ކައިވެންޏަށް ހެޔޮލަފާ މައިންބަފައިންގެ ރުހުން ނުލިބިގެން ގިނަ ފަހަރަށް ކަންބޮޑުވާންޖެހިފައި އޮންނަނީ ކައިވެންޏަށް ރުހުން ހޯދުމުގެ ތަރުތީބް އޮޅުވައިލެވޭތީއެވެ. މައިންބަފައިންނަށް އަންގާވެސް ނުލައި މީހަކާއި ގުޅި ކައިވެނިކުރަން ނިންމާތީއެވެ.
މީހަކާއި ގުޅެން ބޭނުންވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ތިބާގެ މައިންބަފައިންގެ ގާތުގައި އެވާހަކަދައްކާށެވެ. އޭނާއަކީ ކޮންކޮން ސިފަތަކެއްގެ ވެރިއެއްކަން ބަލައިދިނުމަށް އެދޭށެވެ. ހެޔޮލަފާ މައިންބަފައިން އެކަންކަން ބަލައިދިނުމަށް އަވަސްވެގަންނާނެއެވެ. އޭނާގެ ޙަޤީޤަތް ހޯދައި ތިބާއަށް ކިޔައިޑޭނެއެވެ. އެއީ ގުޅެން ރަނގަޅު މީހަކުނަމަ ކައިވެނިއަވަސްކޮށްދޭނެއެވެ.
އަމިއްލައަށް މިބުނި ކަންކަން އޮޅުންފިލުވަން އުޅެފިނަމަ ގިނަ ފަހަރަށް އޮންނާނީ ރަނގަޅު ގޮތުގައި ނުކުރެވިފައެވެ. އޭނާއާއިި ގުޅެން ބޭނުންވެވިފައި ހުންނަވަރު ބޮޑުކަމުން އޭނާ އާއިމެދު އެނގޭ ކަންކަމަށް ދޭންޖެހޭ ސަމާލުކަން އޮންނާނީ ނުދެވިފައެވެ. އެކަންކަން ފަހުން ރަނގަޅުކުރެވޭނެ ކަމަށް ބެލިފައެވެ.
ހަމައެއާއިއެކި ވިސްނާލުން މުހިންމު އެހެންކަމެއްވެސް ފާހަގަކުރާނަމެވެ. ބުރުގާ ނުވަތަ މޫނުބުރުގާއަޅައި ފުރިހަމައަށް ނިވާވެގެން ހުންނަ ތިބާގެ ދަރިފުޅު ނުވަތަ އުޚުތާގެ ފަހަތުން ދުވެ އޭނާއަށް ތައްރީފްކޮށް ލޯބީގެ ޥާހަކަތައް ދައްކައި ކައިވެންޏަށް އެދުން ފަދަ ކަންކަން ކުރާކަށް ތިބާ ނުއެދޭނެއެވެ. ވީމާ ތިބާވެސް އެފަދަ ކަންކަން ނުކުރާށެވެ!
އެފަދަ އަންހެނަކު ފެނި ރުހެވިއްޖެނަމަ ކުރިން މިބުނިފަދައިން ފުރަތަމަ ކަމަކަށް އޭނާގެ މައިންބަފައިންނާއި ދައްދަލުކޮށް ވާހަކަދައްކާށެވެ. ރަނގަޅު ގޮތަކީ އެއީއެވެ. ރަނގަޅު ގޮތުގައި ކަންކަން ކުރިމާ ފަހުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ.
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން