މުސްކުޅިވާދުވަހު މައިންބަފައިންނަށް ކަރުނައަޅަންޖެހޭ އެންމެ ބޮޑު ސަބަބު ނައްތައިލެވޭނީވެސް ހަމަ މައިންބަފައިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
މުސްކުޅިވާދުވަހު މައިންބަފައިންނަށް ކަރުނައަޅަންޖެހޭ އެންމެ ބޮޑު ސަބަބު ނައްތައިލެވޭނީވެސް ހަމަ މައިންބަފައިންނަށް!

މުސްކުޅިވާ ދުވަހު މައިންބަފައިން އެންމެ ބޮޑަށް ދެރަވެ ކަރުނަ އަލަންޖެހޭ ސަބަބުތަކުގެ ތެރޭގައި މައިންބަފައިންގެ އިހްމާލުން މެދުވެރިވާ ކަންކަންވެސް އެބަހުއްޓެވެ. ތިރީގައި އެވަނީ އެންމެ ގިނަ ބައަކަށް އިހްމާލުވެވޭ މައްސަލައެވެ. ވިދާޅުވެ ހާލުންތެރިވެލައްވާށެވެ!  

އިސްލާމްދީނަކީ ފުރިހަމަ ދީނެވެ. އެދީނަށް އުޅޭމީހުންނަށް ފުރިހަމަޔަށް ޢަމަލު ނުކުރެވުމަކުން ދީން ފުރިހަމައެއް ނޫނޭ ބުނެވޭނެ ޖާގައެއް ނޯންނާނެއެވެ. ތިޔަލޮބުވެތި މައިންބަފައިންނަށް އަޅާލުމަށާއި ޢިޙްސާންތެރިވުމަށާއި އޯގާތެރިވުމަށާއި، ގައި ބާރު ދެރަވެ މުސްކުޅި އުމުރަށް ފޯރައިފިނަމަ “އުފް” އެއްގެ މިންވަރުވެސް ނުބުނުމަށް ތިޔަ ލޮބުވެތި މައިންބަފައިންގެ ދަރިންނަށް އަމުރުކުރީ އިސްލާމްދީން ނޫންތޯއެވެ. 

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

( وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا  ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾ )  ( އަލް އިސްރާއު 24-23 ) 

މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ.  (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވައިފާނދޭވެ! (24) " 

އެހެން ނަމަވެސް އަޅުގަނޑުމެންގެ ދަރިންނަށް އިސްލާމްދީނުގެ ފުރިހަމަ ތަޢްލީމު ނުދެވުމުގެ ހިތިކަން ތިޔަލޮބުވެތި މައިންބަފައިންނަށް ފެނިގެން ތިދަނީއެވެ. 9 މަސް ވަންދެން ތަޙައްމަލް ނުކުރެވޭ ވޭންތަކެއް ކަޑައްތުކުރުމަށްފަހު، އަންހެނަކަށްނޫނީ އިޙްސާސް ނުކުރެވޭހާ ވޭނަކަށްފަހު ތިމާގެ ދަރިފުޅު ވިހައި، އެދަރިފުޅަށް ގެއްލުންވާ އެންމެހާ ކަންތައްތަކުން ސަލާމަތްކޮށް ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާއެކު މައިންބަފައިންގެ ދެލޮލުގެ ނޫރުކަމަށް ދެކިގެން ބަލައި ބޮޑުކޮށް ކަންތައް ކުރުމުން، އެ އަގުބޮޑު ޤުރުބާނީތަކުގެ އަގު ތިޔަލޮބުވެތި މައިންބަފައިންގެ ދަރިންތައް އަދާކުރާގޮތް މިއަދު ތިފެންނަނީއެވެ. 

މުސްކުޅިވެ ގައިބާރު ދެރަވާދުވަހު އަޅާލުމެއް ނުލިބެއެވެ. ކޮންމެވެސް ހިސާބެއްގެ ބޭރުމީހަކާ ހަވާލުކޮށްލަނީއެވެ. މައިންބަފައިންގެ ޝަކުވާތައް ގިނަވުމުން ދަރިންނަށް މައިންބަފައިންގެ ކުރިމަތީގައި ހަޅޭއްލަވައި ޒުވާބު ކުރެވެނީއެވެ. މިއީ އިސްލާމްދީނުގެ ތަރުބިއްޔަތުން ތަރުބިއްޔަތު ނުކުރެވުމުގެ ހިތި ނަތީޖާއެވެ. ހެޔޮ ނުވާނެއެވެ! މިފަދަ ހިތިކަމެއް މެދުވެރިވާން ބޭނުންފުޅުނުވާނަމަ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރާށެވެ. ރާއްޖެޔަށް އެހެން ދީންތައް ވަނުމުގެ ކުޑަފުރުސަތެއްވެސް ނުދީ އިސްލާމްދީން ޙިމާޔަތްކުރަން ތިޔަލޮބުވެތި މައިންބަފައިންގެ އަތުކުރި އޮޅާލާށެވެ. އެހެންނޫނީ ހިތާމަކުރަންޖެހޭނެ ބަޔަކީ ހަމަ ތިޔަލޮބުވެތި މައިންބަފައިންނެވެ. 

އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން

 

 

މިއަދު އޮންލައިން