ޢާއިލީ ދިރިއުޅުމަށް އިހްމާލުވާންޖެހޭ ވަރަށް މަސައްކަތް ބުރަނުކުރާށެވެ! މަސައްކަތް ކަމަށް މިބުނަނީ އަދާކުރަންޖެހޭ ވަޒިފާއެވެ. އެކަމުގެ ބައެއް ސަބަބުތައްވެސް ބުނެލާނަމެވެ.
ފުރަތަމަ ސަބަބަކީ ކިތަންމެ ރަނގަޅަށް މަސައްކަތްކުރިނަމަވެސް ވަޒީފާއިން ވަކިކޮށްފާނެއެވެ. ވަޒީފާއިން ވަކިކޮށްފިނަމަ އެހެން ވަޒީފާއެއް ހޯދިދާނެއެވެ.
ނަމަވެސް ޢާއިލާ އަބަދުވެސް ތިމާއާއިއެކުގައިވާނެއެވެ. ޢާއިލާ ގެއްލިއްޖެނަމަ އަނބުރާ ހޯދުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އަދި ޢާއިލާ އާއިވަކިވުމަކީ އެމީޙެއްގެ ދިރިއުޅުމަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައެވެ.
އެއްވެސް ކުންފުންޏަކުން މުވައްޒިފުންގެ ޢާއިލާއާއިމެދަކު ނުވިސްނާނެއެވެ. ބޭނުންވާނީ ވީހާ ގިނައިރު މަސައްކަތްކުރުވައި ކުންފުނީގެ ފައިދާ އިތުރުކުރާށެވެ.
ވަޒީފާ ކިތަންމެ މުހިންމު ނަމަވެސް ޢާއިލީ ދިރިއުޅުމަށް އިހްމާލްވާންޖެހޭނަމަ ރަނގަޅުގޮތަކީ އަވަހަށް އެހެން ވަޒީފާއެއް ހޯދުމެވެ. ނޫންނަމަ ޢާއިލާގެ ކެތްތެރިކަން ކޮޅުންލާނެއެވެ. އެހިސާބުން ކުރިމަތިވާނީ ތިމާގެ ހިތަށް އެންމެ އަސަރުކުރާނެ ކަންކަމެވެ. ގިނަ ޢާއިލާތަކެއް ރޫޅެމުން މިދަނީ މިކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ.
- އަލަފް / މިއަދުނޫހަށް