ކައިވެނީގެ ގޮތުން ތިމާ ގުޅެން ބޭނުންވާ މީހަކާއި ކައިވެނި ނުކުރެވުމަކީ އަންހެނުންވެސް ފިރިހެނުންވެސް ކަންބޮޑުވާ ކަމެކެވެ. އެންމެ ގިނަ ބައަކު ދެރަވެ ހިތާމަކުރާ އެއްކަމަކީވެސް ގުޅެން ބޭނުންވި މީހާ އާއި ގުޅެވޭނެ ގޮތް ނުވުމެވެ. އެޙާލަތުގައި ލިބޭ މާޔޫސްކަން ފިލުވައިލަން އެންމެ ބޮދަށް ފަސޭހަވާނީ މިކަންކަމަށް ވިސްނައިލުމުންނެވެ.
ތިބާ ކައިވެނިކުރަން ބޭނުންވާ ޒާތުގެ އަންހެނަކު ފެނުނީއެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު ހިނިތުންވެލުމަކުން ނުފުދޭނެއެވެ. ކައިވެންޏަށް އެދި މަސައްކަތްކުރަންޖެހޭނެއެވެ. އޭނާގެ ބައްޕަ އާއި ބައްދަލުކުރާށެވެ! މީހަކު މެދުވެރިކޮށްގެން ނަމަވެސް ދަރިފުޅާއި ކައިވެނިކުރަން ބޭނުންކަން ހާމަކޮށް އެކަން ކުރުމަށް މަސައްކަތްކުރާށެވެ!
ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެވި ނިމުނީއެވެ! ކުރިއަށް ދެވޭނެ މަގެއް ނުފެނުނީއެވެ! އެހިސާބުން ދެން އެކަން އެކަން ދޫކޮށްލާފައި އެހެން ކަމަކަށް ވިސްނާށެވެ! އެކަމާއިމެދު ވިސްނަން ވަގުތު ނަގައިލުމުގެ ބަދަލުގައި އެކަން އެގޮތަށް މެދުވެރިކުރެއްވެވީ ތިމާއަށް އޮތް ރަނގަޅަކަށް ކަމަށް ޔަޤީންކުރާށެވެ!
އެހެނީ އެކަން އެގޮތަށް މިންވަރު ކުރެއްވެވީ އެހެން އަންހެނެއްގެ ބަނޑުން މާހެޔޮލަފާ، މާ ތަޤްވާވެރި ދަރިންތަކެއް ދެއްވެވުމަށް އިރާދަފުޅުގައިވާތީކަމަށް ޔަޤީންކުރާށެވެ!
މިޒަމާނަކީ އަންހެން ކުދިން ވެސް އެމީހުން ކައިވެނިކުރަން ބޭނުންވާ ބައިވެރިޔާ އާއިމެދު ވިސްނައި ކައިވެންޏަށް އުންމީދުކުރާ ޒަމާނެވެ! ވީމާ ގުޅެން އުންމީދުކުރި ބައިވެރިޔާ ނުލިބިއްޖެ ނަމަ ހަމަ ކުރިން މިބުނި ފަދައިން ވިސްނާށެވެ! ތިމާގެ ބަނޑުން އުފަންވާން ތިބި ދަރިންގެ ބައްޕައަކީ މާ ހެޔޮލަފާ، މާ އޯގާތެރި، މާތަޤްވާވެރިއަކު ކަމުގައިވުމަށް ﷲ ތަޢާލާ ނިންމަވާފައިވަނީ ކަމަށް ޔަޤީންކުރާށެވެ!
ކޮންމެ ކަމެއްގައިވެސް ކާމިޔާބާއި އުފާ ފާގަތިކަން ލިބުން ވަނީ ﷲ ތައާލާގެ މިންވަރުފުޅަށް ރުހި ޝުކުރުވެރިވެ ވަކީލުކުރާ އަޅުންނަށެވެ!
- މުފްތީ މެންކްގެ ދަރުސަކުން