ރަނގަޅަށް މިންއެޅިގެންގޮސްފައެވެ. ރޯދަ ފަރުޟު ކުރައްވަވައި ބާވައިލެއްވެވި ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުން މި ބުނި ބަހަށް ދަލީލު ލިބިގެންދެއެވެ! "--(މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިއަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިއަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިއަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރިވުމަށްޓަކައެވެ."

ޢީދު ދުވަހު ކުރަންޖެހޭ ކަންކަން ވެސް އެއޮތީ ވަޙީ ބަސްފުޅުން ފެންނާށެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވެ ތަކްބީރުކިޔައި އުޅުމެވެ! އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަމުގައި ދުވަސް ހޭދަކޮށްލުމެއް ނޫނެވެ.

ދުޢާއަކީ އަހަރެމެން އެންމެން ކުރާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމެވެ! ތަޤްވާވެރިކަން އިތުރުކޮށްދެއްވެވުމެވެ! އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން