ﷲ ތަޢާލާ އާއި ތިމާއާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން އޮތީ ރަނގަޅަށްކަން ނުވަތަ ތިމާއަށް މިހުރެވެނީ ޝައިޠޯނާގެ ފަޅިގައިކަން ދެނެގަނެވޭނެ ގޮތެއް އެބަ އޮތް ހެއްޔެވެ؟ ޖަވާބަކީ އޮތީ ވިސްނައި ފިކުރުކުރަން މަސައްކަތްކުރުމެވެ.
ގިނަ ބައަކު ވަނީ އަހުރެެމންގެ ދީން ވަރަށް ބޮޑަށް ހަނިކޮށްލާފައެވެ. އެހެންވެ އެއްބައަކަށް ވިސްނެނީ ނަމާދުކުރާނަމަ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ފުރިހަމަވީކަމަށެވެ. އަނެއްބައަކު ދެކެނީ ނަމާދުކުރަމުން ފަރުޟޫތަކަށް ރައްކައުތެރިވެވޭނަމަ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ފުރިހަމަވީކަމަށެވެ.
ހަމައެކަނި މިކަމަށް ވިސްނައިލާށެވެ! ﷲ ތަޢާލާ އާއި ބާއްވަންޖެހޭ ގުޅުން ބާއްވަން ކުރަން އޮތް ހަމައެކަނި ކަމަކީ ނަމާދުކުރުންނަމަ ޙައިޟުގެ ދުވަސްވަރު ފަދަ ނަމާދުނުކުރެވޭ ދުވަސްތަކުގައި ހުންނަންޖެހޭނީ ގުޅުން ކެނޑިގެންތާއެވެ.
ﷲ ތަޢާލާ އާއި ތިމާއާއި ދެމެދުގައި އޮންނަންޖެހޭ ގުޅުންތައް ފުރިހަމަ ގޮތުގައި އޮންނާނީ ފަރުޟުތަކަށް ރައްކައުތެރިވެ ހުރެ ސުންނަތްވެސް ކުރަމުން އަދި މީސްތަކުންގެ ޙައްޤުތަކަށް ރައްކައުތެރިވެވޭނަމައެވެ. މި3 ކަންތަކަށްވެސް ސަމާލުކަންދީގެންނެވެ.
އަހުރެން އަބަދުވެސް އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާއަށްޓަކައި ކުރުމެވެ. އަދި އަންގަވާފައިވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްނުލުމެވެ. ވިސްނަންޖެހޭނެ އެއް ކަމަކީ ފަރުޟުތަކަށް ރައްކައުތެރިވާން އަންގަވާފައިވާ ފަދައިން މީހުންގެ ޙައްޤުތައް އަދާކުރަންވެސް ރައްކައުތެރިވާން އަންގަވާފައި އެބައޮތް ކަމެވެ.
އެގޮތުން ފުރަތަމަ ކަމަކަށްވެސް އެމީހެއްގެ ޢާއިލާގެ ޙައްޤުތަކަށް ރައްކައުތެރިވާން ޖެހެއެވެ. އަނބިދަރިންގެ ޙައްޤުތަކަށް ރައްކައުތެރިވާންޖެހެއެވެ. އެމީހާ އެހެން މީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރާ މީހަކަށް ތިމާއަކީ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން އޮތީ ރަނގަޅަށްކަމަކަށް ނުބުނެވޭނެއެވެ.
- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން