ތިމާއަކީ ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅެއްކަން އެނގެން ބެލިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ތިމާއަކީ ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅެއްކަން އެނގެން ބެލިދާނެ ބައެއް ކަންކަން-

މަސައްކަތްބުރަވެލާއިރަށް އެމީހަކުރަމުން އަންނަ ސުންނަތް އަޅުކަން ކުރުން ހުއްޓައިނުލާށެވެ! މިޘާލަކަށް ރަވާތިބް ސުންނަތް ކުރުން، ވިތުރިކުރުން، ސުންނަތް ރޯދަ ހިފުން، ފަދަ ކަންކަން ކުރުން ހުއްޓައިނުލާށެވެ! ސަބަބު މިކިޔައިދެނީއެވެ.  

ކީތިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ!  

"ތެދުމަގު ލިބިގެންފި މީހުންނަށް ﷲ ތެދުމަގު ދެއްކެވުން އިތުރުކުރައްވަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ޘަވާބު ލިބުމުގެގޮތުން އެންމެ ހެޔޮވެގެންވަނީ، އަދި ނަތީޖާގެގޮތުން އެންމެ ހެޔޮވެގެންވަނީ، ދެމިހުންނަނިވި ޞޯލިޙް ޢަމަލު ތަކެވެ." (މަރްޔަމް: 76) 

މިއާޔަތުން އެނގިގެން މިދަނީ އެމީހާ ކުރާ މަސައްކަތުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންފި މީހާ، އީމާންކަމުގައި އިތުރަށް ސާބިތުވަމުންދާނެކަމެވެ! އަޅުކަންކުރުން ގިނަކުރާނެ ކަމެވެ! ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުވަމުންދާނެ ކަމެވެ! އެހެނީ "ތެދުމަގު ލިބިގެންފި މީހުންނަށް ﷲ ތެދުމަގު ދެއްކެވުން އިތުރުކުރައްވަވަތެވެ."  

މިއާޔަތުން އެނގިގެން މިދަނީ އީމާންކަން ކުޑަވުމާއި އަޅުކަން ކުރުމުގައި ފަރުވާކުޑަކުރެވުމާއި ﷲ ތަޢާލާއަށް ބިރުވެތިވުން ކުޑަވުމާއި ތަޤްވާވެރިކަން ކުޑަ ނަމަ އެކަންކަމުން އެނގެނީ އެމީހަކު އެވަނީ ތެދު މަގު ލިބިގަންނަން އިތުރަށް މަސައްކަތްކުރަންޖެހިފައިވާ މީޙުންގެ ތެރެއިން ކަމެވެ!

ކޮންމެ މީހަކު ވެސް އެންމެ އުފާވާނީ އަދި އެންމެ ބޭނުންވާނެ އެއްކަމަކީ އެމީހަކުކުރާ ހެޔޮ އަމަލުތައް، ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާކަން އެނގުމެވެ. ނަމަވެސް އެއި މިދުނިޔޭގައި ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ!  

އެކަން އެނގުން ވަނީ ޤިޔާމަތް ދުވަހުގައެވެ! އެއިގެ ކުރިންނަމަ މަރުވުމުގެ ވަގުތުގައެވެ. އެހެނީ އެމީހެއްގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާފައިވާ ޞާލިޙް އަޅުންގެ ފުރާނަ ހިއްޕަވާނީ ރަޙްމަތުގެ މަލާއިކަތުންނެވެ! އޭނާގެ ހަށިގަނޑުން ފުރާނަ ނެރުއްވަވާނީ ނުހަނު އޯގާތެރިކަމާއިއެކުގައެވެ. މަރުވުމަށްފަހު އެމީހާއަށް އެއްވެސް ބިރެއް ނެތްކަމުގެ އުފާވެރި ޚަބަރުވެސް އެމީހަކަށް މަލާއިކަތުން ދެއްވަވާނެތެވެ! އެކަން އެމީހާއަށް އަންގަވާނެތެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާއަކީ ތެދުމަގު ލިބިގެންހުރި، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ހުރި މީހެއް ކަމަށް ބަލައި ފަރުވާކުޑަނުކުރާށެވެ! ތިމާގެ ޙާލަތު އަމިއްލައަށް އިމްތިޙާންކުރާށެވެ! އަމިއްލައަށް މިނެކިރާށެވެ! އިޞްލާޙްކުރަން ޖެހޭ ކަންކަން އިޞްލާޙްކުރަމުން ގެންދާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ވުމުގެ ފުރުޞަތަކީ ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވާ ފުރުޞަތެކެވެ! ފުރުޞަތު ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. އެފުރުޞަތު ހޯދުމަކީ ނުވަތަ ލިބިގަތުމަކީ އެމީހަކު ކުރަންޖެހޭ ކަމެކެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން