ދަރިފުޅަށް އެންމެ މަތީ ނަތީޖާ ނުލިބުމުން ދަރިންގެ ހިތްވަރު އެލޭފަދަ ބަސްތައް ބުނުމަކީ ދަރިންގެ ހިތްވަރު އެލި ނަފްސާނީ ގޮތުން ބަލިކަށިވެ ކިޔެވުމަށް ހުރަސްއެޅޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ދަރިފުޅަށް އެންމެ މަތީ ނަތީޖާ ނުލިބުމުން ދަރިންގެ ހިތްވަރު އެލޭފަދަ ބަސްތައް ބުނުމަކީ ދަރިންގެ ހިތްވަރު އެލި ނަފްސާނީ ގޮތުން ބަލިކަށިވެ ކިޔެވުމަށް ހުރަސްއެޅޭ ކަމެއް!

އަޅުގަނޑުމެންގެ ތިބީ 3 ދަރިންނެވެ. އެއް ކުއްޖަކު ކިޔަވަން ވަރަށް މޮޅެވެ. އަނެއް 2 ކުދިން ފާސްވަނީ މެދުމިނުގައެވެ. އެހެންވެ ފޯމު ގެންނަ ކޮންމެ ދުވަހަކު ކުދިންގެ ބައްޕަ (އަޅުގަނޑުގެ ފިރިމީހާ) އެ 2 ކުދިންނަށް ވަރަށް އެއްޗެތި ގޮވައެވެ. މަސައްކަތް ނުކުރަނީ ކަމަށްވެސް ބުނެއެވެ.

ފިރިމީހާ އެގޮތަށް ކަންތައް ކުރިނަމަވެސް އެކަނިވުމުން ކުދިންނަށް ހިތްވަރުދެމެވެ. ބައްޕަ އެކިޔާ އެއްޗެއްސަށް ކަންބޮޑުނުވަންވެސް ބުނަމެވެ.

އަޅުގަނޑުގެ ސުވާލަކީ އެއީ ކޮށްގެންވާނެ ކަމެއްތޯއެވެ؟ އެކަން އެގޮތަށް ކޮށްގެން ކުދިންނަށް ލިބޭނެ ކުރިއެރުމެއް އޮންނާނެތޯއެވެ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ މައްސަލައަކީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ. އެހެންވެ މައްސަލައިގައި ވިސްނައިދެއްވަން މުފްތީ މެންކް ދައްކަވާފައިވާ ތިރީގައިވާ ވާހަކަފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ

ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ހުނަރު ހުންނާނީ އެކިވަރަށެވެ. އެކި ކަންކަމަށެވެ. ހަމައެއާއިއެކު ކިޔެވުމަށް މަސައްކަތްކުރިނަމަވެސް ކޮންމެ ފަހަރަކު އެންމެ ރަނގަޅު ނަތީޖާވެސް ނުލިބިދާނެއެވެ.

މިފަދަ ކަންކަމުގައި ދަރިން ކުށްވެރިކޮށް އެކުދިން މާޔޫސްވާފަދަ ބަސްތައް ނުބުނާށެވެ! ބައެއް މީހުން އެއްވެސް ވަރަކަށް ވިސްނައިލުމެއްނެތި ދަރިންނާއި ދިމާއަށް ބުނެގެން ނުވާނެ ބަސްތައް ބުނާކަން އެއީ ވަރަށް ދެރަކޮށް ކުރާ ކަމެކެވެ. ދަރިފުޅަކީ ތޫނުފިލިކަމެއް ނެތް، ދެރަ، އަދި ހުތުރު ކުއްޖެއް ކަމަށްވެސް އެބަ ބުނެއެވެ.

މިފަދަ ބަސްތައް ޚާއްޞަކޮށް މައިން ބަފައިން ބުނުމުން އެކުދިންނަކީ އެފަދަ ކުދިން ކަމަށް ކުދިންނަށް ޤަބޫލުކުރެވެއެވެ! ނަތީޖާއެއްގެ ގޮތުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެނެދެއެވެ. މޮޅުވާނެ ކުއްޖެއް ނޫން ކަމަށާއި ސިފަ ހުތުރު ކުއްޖެއް ކަމަށްވެސް ޤަބޫލުކުރެއެވެ.

އެކަން އެގޮތަށް މެދުވެރިވަނީ އެކުދިންގެ މޮޅުކަމާއި ރީތިކަމުގެ އަގު އެންމެ ބޮޑަށް ވަޒަންކުރަންޖެހޭ ބައިންބަފައިން އެފަދަ ބަސްތައް ބުނުމުންނެވެ! އުންމީދުތައް ކެނޑިގެންދަނީއެވެ! މިފަދަ ޙާލަތަށް ދަރިން ވައްޓާލުމަކީ ދަރިން ދިރިތިއްބައި މަރައިލުން ފަދަ ކަމެކެވެ!

އެންމެ ފަހަރަކަށް ނަމަވެސް ހިތަށް ގެންނަންވީ ތިމާ އާއިމެދު އެފަދަ ބަހެއް ތިމާގެ މައިން ބަފައިން ބުނެފި ނަމަ، ޚާއްޞަކޮށް ކުޑައިރު، ތިބާގެ އަމިއްލަ އެއްވެސް ބާރެއް ނުފޯރުވޭ އުމުރުގައި ހުރިހާ ކަމެއް މައިން ބަފައިން ބަލަހައްޓައިދޭ ޢުމުރުގައި ބުނެފިނަމަ ތިމާގު ހިތަށް ކުރާނެ އަސަރަށެވެ! ތިމާއަށް ކުރެވޭނެ އިޙްޞާޞް ތަކަށެވެ.

20 ދަރިވަރުން ތިބޭ ކްލާހެކެވެ! ދަރިފުޅަށް 5 ވަނަ ލިބުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ ކިޔަވަނީ 10 މާއްދާއެވެ! އެންމެ މާއްދާއަކުން ފޭލްވިނަމަ ވާނީ ކީއްހެއްޔެވެ؟ ކްލާހުގައި ތިބި 15 ކުދިން ފަހަތަށް ޖައްސާފައި 16 ވަނަ ލިބުނީމާ ދަރިފުޅަކީ ދެރަކުއްޖަކަށްވާންވީ ކީއްވެގެން ހެއްޔެވެ؟ ކިޔެވި 10 މާއްދާގެ ތެރެއިން 9 މާއްދާއިން ފާސްވީމާ ދަރިފުޅަކީ ތޫނުފިލި ކުއްޖަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟

ކިޔެވުމުން ފޭލްވި ކިތައް މީހުންނަށް އެމީހުންގެ އަމިއްލަ މަސައްކަތުން ކުރިއަރައި މިލިއަނަރުންނަށްވުމުން ނުވަތަ އެހެންވެސް ގޮތަކުން ކާމިޔާބީ ޙާޞިލުކުރުމުން އެތައް ބައިވަރު ޔުނިވަރސިޓީތަކުން "އޮނަރަރީ ޑޮކްޓޮރޭޓްކަން" ދީފައިވޭ ހެއްޔެވެ؟ އިހާނެތި ބަސްތައް ބުނެ އަމިއްލަ ދަރިން މަރަމުން ގެންދާއިރު މިކަންކަމަށް ވިސްނައިވެސް ނުލަނީ ކީއްވެގެން ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން