ފަޤީރަކު ކަމަކު އެދުނު ވަގުތު ކުދި ފައިސާ ނެތީތީ އެހީތެރި ނުވެ ފޮނުވާލުމަކީ ފަހުން މާރުކުރާނެ ފައިސާ ނުލިބިދާނެ ވަރުގެ ބޮޑު ނުބައި ކަމެއް!: މުފްތީ މެކްން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފަޤީރަކު ކަމަކު އެދުނު ވަގުތު ކުދި ފައިސާ ނެތީތީ އެހީތެރި ނުވެ ފޮނުވާލުމަކީ ފަހުން މާރުކުރާނެ ފައިސާ ނުލިބިދާނެ ވަރުގެ ބޮޑު ނުބައި ކަމެއް!: މުފްތީ މެކްން

ފަޤީރަކު އޭނާގެ ބޭނުމެއް ނުފުއްދިގެން ކަމަކު އަތުވެއްޖެނަމަ ވެވެން އޮތް މިންވަރަކުން އެހީތެރިނުވެ ދޫކޮށްނުލާށެވެ! އެހެނީ ޞަދަޤާތް ކުރަން ފުރުޞަތު ދެއްވަވަނީ ﷲ ތަޢާލާއެވެ. އެއްގޮތަކުން ބަލާއިރު އެއީ އިމްތިޙާން ކުރެއްވެވުމެކެވެ. އަނެއް ގޮތަކުން ބަލައިފިނަމަ އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން އެމީހަކަށް ދެއްވެވި ފުރުޞަތެކެވެ.

ވީމާ ޞަދަޤާތެއް ކުރަން ލިބޭ ފުރުޞަތު ލިބޭ ވަޤުތު ޖީބުގައި އެވަގުތު މާރުކޮށްފައި ފައިސާ ނެތް ނަމަ މާރުކުރާށެވެ! މާރުކޮށްގެންވެސް އެމީހަކަށް އެހީތެރިވާށެވެ! އެއިރުން ތިބާއަށް ﷲ ތަޢާލާ މާގިނަ ފައިސާ ދެއްވަވާނެތެވެ! ﷲ ތަޢާލާގެ ރަޙްމަތް އިތުރުކޮށްދެއްވަވާނެތެވެ! އިންޝާ ﷲ

ހަމައެޢާއިއެކު އިތުރު އެއްކަމެއް މި މަޤާމުގައި ހުރެ ފާހަގަކޮށްލާނަމެވެ! އަތަށް ފައިސާ އެރުމުން އެވަގުތު ނުފުދިފައި ހުރި ކަންކަން ފުއްދުމަށް ޚަރަދުކޮށް ހުސްކޮށްނުލާށެވެ! ބަޖެޓްކުރާށެވެ! އެ ބަޖެޓުގެ ތެރެއިން ޚަރަދުކުރާށެވެ! ބަޖެޓުކޮށްގެން ޚަރަދުކުރުމަކީ ކާމިޔާބީގެ ދެބައިކުޅައެއްބައެވެ.

އަމިއްލަ ވޮލެޓުގައި ފައިސާ ހުރެމެ ފަޤީރަކު ކަމަކު އެދުމުން އެވަގުތު އަތުގައި މާރުކުރި ކުދި ފައިސާ ނެތުމުން އެހީތެރި ނުވެ ފޮނުވައިލުމަކީ ފަހުން މާރުކުރާނެ ފައިސާ ނުލިބިދާނެ ވަރުގެ ބޮޑު ނުބައި ކަމެކެވެ. އެހެނީ ތިބާގެ ޖީބުގައި ފައިސާ ހުރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ނިކަމެތި މީހާއަށް ދިން ޖަވާބުވެސް ވަގުތުން ދެނެވޮޑިގެންވެއެވެ!

ހަނދާނުގައި ބަހައްޓާށެވެ! ތިބާގެ ޖީބުގައިި ހުންނަ ފައިސާއަކީ އެއްވެސް ޙާލެއްގައި ތިބާގެ މޮޅުކަމުން ހޯދިފައިވާ ފައިސާއެއް ނޫނެވެ! އެއީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ޖީބަށްލާން ލިބިފައިވާ ފައިސާއެކެވެ. އެފައިސާ ތިބާގެ ޖީބަށްލާން ދެއްވެވި ފަދައިއިން އިތުރު ފައިސާއެއް ތިބާއަށް ނުދެއްވެވުމަށްވެސް ﷲ ތަޢާލާ ހަމަ ކުޅަދުންވަންތައެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން