ލޮބުވެތި ކަނބަލުންނަށް!: ދަތިޙާލެއް ކުރިމަތިވުމުން ކަންބޮޑުނުވޭ! ތިއަކަނބަލުން ކުރާ ޝަކުވާގެ އަޑު 7 އުޑުމަތިން ﷲ ތަޢާލާ އައްސަވާ ވޮޑިގެންވާކަން ޤުރްއާނުން ޘާބިތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ލޮބުވެތި ކަނބަލުންނަށް!: ދަތިޙާލެއް ކުރިމަތިވުމުން ކަންބޮޑުނުވޭ! ތިއަކަނބަލުން ކުރާ ޝަކުވާގެ އަޑު 7 އުޑުމަތިން ﷲ ތަޢާލާ އައްސަވާ ވޮޑިގެންވާކަން ޤުރްއާނުން ޘާބިތު!

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންނަކީ މާޔޫސްވާންޖެހެންވީ ބައެއް ނޫނެވެ! ކުރަން އޮތް ކަމަކީ ޙައްޤު ގޮތުގައި ޘާބިތުވުމެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރުމެވެ! ސަބަބުވެސް މިބުނަނީއެވެ. މިބުނާ ބަހުގެ ޙަޤީޤަތް ކީރިތި ޤުރްއާނުން އެއޮތީ ފެންނާށެވެ!  

އެބޭކަނބަލެއްގެ ފިރިމީހާ އާއިބެހޭ ގޮތުން އެބޭކަނބަލެއް ކުރެއްވެވި ޝަކުވާ ހަތްއުޑު މަތިން މާތް ﷲ އައްސަވައިވޮޑިގެން ޤުރްއާނުގެ އާޔަތްތަކެއް ބާވައިލެއްވި ކަމަނާއަކުވީކަން އެނގިވަޑައިގަންނަވާ ނޫންތޯއެވެ؟ މިދަންނަވަނީ ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާގެ ވާހަކައެވެ.  

ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަކީ އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ޞަޙާބިއްޔާތުންގެ ތެރެއިން ވަރަށް ދަރަޖަ މަތިވެރި ޞަޙާބިއްޔާއެކެވެ. އެކަމަނާ ކުރެއްވި ޝަކުވާއަކާ ގުޅިގެން އިސްލާމީ ފިޤުޙުގެ މުހިންމު ޙުކުމެއް އަރަހުށި މާތްﷲ ވަނީ ބާވައިލައްވައިފައެވެ. ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަކީ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމުގައިވެސް ވަރަށް ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. 

ކަންއޮތީ މިމަގުން ކަމަށްވާއިރު ކޮންމެ މީހަކުވެސް މިފަދަ ކަންކަމާއިމެދު ވިސްނާލަން ޖެހެއެވެ. ތިމާއަށް ޙަޤީޤީ ކާމިޔާބު ލިބޭނީ ޝައިޠޯނާގެ ފަހަތުން ދުވުމުންތޯ ނުވަތަ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލައި ކިޔަމަންވެގެންތޯ ވިސްނައިލުން މިއަދު ވަރަށް މުހިންމެވެ.  

ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް ﷲ ތަޢާލާގެ މަގުން ދުރަށް ނުޖެހޭށެވެ. ޙައްޤު މަގުގައި ޘާބިތުވާށެވެ. ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ދަރިން ނިންދަވާފައި ދާންވީ ކޮފީތަކަކަށް ނޫނެވެ. އަވަހަށް ނިދާފައި އަވަހަށް ހޭލައިގެން އަރަންވީ މުސައްލަ މައްޗަށެވެ! ރޭއަޅުކަންކޮށް ދުޢާކުރާށެވެ! އުފާވެރިކަން ލިބޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން