ބަދުރް ހަނގުރާމައިގަ މައްކާގެ މުޝްރިކުންނަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ސައްލާކޮށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޝަހީދުކޮށްލަން މީހަކު މައްކާއިން މަދީނާއަށް ގޮސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިއަހަށް ދިއައެވެ. ނުވަތަ މަދީނާގައި އުޅުނެވެ.
އޭނާ އާއި ބައްދަލުވެވަޑައިގަތުމުން އޭނާ މަދީނާއަށް އައި ސަބަބާއިމެދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ސުވާލުކުރެއްވެވުމުން ދެންނެވީ ބަދުރު ހަނގުރާމައިގައި އޭނާގެ ދަރިއަކު އަސީރުކުރެވިފައިވާކަމަށާއި ބޭނުމަކީ ދަރިފުޅާއި ބައްދަލުކުރުން ކަމަށެވެ.
އޭނާ އެހެން ބުނިނަމަވެސް އޭނާ މަދީނާއަށް ދިއަ މަޤްޞަދު ﷲ ތަޢާލާ ވަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށް އަންގަވާދެއްވަވައިފައެވެ. އެހެންވެ އޭނާ މަދީނާއަށް ދިއަ ސަބަބާއިމެދު ތަކުރާރުކޮށް ސުވާލުކުރައްވަމުން ގެންދެވުމުން ވެގެންއުޅޭ ގޮތް އޭނާއަށް ވިސްނުނެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަކީ އާދައިގެ އިންށާނެއް ނޫންކަމާއި މާމަތިވެރިކަންބޮޑު ބޭކަލަކުކަން ޔަޤީންކުރެވުމުން ޝަހާދަތް ކިޔައި އިސްލާމްވީއެވެ.
މީސްތަކުންނޭވެ! މިއަދުވެސް އަހުރެމެން ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ސަލާމަތާއި ރައްކައުތެރިކަން މިންވަރުކުރައްވަވައެވެ. ރަނގަޅު ގޮތްތައް މިންވަރުކުރައްވަވަތެވެ.
ނިކަން ވިސްނައިލަބަލާށެވެ! ޢުމުރުގެ މިހާތަނަށް އާދެވުނުއިރު ކުރިމަތިވާން އުޅުނު ކިތައް އެކްސިޑެންޓުން ތިބާ ސަލާމަތްކުރައްވަވައިފިހެއްޔެވެ؟ ތިބާއަށް ގެއްލުންލިބޭ ގޮތަށް ކުރެވެން އުޅުނު ކިތައް ކަންތައް ނުކުރެވޭނެ ގޮތަށް މިންވަރުކުރައްވަވައިފިހެއްޔެވެ؟ ތިބާއަށް ފައިދާކުރާނެ ކިތައްކަންތައް މިންވަރުކުރައްވަވައިފި ހެއްޔެވެ؟
މީސްތަކުންނޭވެ! މިބުނި ކަންކަމަށް ވިސްނޭނީ ސިކުނޑި ހުޅުވާލައިގެން އިޚްލާޞްތެރި ސާފު ޠޯހިރު ހިތަކުން ވިސްނުމުންނެވެ. އެގޮތަށް ވިސްނައިފި މީހެއްގެ ހިތް އުފަލުން ފުރިގެންދާނެއެވެ. ޝުކުރުވެރިވެ އެންމެ ތަޤްވާވެރި މީހުންގެ ތެރޭގައިވުމަށް ގަދައަޅައި މަސައްކަތްކުރާނެއެވެ!
- ޝައިޚް ހިޝާމް އަބޫ ޠޫސުފްގެ ދަރުސަކުން