ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! އެންމެ ލޯބިވާ ދަރިފުޅު ދާދި ހަގު ޢުމުރުގައި މަރުވެ އަހުރެމެންނާއި ވަކިވެއެވެ. އެންމެ ލޯބިވާ ފިރިމީހާވެސް އަދި އަނބިމީހާވެސް އަދި މައިންބަފައިންވެސް މަރުވެ އަހުރެމެންނާއި ވަކިވެއެވެ. އެމީހުން އަހުރެމެންނާއިއެކު ދުނިޔޭގެ ތިބޭނެ މުއްދަތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
ދެން މިބުނަނީ ބުނަން ބޭނުންވާ އަޞްލު ވާހަކައެވެ. ކިތަންމެ ބޮޑަށް ލޯބިވެ ލޯބިދީގެން އުޅުނަސް އަނބިމީހާވެސް އަދި ފިރިމީހާވެސް ތިމާ ދޫކޮށްލާފައި ވަކިވެގެން ހިނގައިދާނެއެވެ. އެމީހުން ތިބާ އާއިއެކުގައި ތިބޭނެ މުއްދަތުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އޭނާ ވަކިވެގެން ދިއަނަމަވެސް ތިބާ ދިރިއުޅެންޖެހޭނެކަނމާއި ދިރިއުޅޭނެ މުއަދަތުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ޔަޤީންކޮށް ހިތްވަރު ލިބިގަންނާށެވެ! އެއްވެސް މީހަކު ތިމާއާއި ވަކިވުމަކީ އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައި ނުވާ އެއްވެސް ކަމަކާއި ކުރިމަތިލާންޖެހޭނެ ސަބަބެއް ނޫނެވެ. ކުރިމަތިވާނީ އިރާދަފުޅު ކުރެއްވެވި ކަމެއް އެކަންޏެވެ. ވީމާ އަހުރެމެންނަށް އޮތީ ކޮންމެ ޙާލެއްގައިވެސް ޝުކުރުވެރިވުމެވެ. ﷲ ތަޢާލާގެ ރަޙްމަތަށް ޔަޤީންކުރުމެވެ.
އެކަންކުރެވޭނީ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ބޭއްވިގެންނެވެ. އެގުޅުން ބޭއްވޭނީ ތިމާ އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމަށް ހަދައިގެންނެވެ. ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށްގެންނެވެ. އެކަންކަން ކުރެވޭނަމަ ބައިވެރިޔާ ތިމާ ދޫކޮސްލާފައި ދިއަޔަސް އެކަމާއި ދެރަވެ ހިތާމަކުރާކަށް ނުޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން