ވަޒީފާގައި މީހަކު ކުރިއަރައިދިއުމުން ޙަސަދަވެރިނުވާށެވެ! ތިބާއަށް ކުރިއެރުން ނުލިބުނީ ލެއްވެވި ރަޙްމަތަކަށް ކަމަށް ގިނަފަހަރު އޮންނަނީވެފައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ވަޒީފާގައި މީހަކު ކުރިއަރައިދިއުމުން ޙަސަދަވެރިނުވާށެވެ! ތިބާއަށް ކުރިއެރުން ނުލިބުނީ ލެއްވެވި ރަޙްމަތަކަށް ކަމަށް ގިނަފަހަރު އޮންނަނީވެފައެވެ!

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ އެމީހަކު ކުރާ މަސައްކަތެއްގައި ކުރިއަރައިދެވުމެވެ. މިޘާލަކަށް ވަޒީފާއެއްގައި އުޅޭނަމަވެސް އަވަހަށް ޕްރަމޯޝަން ލިބެން ބޭނުންވާނެއެވެ. ނަމަވެސް އެންމެންނަށް ކުރިއެރުން ލިބެނީ އެއްވަރަކަށް ނޫނެވެ.

އެޙާލަތުގައިވެސް މާޔޫސްނުވާށެވެ! ޙަސަދަވެރިވެސް ނުވާށެވެ! އަނެކާއަށް ކުރިއެރުން އެލިބުނީ އޭނާއަށް ރަނގަޅަކަށް ނުވަތަ ދެރައަކަށް ކަމެއްވެސް ނުއެނގޭނެއެވެ. އަދި ތިބާއަށް ކުރިއެރުން ނުލިބުނީ ތިބާއަށް ރަނގަޅަކަށް ކަމަށްވެސް ވެދާނެއެވެ.

މިހާރުވެސް ހިނގަމުންދާ މައްސަލައެއް ފާހަގަކޮށްލާނަމެވެ. ކުންފުންޏެއްގައި ވަރަށް އާދައިގެ މަޤާމެއްގައި ހުރި މީހަކަށް ކުއްލިއަކަށް އެމްޑީކަން ލިބުނެވެ. ދުވަސްކޮޅަކުން ވަޒީފާ ގެއްލުނެވެ. އޭނާއަސް ޖެހުނީ ފިލައިގެން ރާއްޖެއިންދާށެވެ. އޭނާއަށް ކުރެވިފައިވާ ކަންކަމުގެ ސަބަބުން ފުލުހުން މިހާރުވަނީ އޭނާ ހޯދަން ނޯޓިސްވެސް ނެރެފައެވެ. އެއިރު ކުރިއެރުން ނުލިބި ތިބި މުވައްޒިފުން އަދިވެސް އެތިބީ ވަޒީފާގައެވެ. އެއިގެ ތެރެއިން ގިނަ ބައަކަށްވަނީ އެކި ފެންވަރުގެ ޕްރަމޯޝަންވެސް ލިބިފައެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

މީހަކަށް ރަޙްމަތެއް މިންވަރުކުރެއްވެވުމުން ޙަސަދަވެރިނުވާންވީ އެންމެ ބޮޑު އެއް ސަބަބަކީ އެކަކަށް ރަޙްމަތަކަށްވާކަންކަން އެއީ އަނެކާއަށް ހަލާކަކަށްވެސް ވެދާނެ ކަމެވެ. އެކަން ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވެއެވެ.

އެކަކު ނަޖާވުމުގެ ސަބަބު އެއީ އަނެކަކު ހަލާކުވުމުގެ ސަބަބަކަށްވެސް ވެދާނެއެވެ!

ﷲ ގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި އެއިލާހުގެ ކޮންމެ މަޚްލޫޤެއް އެއިލާހު އިރާދަކުރައްވާ ކޮންމެ ކަމަކަށް ބޭނުން ކުރެވިގެން ދެއެވެ. އެއީ އިދިކޮޅު ދެކަން ކަމުގައިވިޔަސް މެއެވެ. މޫސާ ޢަލައިހިއްސަލާމުގެ ނަޖާކުރެއްވުން ކަމުގައިވި ސަބަބުން ފެން، ވެގެންދިޔައީ ފިރްޢައުނުގެ އައުވާނުން ހަލާކު ކުރައްވާ ޣަރަޤު ކުރެއްވުމުގެ ސަބަބަށެވެ.

މޫސާ ޢަލައިހިއްސަލާމުގެ މަންމައަށް ﷲ ތަޢާލާ އިލްހާމް ކުރެއްވިއެވެ.

فَلْيُلْقِهِ الْيَمُّ بِالسَّاحِلِ (طه 39)

"މޫސާ ލައިފާވާ ފޮށި ކޯރު ތެރެއަށް އެއްލާލާށެވެ."

ފިރްޢައުނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

فَأَغْرَقْنَاهُمْ فِي الْيَمِّ (الأعراف 136)

"ފަހެ އަހުރެން، އެބައިމީހުން ކަނޑުގައި ޣަރަޤުކުރެއްވީމެވެ."

އެކަކު ނަޖާވުމުގެ ސަބަބު އެއީ އަނެކަކު ހަލާކުވުމުގެ ސަބަބަކަށްވެސް ވެދާނެއެވެ. ހުރިހާވެސް ކަމަކީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ.

ޝައިޚް މުޙައްމަދު ޝާފިޢު

ކީރިތި ޤުރްއާނުން ޝައިޚް ޝާފިޢް ދައްކަވައިދެއްވަވާފައި އެވަނީ ވަރަށް ފުރިހަމަ މިސާލެކެވެ! އެހެނީ ދެ ފަހަރު މަތިން ފެން ނުވަތަ ލޮނު ގަނޑަކީ މޫސާގެފާނަށް ސަލަމާތްކަން ލިބިވަޑައިގެންނެވި ރަޙްމަތެއް ކަމުގައި ލެއްވެވިއެވެ.

ފުރަތަމަ ފަހަރަކީ މޫސާގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތުމުން ގެންދަވައި ކޯރުގެ ތެރެއަށް ދޫކޮށްލަންވަން މަންމާ ފުޅަށް އެންގެވި ހިނދެވެ! ދެވަނަ ފަހަރަކީ ފިރިއަޢުނާއި އޭނާގެ ލަޝްކަރުގެ ކިބައިން ސަލާމަތްވެވަޑައިގަތުމަށް ﷲ ގެ އަމުރުފުޅަށް ކަނޑުގެ އައްސޭރީގައި އަސާކޮޅުން ޖެއްސެވުމުން ކަނޑު ހުރަސްކުރައްވަވައި ކުރިއަށްވަޑައިގަންނަވަނެ މަގުފަހިވެގެންދިއަ ޙާދިސާއެވެ. މި ދެ ހާދިސާގައިވެސް މޫސާގެފާނަށް ﷲ ތަޢާލާ ސަލާމަތްކަން ދެއްވެވީ ފެން ނުވަތަ ލޮނުގަނޑު މެދުވެރިކުރައްވަވައެވެ.

ދެން ބަލައިލަންވީ އެ ބޮޑު ބިޔަ ބާރުގަދަ ތަނަވަސްކަން ލިބިގެން ހުރި ފިރުއަޢުނަށެވެ. ﷲ ތަޢާލާ އޭނާ ޣަރަޤު ކުރެއްވެވީ ކަނޑަށެވެ! ﷲ ތައާލާގެ އަމުރުފުޅަށް އެ ނުބައި ނުލަފާ ޖައްބާރު ފިރުއަޢުނު ޖަހައިގަނެ އޭނާގެ ނުބައިކަމުން ދުނިޔެ ސަލާމްތަކޮށްދިނީ ކަނޑެވެ. މިހާރުގެ ނަމުންނަމަ ރެޑް ސީ އެވެ.

 

މިއަދު އޮންލައިން