ﷲ ސުބުޙާނަހޫ ވަތަޢާލާ ފެންނާނެތޯ؟ އަޅުގަނޑުމެން އިންސާނުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފެންނާނެތޯ؟
އާދެ! މޫސާ ޢަލައިހިއް ސަލާމްވެސް މިކަމަށް ވަނީ އެދިލައްވާފަ. އެހިނދު ކަން ވެގެން ދިޔަގޮތް ﷲ ސުބުޙާނަހޫ ވަތައާލާ ވަނީ އެކަލާންގެ ފޮތުގަ ބަޔާން ކޮށްދެއްވާފަ. -- " މޫސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ. އޭ ތިމަންގެ ވެރި އިލާހޭ، ތިމަންކަލޭގެފާނަށް އިބަ އިލާހު ފެނުމުގެ ނިޢުމަތް ލިބިދާނެތޯއެވެ؟" --- " އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ، ކަލޭގެފާނަށް ތިމަން އިލާޙެއް ނުފެންނާނެއެވެ." އެހެންކަމުން މި ދުނިޔެމަތީގަ ނުފެންނާނެ ކަން އެނގިގެންދޭ. --- " އެހެނެއްކަމަކު އެ ފަރުބަދައަށް ބަލާށޭ، އެ ފަރުބަދަ އެހުރިތާންގަ ހުރެއްޖެކަމުގައި ވާނަމަ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ." --- " އަދި އެ ފަރުބަދައަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފާޅުވެ ވޮޑިގަތް ހިނދު އެ ފަރުބަދަ ކުނޑި ކުނޑިވެ ބިމާ ހަމަވެގެން ދިޔައެވެ." --- " އަދި އެ ފަރުބަދައަށް ވީގޮތް މޫސާ ޢަލައިހިއްސަލާމްއަށް ފެނިވަޑައިގަތުމުގެ ސަބަބުން އެކަލޭގެފާނު ހޭފުޅު ނެތިގެން ވެއްޓުނެވެ."
އާދެ، މޫސާ ޢަލައިހިއްސަލާމްއަށް ފެނިވަޑައިގެންފައި މިވަނީ އަދި ﷲ ސުބުޙާނަހޫ ވަތަޢާލާއެއް ނޫން. މޫސާ ޢަލައިހިއް ސަލާމް އަށް ފެނިވަޑައިގެންފައި މިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ފަރުބަދައަށް ފައުޅުވެވޮޑިގެންނެވިހިނދު އެ ފަރުބަދައަށް ވީ ގޮތް. އެ ފަރުބަދައަށް ވީ ގޮތް އެކަލޭގެފާނަށް ފެނިވަޑައިގަތުމުންވެސް އެކަލޭގެފާނު ހޭފުޅު ނެތިފަމިވަނީ.
އާދެ، މޫސާ ޢަލައިހިއްސަލާމް އަކީ ނަބީ ބޭކަލެއް އަދި ރަސޫލު ބޭކަލެއް. އަދި (ޢުލުލް ޢަޒުމް މިނައް ރުސުލު) ގެ ތެރެއިން ހިމެނިވަޑައިގަންނަވާ މަތިވެރި ބޭކަލަކަށްވާއިރު އެކަލޭގެފާނަށްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތް މި ދުނިޔެމަތީގަ ލިބިވަދައިގެންފައެއް ނުވޭ. އަދި އެކަލޭގެފާނަކީ ހަށިގަނޑުގެ ގޮތުން ބެލި ކަމުގައި ވިޔަސް އެހާ ވަރުގަދަ ގަދަފަދަ ބޭކަލަކަށްވާއިރުގަ އެ ފަރުބަދައަށް ވީގޮތް ބައްލަވަންވެސް އެކަލޭގެފާނުގެ ހަށިގަނޑަށް ތަހައްމަލް ނުކުރެވޭ ކަމުގައި ވާނަމަ އަޅުގަނޑުމެން ކަހަލަ އާދައިގެ އިންސާނުންނަށް މި ދުނިޔެމަތީގަ އެކަން އަދި އަމުދުން ތަހައްމަލް ނުކުރެވޭނެކަން އަޅުގަނޑުމެންނަށް އެނގިގެންދޭ.
އެހެންނަމަވެސް އަޅުގަނޑުމެން ދަންނަންޖެހޭ ކަމަކީ، ސުވަރުގެ ވަންތަވެރިންނަށް ސުވަރުގޭގަ ދެވޭ އެންމެ މަތިވެރި ނިޢުމަތްކަން އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތަކީ. އެކަލާންގެ ވަނީ މިކަން އެކަލާނގެ ފޮތުގައި ބަޔާން ކުރައްވާފަ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުތަކުގަ ވަރަށް ސާފުކޮށް މިކަން އައިސަފައިވޭ. އެގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ --- " ހަމަކަށަވަރުން ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ވެރި އިލާޙު ފެނުގެންދާނެއޭ މިހިރަ ހަނދު ތިޔަބައިމީހުންނަށް ފެންނަ ފަދައިން ސާފުކަންމަތީ އެއްވެސް ކަހަލަ އުނދަގުލެއް ނެތި." އާދެ 14 ވިލޭރެއެއްގަ އެއްވެސް ކަހަލަ ވިލާކޮޅެއް ފުސްކޮޅެއް ނެތް އިރެއެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ 14 ވިލޭރޭގެ ހަނދަށް އިޝާރާތް ކުރައްވާ މިފަދައިން ޙަދީޘް ކުރައްވާފައިވަނީ، އެ 14 ވިލޭރޭގެ ހަނދު ފެންނަހާ ފަސޭހައިން ސުވަރުގެވަންތަ ވެރިންނަށް ސުވަރުގޭގެ އެބައިމީހުންގެ ރައްބު ފެންނާނެކަމުގަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާން ކުރައްވާފައިވަނީ.
އަދި އެހެން ޙަދީޘްއެއްގައި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ބަޔާން ކުރައްވާފައިވަނީ (އަރަބި) " ސުވަރުގެވަންތަވެރިން ސުވަރުގެއަށް ވަނުމާއެކު" (އަރަބި) " އެބައިމީހުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙި ކުރައްވާނެއެވެ. " (އަރަބި) " ތިޔަބައިމީހުން އެއްވެސް އެއްޗެއް ބޭނުންހޭ، ތިމަން ރަސްކަލާންގެ ތިޔަބައިމީހުންނަށްޓަކާ އެ އެއްޗެއް އިތުރު ކޮށްދެއްވާނަމެވެ." (އަރަބި) " އެހިނދު އެބައިމީހުން ބުނާނެއެވެ، އިބަ އިލާޙު ތިމަންމެންގެ މޫނުތައް އުޖާލާ ނުކޮށްދެއްވަމުތޯއޭ؟ އިބަ އިލާޙު ތިމަންމެން ސުވަރުގެ ނުވައްދަވަމުތޯއޭ؟ އަދި ނަރަކައިން މިންޖު ނުކޮށްދެއްވަމުތޯއޭ. (އަރަބި) " އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ފަރުދާ ކަޝްފު ކުރައްވާ އެ އިލާޙު ފެނުމުގެ ނިޢުމަތް އެ ސުވަރުގެވަންތަ ވެރިންނަށް ދެއްވާނެއެވެ. (އަރަބި) " އބައިމީހުންނަށް ސުވަރުގޭގައި އެބައިމީހުންގެ ވެރި ރަސްކަލާންގެ ފެނުމުގެ ނިޢުމަތަށްވުރެ މަތިވެރި އެހެން އެއްވެސް ނިޢުމަތެއް ދެވިފައެއް ނުވާނެއެވެ." މާނައަކީ ސުވާރުގެވަންތަވެރިންނަށްވެސް ދެވޭ އެންމެ މަތިވެރި ނިޢުމަތަކީ އެއީ ﷲ ސުބުހާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތެވެ.
އާދެ، ސުވަރުގޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތް އެ ސުވަރުގެވަންތަވެރިންނަށް ލިބުމުގެ ސަބަނުން އެބައިމީހުންގެ މޫނުތައް އުޖާލާ ވާނެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ބަޔާން ކުރައްވާފަ. އެކަލާންގެ ވަޙީ ކުރައްވާފައިވަނީ --- " އެދުވަހުން އެބައިމީހުންގެ މޫނުތައް އުޖާލާވެ އަލިވެގެން ދާނެއެވެ" އެއީ ކީއްވެގެންތޯ؟ --- " އެބައިމީހުންގެ ރައްބު ފެނުމުގެ ނިޢުމަތް އެބައިމީހުންނަށް ލިބުމުގެ ސަބަބުން." އާދެ މުޢުމިނުން ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދުނިޔެމަތީގައި ނުފެނުނު ކަމުގައިވިޔަސް އެކަލާންގެއަށް ޢީމާންވެ އެކަލާންގެ އެންގެވިގޮތަށް އުޅުމުގެ ސަބަބުނ، އެކަމުގެ ނަތީޖާއެއްގެ ގޮތުން ސުވަރުގޭގައި އެކަލާންގެ ފެނުމުގެ ނިޢުމަތް މި ލިބިގެންދަނީ.
އަދި ނަރަކަވަންތަވެރިންނަށް އެ އިލާޙު ފެނުމުން މަޙްރޫމް ވެގެންދާނެކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ބަޔާންކުރައްވާފަ. --- " ހަމަ ހިލާ އެހެންނަކުން ނުވާނެއޭ، އެބައިމީހުން ވާނީ އެދުވަހުން އެ އިލާޙު ފެނުމުގެ ނިޢުމަތުން މަޙްރޫމްވެގެންނެވެ." އަދި ނަރަކަވަންތަ ވެރިންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ނުފެނުމަކީ މީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ދެއްވާ ޢުޤޫބާތުގެ ތެރެއިން ހިމަނުއްވާފައިވާ ކަމެއް. ޢަދެ ސުވަރުގެވަންތަވެރިންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފެންނާނެކަން މީ ޢުއްމަތުގެ އެންމެހާ ޢިލްމުވެރިން އިޖުމާއު ވެލައްވާފައިވާ ކަމެއް. އިޖުމާއު ގެ މާނައަކީ އެއްވެސްކަހަލަ އިޚްތިލާފެއް އެއްވެސް ޢިލްމުވެރިއެއްގެ މެދުގައި ނުވާ ކަމެކޭ މިކަމަކީ މީ.
އާދެ! އެހެންކަމުން މި ދުނިޔެމަތީގަ އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ނުފެނުނު ކަމުގައި ވިޔަސް އެކަލާންގެ އެންގެވިގޮތަށް އުޅޭ ބަޔަކު ކަމުގައި ވާން އަޅުގަނޑުމެން މަސެއްކަތް ކުރަންވީ. އެކަން އެގޮތަށް ކޮށްފިކަމުގައި ވާނަމަ، ސުވަރުގެވަންތަވެރިންނަށް އަޅުގަނޑުމެން ވެއްޖެކަމުގައި ވާނަމަ ސުވަރުގޭގައި އެކަލާންގެ ފެނުމުގެ ނިޢުމަތް އަޅުގަނޑުމެންނަށް ލިބިގެންދާނެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތް ލިބޭ ބަޔަކު ކަމުގައި ލެއްވުން.
- ޝައިޚް މުޙައްމަދު ޣާލިބް