ފިރިމީހާ ރަށުގަ ނެތް ޙާލަތުގަ ފިރިމީހާގެ ގޭގަ އިންނާކަށް އަނބިމީހާއަކަށް ނުޖެހޭނެ! އެއީ ރައްކާތެރި ގޮތެއްވެސް ނޫން!: ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ފިރިމީހާ ރަށުގަ ނެތް ޙާލަތުގަ ފިރިމީހާގެ ގޭގަ އިންނާކަށް އަނބިމީހާއަކަށް ނުޖެހޭނެ! އެއީ ރައްކާތެރި ގޮތެއްވެސް ނޫން!: ޢާޞިމް އަލްޙަކީމް

އަޅުގަނޑުގެވެސް ފިރިމީހާގެވެސް ޢާއިލާގެ ގެދޮރު އެބަހުއްޓެވެ. ފިރިމީހާ މަސައްކަތްކުރަނީ ރިޒޯޓެއްގައެވެ. ރަށަށް އަންނަނީ އަހަރަކު އެއްފަހަރު މަހެއްހައި ދުވަހަށެވެ. ފިރިމީހާ ބޭނުންވަނީ އޭނާ ރަށުގައި ނެތަސް އޭނާގެ ގޭގައި އޭނާގެ ޢާއިލާއަށް ޚިދުމަތްކުރަން އިނުމަށެވެ. އެކަމަކު ސަބަބުތަކެއްވެސް ހުރުމާއިއެކު އަޅުގަނޑު ބޭނުންވަނީ ފިރިމީހާ ރަށުގައި ނުހުންނައިރު އަޅުގަނޑުގެ މައިންބަފައިންގެ ގާތުގައި އިންނާށެވެ.  

އެހެންވެ ފިރިމީހާ ރަށުގައި ނުހުންނައިރު އަޅުގަނޑުގެ މައިންބަފައިންގެ ގާތުގައި އިންނަނަމަ އަޅުގަނޑު ފާފަވެރިވާނެތޯ؟  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ހަމަ ތިއަ މައްސަލައިގައި ތިއަޒާތުގެ ސުވާލަކަށް ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވި ޖަވާބު ތިރީގައި އެވަނީއެވެ. އެޖަވާބުން އެނގޭ ގޮތުގައި ރަނގަޅު ގޮތަކީވެސް ފިރިމީހާ ރަށުގައި ނުހުންނައިރު އަނބިމީހާގެ އަމިއްލަ ޢާއިލާ އާއިއެކުގައި އިނުމެވެ.  

"އަޅުގަނޑުގެ ފިރިމީހާ މަސައްކަތްކުރަނީ ބޭރު ޤައުމެއްގައެވެ. ނަމަވެސް އޭނާ ބުނަނީ އޭނާގެ ޢާއިލާގެ ގާތުގައި ހުރުމަށެވެ. ފިރިމީހާ އެނބުރި އަންނަންދެން އަޅުގަނޑުގެ މައިންބަފައިންގެ ގާތުގައި އިންނަން ދިއުން ހުއްދަވާނެތޯއެވެ؟"  

ކައިވެނިކުރުމަށްފަހު އިންނާނެ ތަނެއް އަނބިމީހާއަށް ދެއްކުމަކީ ފިރިމީހާއަށް ކުރަންޖެހޭނެ ކަމެކެވެ. އެއީ ކޮންމެހެން ގަނޑުވަރަކަށްވާކަށް ނުޖެހޭނެއެވެ. ނިދާލައި ކައްކާ ކައި އުޅެލެވޭނަމަ އެނިމުނީއެވެ.  

ދެން އޮތީ ފިރިމީހާ ރަށުގައި ނުއުޅޭ ދުވަސްވަރު ފިރިމީހާގެ ގޭގައި އިންނަން ޖެހުމެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ފުރަތަމަ ކަމަކީ އަނބިމީހާއަކީ ފިރިމީހާގެ ޢާއިލާގެ ނޯކަރެއް ނޫނެވެ. އަނބިމީހާއަށް ޚިދުމަތްކޮށްދޭންޖެހޭނީ ފިރިމީހާއަށެވެ.  

ހަމައެއާއިއެކު ބައެއް ފަހަރު ކުރިމަތިވާ މައްސަލައަކީ ފިރިމީހާގެ ޢާއިލާގެ ގޭގައި އިންނަނަމަ އަންހެނަކަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް އަދާނުކޮށް ޅިޔަނުން އޭނާގެ ކޮޓަރިއަށް ވަދެހަދައެވެ. މިއީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫނެވެ. އަދި އެއީ ﷲ ތަޢާލާއަށް ބިރުވެތިވާ އެއްވެސް ފިރިއަކު ރުހި ޤަބޫލުވާނެ ކަމެއްވެސް ނޫނެވެ.  

ވީމާ ފިރިމީހާގެ ގޭގައި އިނުމަށް ހިތްހަމަނުޖެހޭނަމަ ޙާލަތަށް ބަލައި ފިރިމީހާ އެނބުރި އަންނަންދެން އަމިއްލަ ޢާއިލާއާއިއެކު ހުރުމުގެ ޙައްޤު އަނބިންނަށް ލިބިގެންވެއެވެ. އެގޮތަށް އެކަން ކުރުމަކުން އަނބިން ފާފަވެރިއެއްވެސް ނުވާނެއެވެ.  

މިފަދަ މައްސަލަތައް ގިނައިން ކުރިމަތިވަނީ ޢާއިލާއަށް ނޯކަރަކު ހޯދައިދިނުމުގެ ބޭނުމުގައި ކައިވެނިކުރާތީއެވެ. އެއީ ކައިވެނިކުރަންޖެހޭ ގޮތެއް ނޫނެވެ. ކައިވެނިކުރަންވާނީ ދެމީހުން އެކުގައި ދިރިއުޅުމަށެވެ. އެކަކު އަނެކަކަށް ޚިދުމަތް ކުރުމަށެވެ. ނަމަވެސް މިބުނި ނުބައި ޢާދަ މުސްލިމް ވަރަށް ގިނަ މުޖުތަމަޢުތަކުގައި އެބަ އޮތެވެ. އެއީ ވަރަށް ދެރަ ކަމެކެވެ.  

- ޖަވާބު ދެއްވީ: ޝައިޚް ޢާޞިމް އަލްޙަކީމް  

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން