ނުރައްކާތެރި ކަމެއް! އަމިއްލަ ދަރިން ލައްވައި ދަރިންނަށް އެސްފީނާ ޖެއްސުވުން- މައިންބަފައިން ސަމާލުކަންދީ ހުއްޓާލަން ޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ނުރައްކާތެރި ކަމެއް! އަމިއްލަ ދަރިން ލައްވައި ދަރިންނަށް އެސްފީނާ ޖެއްސުވުން- މައިންބަފައިން ސަމާލުކަންދީ ހުއްޓާލަން ޖެހޭ ކަމެއް!

ގިނަ ބައަކަށް ކަންކަން ވިސްނެނީ އެއްފަޅިންނެވެ. ވަށައިގެން ވިސްނައިލެވެނީ މަދުމީހަކަށެވެ. އެހެންވެ ކަމެއް ދިމާވާއިރަށް ވިސްނެނީ ދުރުން އައި ޙަމަލާއެއް ކަމަށެވެ. އަމިއްލަ ކުށުން މެދުވެރިވި ކަމެއްކމާއިމެދު ވިސްނައިވެސް ނުލެވެއެވެ.

އެގޮތުން ބަލާއިރު ގިނަ ބައަކަށް ގިނައިން ކަންބޮޑުވެވެނީ އެހެން މީހުން ތިމާގެ ދަރިންނަށް ހަސަދަވެރިވެދާނެތީ ނުވަތަ އެސްފީނާ ލައިފާނެތީއެވެ. ދަރިއަކަށް ކިރިޔާ ކަމެއް ކުރިމަތިވި ނަމަވެސް އެކަން ފުރަތަމަވެސް އަޅުވަނީ ކޮންމެވެސް މީހެއްގެ ބޮލުގައެވެ. ޝައްކުކުރަނީ މާދުރުގައި ހުންނަ ކޮންމެވެސް މީހަކަށެވެ.

އެގޮތަށް ވިސްނާއިރު ތިމާ ޢަމަލުކުރާ ގޮތުން ތިމާގެ ސަބަބުން ތިމާގެ އަމިއްލަ ދަރިން އެކުދިންގެ އަޚުންނާއި އުޚުތުންނަށް ޙަސަދަވެރިވެ އެސްފީނާ ލައިފާނެ ކަމާއިމެދު ވިސްނައިލަމުހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ފުދޭވަރަކަށް ގިނަ މައިންބަފައިންނަކީ އެމީހުންގެ އަމިއްލަ ދަރިން ލައްވައި އަމިއްލަ ދަރިންނަށް އެސްފީނާ ޖައްސުވާ ބައެކެވެ. މިހެން ބުނުމުން އެއީ ކޮން މައަކު ނުވަތަ ބަފައަކު ކުރުވާނެ ކަމެއް ކަމާއިމެދު ސުވާލުކޮށްފާނެއެވެ.

ވީމާ ރަނގަޅަށް އަޑުއަހާށެވެ! އެކަން ކުރުވަން މައިން ބަފައިން ކުރާ ކަމަކީ ވަކި ދަރިއަކު ނުވަތަ ވަކިދަރިންތަކެއް ރަންފުތު ކުރުވަނީއެވެ. ދަރިންގެ މެދުގައި ތަފާތުކުރަނީއެވެ! ހަމަ ވަރަށް ކުޑައިރު މިކަން ކުދިންނަށް އިޙްޞާޞްވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން މައިންބަފައިން ރަންފުތުކުރާ ދަރިއަށް ދުވަތަ ދަރިންނަށް، ބާކީކޮށްފައި ބައިތިއްބާ ދަރިންގެ ނަފްރަތުލިބެން ފަށައެވެ. ހަސަދަލާން ފެށި އސްފީނާ ލެވެން ފަށައެވެ.

ވީއިރު މިއީ މައިންބަފައިން އަމިއްލައަށް ކުރުވާ ކަމެއް ނޫން ހެއްޔްވެ؟ އަމިއްލަ ދަރިން ލައްވައި އަމިއްލަ ދަރިންނަށް ދެމުން ގެންދާ ބޮޑު އަނިޔާއެއް ނޫން ހެއްޔެވެ؟

ޙަސަދަވެރިވުމަކީ ދަރިންގެ މެދުގައި ހިނގާނެ ކަމެއްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ! ވީއިރު މިފަދަ ޒަމާނެއްގައި ހަމައެކުދިންގެ ކުރިމަތީގައި ދަރިންނަށް ތަފާތުކޮށް ރަންފުތު ކުރަމުން ގެންދާނަމަ ޙަސަދަވެރިކަމާއި އެސްފީނާގެ ވަބާގެ ކަންކަން އިތުރުވެގެންދާނެ މިންވަރަށް ވިސްނައި ވެސް ނުލަނީ ކީއްވެގެން ހެއްޔެވެ؟

ޔަޢްޤޫބްގެފާނު، ދަރިކަލުން ޔޫސުފްގެފާނަށް ވިދާޅުވި ބަސްފުޅަށް ވިސްނައިލާށެވެ!

قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا- (ޔޫސުފް: 5)

"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައި ނުދޭށެވެ. ފަހެ، އެއުރެން ތިބާއަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ!"

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން