ކޮންމެ މުޖުތަމަޢުއަކަށް ބަލައިލި ނަމަވެސް ކައިވެނިކޮށް ޢާއިލީ ދިރިއުޅުމެއް ފަށާ ޢުމުރުގެ އެތައް ބައަކު ކައިވެނިނުކޮށް، ނުވަތަ ކައިވެނި ނުކުރެވިފައި ތިބޭތަން ފެންނާނެއެވެ! ގިނަ ފަހަރު މި ޙާލަތު މެދުވެރިވަނީ ތިމާމެންގެ ފެންވަރާއި ދަރިންގެ ފެންވަރާއި ދަރިން ކައިވެނިކުރަން ބޭނުންވާ މީހާގެ ފެންވަރާއި އަޅައި ކިރަން މައިން ބަފައިން ބޭނުންވާތީއެވެ!
ކައިވެނި ކުރެވޭ މީހާގެ ނަސަބަށާއި ތަނަވަސްކަމަށާއި އެފަދަ ދުނިޔަވީ ކަންކަމަށް ބަލާތީއެވެ. މީސްތަކުންނޭވެ! މިގޮތަށް ކަންތައް ކުރުމުން ކަންކަން އެކުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަކަށް ނޫނެވެ. މުސްލިމުންނަކީ ކައިވެނިކުރެވޭމީހާގެ ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނިކުރަން ޖެހޭ ބައެއްކެވެ. ދުނިޔަވީ އެއްވެސް ކަމަކަށް ބެލުމެއް ނެތެވެ!
އެންމެ ރަނގަޅެވެ! ނިކަން ބުނެބަލާށެވެ! ފަޤީރަކާއި ނުވަތަ ނަސަބުގެ ގޮތުން ދރަ މީހަކާއި ކައިވެނިކުރިމާ ވާނީ ކިހިނަކުން ހެއްޔެވެ؟ އެދެމަފިރިންގެ ޙަޔާތުގައި ﷲ ތަޢާލާ ލައްވަވާނެ ބަރަކާތް އެނގޭނީ ކާކަށް ހެއްޔެވެ؟ އަދި އެންމެ ބޮޑު އެއް ނުރައްކަލަކީ ކައިވެނި ކުރިއަ ނުދިނުމުން އެދެމީހުން އަމއްލައަށް ކައިވެނިކޮށްގެން އެމީހުން ކުރަން ބޭނުންވާ ކަންކަން ކުރަމުން ގެންދާ ކަމެވެ.
މައިންބަފައިން ވިސްނަން ޖެހޭ އެންމެ މުހިންމު ކަމަކީ ކައިވެނިކުރިއަ ނުދިނުމުން އެދެމީހުން ކުރާ ފާފަތަކާއިމެދުގައެވެ. ކައިވެނިކޮށްގެން ވެސް ކުރާނެ ކަންކަން ކައިވެނި ނުކޮށް ތިބެ ކުރީމާ އެކުރެވޭ ފާތަކާއިމެދުގައެވެ. އެކަންކަމުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ؟
"ﷲ ތަޢާލާ އަންގަވާފައިވަނީ ތަޤްވާވެރިއަކު ކައިވެންޏަށް އެދިއްޖެ ނަމަ އެކައިވެންޏެއް ކޮށްދިނުމަށް! ތިބާ ތިއަ ބުނަނީ ކައިވެނިކޮށެއް ނުދޭނަމޭ! އެހެންކަމަށްވާނަމަ އުފާވެރިކަން ހަނދާން ނައްތައލާ! އުފާވެރިކަމެއް ނުލިބޭނެ! ދަރިންނަކަށްވެސް ނުލިބޭނެ! މައިންބަފައިންނަކަށްވެސް ނުލިބޭނެ!"
"ޙަދީޘްފުޅުގަ އޮތީ ދީންވެރިކަމަށާއި އަޚްލާޤަށް ބެލުމަށް! ހަމަ އެ ޙަދީޘްފުޅުގައި އޮތީ އެގޮތަށް އެކަން ނުކޮށްފިނަމަ އުފެދޭނީ ފިތުނަ އާ ޙަސަދަވެރިކަން. ނަމަވެސް މިއަދު ގިނަ މީހުން އެ ޙަދީޘްފުޅު އަޑުއަހަންވެސް ބޭނުމެއް ނުވޭ! ނުކޔަމަންތެރިކަން މިހައިވަރަށް ބޮޑުވީމާ ލިބޭނީ ކޮން އުފާވެރިކަމެއް؟"
އަބަދުވެސް ބުނާ ފަދައިން ޙަލާލް ދަތިނުކުރާށެވެ! ޙަރާމް ފަސޭހަ ނުކުރާށެވެ! އެއިރުން އެ ޢަމަލުކުރެވެނީ ﷲ ތަޢާލާ އެންގެވި ގޮތަކަށް ނޫނެވެ!
--މުފްތީ މެންކުގެ ދަރުސަކުން