ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ!
"ތިމަންރަސްކަލާނގެ މުސާގެފާނާއި، އެކަލޭގެފާނުގެ އަޚް (ހާރޫނުގެފާނު) އަށް ވަޙީ ކުރެއްވެވީމެވެ. ތިއަ ދެބޭކަލުންގެ ޤައުމުގެ މީހުންނަށް މިޞްރުގައި ގޭގެ ހައްދަވާށެވެ! އަދި ތިއަބައިމީހުންގެ ގޭގޭގައި ނަމާދު ޤާއިމް ކުރާށެވެ! އަދި ކަލޭގެފާނު މުއްމިން ތަކުންނަށް (ނަޞްރު ލިބޭނެކަމުގެ) އުފާވެރި ޚަބަރު ދެއްވާށެވެ!" (ޔޫނުސް: 87)
މިއާޔަތުގެ ތަފްސީރުގައި ޢިލްމްވެރިން ބަޔާންކުރައްވަވާފައިވަނީ ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ ގެތަކުގައި ނަމާދުކުރުމަށްކަމަށެވެ! ވީމާ ފިރިހެނުން ޖަމާޢަތުގައި މިސްކިތުގައި ކުރާ ނަމާދު ނޫން ނަމާދުތައް ގޭގައި ކުރެވޭނަމަ ގޭގައި ކުރުން ގިނަކުރާށެވެ! އެކަމުގެ ސަބަބުން ގެތަކަށް ދިރުން ގެނެސްދޭށެވެ!
ގޭގައި ނަމާދުކޮށް ޛިކުރްކޮށް އަދި ކީރިތި ޤުރްއާން ކޔެވުން ފަދަ ކަންކަން ކުރާނަމަ ރަޙްމަތުގެ މަލާއިކަތުން އެގެއަށް ވަދެވަޑައިގަތުން ގިނަކުރައްވަވާނެތެވެ. ގިނަގިނައިން ވަދެވަޑައިގަންނަވާނެތެވެ! ވީމާ ގޭގައި އަޅުކަންކުރުން ގިނަ ކުރުމަކީ ތިމާ ދިރިއުޅޭގެއަށް ވަދެވަޑައިގަތުމަށް މަލާއިކަތުންނަށް ދައުވަތު އެރުވޭ ކަމެކެވެ! ނުވަތަ އެކަމަށް މަލާއިކަތުންނަށް އެރުވޭ ދަޢުވަތެކެވެ.
މީގެ އިތުރުން އެގެއެއްގައި އަޅުކަންކުރުން ގިނަކުރާވަރަކަށް ޝައިޠޯނާ އެގެއަކާއި ދުރުހެލިވާނެއެވެ. ދުރަށް ޖެހޭނެއެވެ. ވީމާ ގޭގައި އަޅުކަންކުރުން ވެގެން މިދަނީ ޝައިޠޯނާ ގެއާއި ދުރަށް ފައްސައިލެވޭ ކަމަކަށެވެ. އަދި ރަޙްމަތުގެ މަލާއިކަތުން ގިނަގިނައިން ގެއަށް ވަދެވަޑައިގަންނަވާ ކަމަކަށެވެ.
ވީމާ ގެތަކަކީ ފަޅު ތަނަކަށް ނުހަދާށެވެ! ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިއަބައިމީހުން ދިރިއުޅޭ ގެތަކަކީ ފަޅު ޤަބުރުސްތާނު ތަކަކަށް ނުހެދުމަށެވެ. ގެތަކުގައި ނަމާދުކޮށް ގެތަކަށް ދިރުން ގެނައުމަށެވެ!
--މަޢްލޫމާތު ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު