ކައިވެނީގެ ބޭރުން އުފަންވާ ކުދިންނަށް ދެރަބަސް ނުބުނާށެވެ! ޤިޔާމަތް ދުވަހު އެކުދިންވެސް ތިބޭނީ ހަމަ އެހެން މީހުންނާ އެއްސަފެއްގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކައިވެނީގެ ބޭރުން އުފަންވާ ކުދިންނަށް ދެރަބަސް ނުބުނާށެވެ! ޤިޔާމަތް ދުވަހު އެކުދިންވެސް ތިބޭނީ ހަމަ އެހެން މީހުންނާ އެއްސަފެއްގައެވެ!

މިފަދަ ތަހުޒީބީ ޒަމާނުގައިވެސް ބޯދާ ޒަމާނުގެ ޚިޔާލުތައް ގެންގުޅެވެއެވެ. މުޝްރިކުންގެ ވިސްނުން ގެންގުޅެވެއެވެ. އެގޮތުން ކުރެވޭ އެއްކަމަކީ ޒިނޭކޮށްގެން ލިބިފައިތިބޭ ކުދިންނަކީ ދަށުދަރަޖައިގެ ބައަކު ކަމަށް ދުށުމެވެ. އެފަދަ ކުދިންނަށް ނުބައި ބަސްތައް ބުނުމެވެ. އެފަދަ ކުދިންނަކީ ދެވަނަ ދަރަޖައިގެ ބައަކު ކަމަށް ވިސްނުމެވެ. އެކުދިންނަށް މަލާމާތް ކުރުމެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުގައި އިންސާނާގެ ދަރަޖަ އުފުލިގެންދަނީ ތަޤްވާވެރިކަމުންނެވެ. ކުއްޖާ އުފަންވި ގޮތަކުންނޫނެވެ. ޒިނޭގެ ސަބަބުން އުފަންވި ކުއްޖަކުނަމަވެސް ތަޤްވާވެރިކަމުގައި ކުރިއަރައިގެން ހިނގައްޖެނަމަ ޙަލާލުގޮތުގައި ލިބިފިފައި ތިބިނަމަވެސް ތަޤްވާވެރިކަން ކުޑަ ކުދިންނަށްވުރެ މަތީ ދަރަޖަ ދެއްވަވާނެތެވެ. އިން ޝާ ﷲ  

މިއީ ބައެއް ކިޔުންތެރިންގެ ފަރާތުން ސުވާލުތައް ލިބެމުން އަންނަ ކަމަކަށްވާތީ ކަމުގެ ޙަޤީޤަތް ހާމަކޮށްލާނަމެވެ.  

ﷲ ތައާލާއީ އެންމެ ޢަދުލުވެރި ރަސްކަލާނގެއެވެ. އެއްވެސް މީހަކަށް ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރައްވަވާނެތެވެ. ދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުގައިވެސް ﷲ ތަޢާލާ ޢަޛާބު ދެއްވަވަނީ އެމީހަކު ކުރި ފާފަފައަކަށެވެ. އެހެންމީހުން ކުރާ ފާފަތަކަކަށް ނޫނެވެ. ވީމާ ކޮންމެ މީހަކަށްވެސް އުފުލަންޖެހޭނީ އެމީހަކު ކުރި ފާފައެކެވެ. އެހެން މީހަކު ކުރި ކުށެއްގެ ފާފަ އުފުލާކަށް ނުޖެހޭނެއެވެ.  

ކައިވެނީގެ ބޭރުން ކުދިން އުފަންވަނީ އުފަންވާ ކުއްޖާގެ އެއްވެސް ކުށެއް ނެތިއެވެ. ކުށްކުރަނީ ކުއްޖާގެ މަންމައާއި ބައްޕައެވެ. ކުއްޖާ މައިމީހާގެ ބަނޑުގައި އަށަގަންނަނީވެސް އެދެމީހުން ކުރާ ކުށެއްގެ ސަބަބުން ކަމަށްވުމުން އެކަމުގައި އެކުއްޖާގެ އޮންނާނީ ކޮން ކުށެއްތޯއެވެ؟   

ބައެއް މީހުން ހީކުރަނީ ޤިޔާމަތް ދުވަހު އެފަދަ ކުދިންނަށް އެކި ގޮތް ގޮތުން ނިކަމެތިކަން ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. އެފަދަ ކުއްޖަކަށްވީތީ އެކުއްޖާއަކަށް އެއްވެސް ޙައްޤެއް ގެއްލިގެންނުދާނެއެވެ. އެކަމަށް ދެއްވަވާ ޖަޒާއެއް ދެއްވަވާނީ ޒިނާކުރި ދެމީހުންނަށެވެ. އެކަމުގައި ދަރިފުޅުގެ ބޮލުގައި ޛައްރެއްގެ މިންވަރުވެސް ނުއެޅޭނެއެވެ.  

(ކޮންމެ ފަދަ ފާފައެއް ކުރެވުނަސް ތައުބާވުމުން ފުއްސަވައިދެއްވަވައެވެ. ވީމާ ފާފައެއް ކުރެވުމަކީ މައްސލައެއް ނޫނެވެ. މައްސަލައަކަށްވާނީ ތައުބާނުވެ ހުރެއްޖެ ނަމައެވެ.)  

މަޢްލޫމާތު: ޑރ. އިޔާޟްގެ ދަރުސަކުން 

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން