ހަނދުމަކޮށްދިނުމެއް!: އެމީހެއްގެ ކިބައިގައި މި 6 ސިފަ ހުރެއްޖެނަމަ ތައްފީޤް ލިބުމުގެ މަގު އެމީހަކަށް ބަންދުކުރައްވަވައިފާނެ-: އިބްންއަލް ޤައްޔިމް ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހަނދުމަކޮށްދިނުމެއް!: އެމީހެއްގެ ކިބައިގައި މި 6 ސިފަ ހުރެއްޖެނަމަ ތައްފީޤް ލިބުމުގެ މަގު އެމީހަކަށް ބަންދުކުރައްވަވައިފާނެ-: އިބްންއަލް ޤައްޔިމް ރަޙިމަހުﷲ

އަހުރެމެންނަށް ކޮންމެ ކަމެއްވެސް ކާމިޔާބް ކުރެވެން އޮތީ އެކަމަކަށް ﷲ ތަޢާލާ ތައުފީޤް ދެއްވެވުމުންނެވެ. ވީމާ ދުނިޔެ ކާމިޔާބުކުރަންވެސް އަދި އާޚިރަތް ކާމިޔާބުކުރަންވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ތައުފީޤް ލިބިގަންނަން މަސައްކަތްކުރުމެވެ. ތައުފީޤް ދެއްވެވުން އެދުމާއިއެކު ތައުފީޤް ދެއްވަވާނެ މަގުން ޢަމަލުކުރުމެވެ. 

އިބްންއަލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވަނީ އެމީހެއްގެ ކިބައިގައި މި 6 ސިފަ ހުރެއްޖެނަމަ ތައްފީޤް ލިބުމުގެ މަގު އެމީހަކަށް ބަންދުކުރައްވަވައިފާނެ ކަމަށެވެ. 

ފުރަތަމަ ސިފައަކީ: 

ﷲ ތައާލާ ނިޢްމަތެއް ދެއްވެވުމުން ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ބަދަލުގައި އެނީޢްމަތަކުން މަންފާ ހޯދަން މަސައްކަތްކުރުމެވެ. 

މިސާލަކަށް ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހޭދަކުރުމުގެ ބަދަލުގައި އެފައިސާއިން ތިމާއަށް ތަނަވަސްކަން އިތުރުކުރަން މަސައްކަތްކުރުން ފަދަ ޢަމަލުތައް ކުރުމެވެ. 

މިސާލަކަށް ލޮލަލަށް ފެނުމުގެ ނިޢްމަތް ދެއްވެވުމުން ﷲ ތަޢާލާ ބަލަން އަންގަވާފައިވާ ތަކެއްޗަށް (ޤުރްއާން ފަދަ) ނުބަލައި ޙަރާމްކުރެއްވެވި ތަންތަން ބެލުމެވެ. ހަމަ އެފަދައިން ބަންގީގެ އަޑު ނުއަހައި (ބަންގިއަށް ޢިޖާބަ ނުދީ) މިޔުޒިކް އަޑުއެހުމެވެ. 

ދެވަނަ ސިފައަކީ: 

ޢިލްމުވެރިވެ މީސްތަކުންނަށް ހެޔޮ ޢަމަލުކުރަން ނަޞޭހަތްދޭމީހާ އޭނާ ދޭ ނަޞޭޙަތާއި އެއްގޮތަށް ޢަމަލު ނުކުރުމެވެ. ކިތަންމެ ގިނަ ޢިލްމެއް ލިބިފައިވީނަމަވެސް ލިބިފައިވާ ޢިލްމަށް ޢަމަލުނުކުރާނަމަ ޘަވާބެއް ނުލިބޭނެއެވެ. 

ތިންވަނައީ: 

ފާފަކުރެވުމުން ތައުބާވުން ލަސްކުރުމެވެ. ފާފަކުރުމެއް ނެތެވެ. ފާފައެއް ކުރެވިއްޖެނަމަ އޮތީ އަވަހަށް ތައުބާވުމެވެ. ތައުބާވާކަށް ވަކިތަނެއް އަދި ވަކި ވަޤުތެއްވެސް ނެތެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ފާފައެއް ކުރެވިއްޖެނަމަ ކޮންމެ ތަނެއްގައި ހުރިނަމަވެސް ކޮންމެ ވަޤުތަކުނަމަވެސް އަވަހަށް ތައުބާވުމަށެވެ. 

ހަތަރުވަނައީ: 

ބޮޑާކަމާއި ކިބުރުވެރިކަން އެމީހެއްގެ ކިބައިގައި ހުރުމެވެ. ތިމާއަކީ އެހެންމީހުންނަށްވުރެ މޮޅު، މަތިވެރި މީހެއްކަމުގައި ޤަބޫލުކުރެވުމެވެ. 

ފަސްވަނައީ: 

އެމީހާ ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ނުކޮށް ދުނިޔެ ޙާޞިލްކުރަން މަސައްކަތްކުރުމެވެ. 

ހަވަނައީ: 

މަރުމަތިންނާއި އާޚިރަތް ދުވަސް އަންނާނެކަން ހަނދާން ނައްތައިލުމެވެ. 

ވީމާ މި 6 ސިފައިންކުރެ އެންމެ ސިފައެއްވެސް ތިބާގެ ކިބައިގައި ހުރިއަ ނުދޭށެވެ! އެސިފަތައް ދޫކޮށްލާށެވެ! ދުނިޔެވެސް އަދި އާޚިރަތްވެސް ޙާޞިލުކުރެވެން އޮތީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން