އެއްވެސް މުސްލިމެއްގެ ޙަޔާތް ރަނގަޅު ޙަޔާތަކަށް، ބާއްޖަވެރި ޙަޔާތަކަށް ނުވާނެ ފަތިސްނަމާދާމެދު ފަރުވާ ކުޑަކޮށްގެން. އަޅުގަނޑުމެންގެ ތެރޭގައި ޙަޤީގަތުގައި ފަތިސްނަމާދާމެދު ފަރުވާކުޑަކުރާ މީހުން ވަރަށް ގިނަ ވެއްޖެ. ވަރަށް ގިނަ ރަށްރަށުގައި ފަތިސްނަމާދުން އަޅުގަނޑުމެންނަށް މިސްކިތުން ވަރަށް މަދު މީހުންކޮޅެއް ފެނިގެން ދަނީ. މީ ވަރަށް ހިތާމަ ކުރަންޖެހޭ ކަމެއް.
ޣައިރު މުސްލިމަކު ލިޔުނު ފޮތެއްގައި އޭނާ ބުނެފައިވޭ "މުސްލިމުންގެ ހުކުރު ނަމާދަށް މީހުން ތިބޭ ޢަދަދަށް ފަތިސް ނަމާދަށް މީހުން ތިބޭ ނަމަ އިސްލާމުންނަކީ އަބަދުވެސް އެންމެ ކުރީ ސަފުގައި ތިބޭނެ މީހުންނެވެ." އޭނަ ބުނާ ގޮތުގައި މިއަދު މުސްލިމުންނަށް ލިބިފައި މިވާ ހުރިހާވެސް ދެރައެއްގެ ހިތާމައެއްގެ ނަތީޖާއަކީ ފަތިސްނަމާދާމެދު އެމީހުން ފަރުވާ ކުޑަކޮށްލުން. ވީމާ، ކޮންމެ މުސްލިމަކު، އޭނާގެ ޙަޔާތަކީ ބާއްޖަވެރި ޙަޔާތަކަށް ހެދުމަށްޓަކާ އިރާކޮޅު ނިދަން އާދަކޮށް ފަތިސްނަމާދަށް ތެދުވަން އާދަކުރަންވީ.
ފަތިސް ނަމާދަކީ ވަރަށް ބަރަކާތްތެރި ނަމާދެއް. އެނަމާދަށް ކީރިތި ޤުރުއާނުގައި ﷲ ނަން ދެއްވާފައިވަނީ "ޤުރުއާނުލް ފަޖްރު" ގެ ނަމުން. ވަޙީކުރައްވާ އަންގަވާފައިވަނީ -- " އަދި ޤުރުއާނުލް ފަޖްރި، އެބަހީ ފަތިސްނަމާދު، އެ ނަމާދު ކުރާމީހާއަށް ހެކިލިބެނިވި ނަމާދެއްކަމުގައި އެ ނަމާދު ވިއެވެ. "
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި އައިސްފައިވޭ " ރޭގަނޑު އިންސާނާ ނިދާއިރު އޭނާގެ ބޮލުގެ ފުށްކިބައިގައި ޝައިޠާނާ 3 ގޮއް ޖަހާކަމަށް. ޙަދީޘްފުޅުގައި އައިސްފައިވަނީ ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލި އޭނާ ތެދުވެއްޖެކަމުގައި ވާނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ އެއް ގޮށް މޮހިގެން ދާނެކަމަށް. އަދި ވުޟޫ ކޮށްފިކަމުގައި ވާނަމަ ޝައިޠާނާ ޖެހި ގޮށްތަކުގެ ތެރެއިން ދެވަނަ ގޮށްވެސް މޮހިގެން ދާނެކަމަށް. އަދި އޭނާ ފަތިސްނަމާދު ކޮށްފިކަމުގައި ވާނަމަ ޝައިޠާނާ ޖެހި އެންމެ ފަހު ގޮށްވެސް މޮހިގެން ދާނެކަމަށް.
އާދެ، ފަތިސްނަމާދު ކުރުމެއްނެތި ކޮންމެ އިންސާނަކު އޭނާގެ ދުވަސް ފަށައިފިކަމުގައި ވާނަ ޝައިޠާނާ ޖެހި ހުރިހާ ގޮށްތަކަކާއިއެކު އޭނާގެ ދުވަސް އޭނާ ހޭދަކުރަން ޖެހޭނީ. ދެން ދުވަހުގައި ކޮން ބަރަކާތެއްތޯ އޮންނާނީ؟ ވީމާ، ފަތިސްނަމާދަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ. ވަރަށް ބޮޑަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ ނަމާދެއް ފަތިސްނަމާދު އެއީ.
- ޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން