ﷲ ތަޢާލާ އެކަމަކަށް އަމުރުފުޅު ކުރައްވަވާފައިވާ ކަންކަން ގިނަ ބައަކު ކުރަންފަށަނީ އެކަންކުރުމަށް އަމުރުފުޅުކުރައްވަވާފައިވާތީއެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން ނަމަވެސް އަމުރުފުޅުތަކަށް ބޯލަނބައި ޢަމަލުކުރާނަމަ އެމީހަކަށް ތަޤްވާވެރިކަން މިންވަރުކުރައްވަވަތެވެ.
އެހިސާބުން އެމީހާ އަޅުކަން ކުރާނީ ފަރުޟުކުރައްވަވާފައިވާތީއެއް ނޫނެވެ. ކުރާހިތުންނެވެ. އެހިސާބުން ފަރުޟްނަމާދުކޮށްލައިގެން ހިތްހަމައެއް ނުޖެހޭނެއެވެ. ސުންނަތް އަޅުކަންތައްވެސް ކުރަންފެށޭނެއެވެ. ރަވާތިބް ސުންނަތާއި ވިތުރިއާއި ޟުޙާނަމާދާއި ދަމުނަމާދުވެސް ކުރަންފެށޭނެއެވެ. ޛިކުރުކުރުނަ ގިނަކުރެވޭނެއެވެ.
ހަމައެގޮތަށް ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން ޙިޖާބްއަޅަން ފަށައިފިނަމަ ދުވަސްކޮޅަކުން އެމީހަކު ޙިޖާބް އަޅާނީ އެކަންކުރާހިތުންނެވެ. އެހިސާބުން އެންމެ ފުރިހަމަ ގޮތުގައި ޙިޖާބް އަޅަންފެށޭނެއެވެ.
ވީމާ ތިމާއަކީ ތަޤްވާވެރިއަކު ކަމުގައިވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ! އެކަމަށް މަސައްކަތްކުރަން ފެށުމުން އެމީހަކަށް ތަޤްވާވެރިކަން ދެއްވަވާނެތެވެ. ދެދުނިޔެވެސް ކާމިޔާބުކުރެވޭނެތެވެ. އިން ޝާ ﷲ