ޢާއިޝަތު ރަފާޙް ޢަލީ
ޤަމަރު ސޫރަތަކީ މައްކީ ސޫރަތެކެވެ. ޤަމަރު ސޫރަތުގައި 55 އާޔަތް ހިމެނެއެވެ. އަދި މުޞްޙަފުގެ ތަރުތީބުން ބަލާއިރު ޤަމަރު ސޫރަތަކީ 54 ވަނަ ސޫރަތެވެ. އެއީ 27 ވަނަ ފޮތުގައި ވާ ސޫރަތެކެވެ. މި ސޫރަތުގައި ވަރަށް ގިނަ ވާހަކަތައް އެކުލެވިގެންވެއެވެ.
އެގޮތުން ބައެއް ވާހަކަތައް މި ލިޔުމުގައި ހިމަނާލާނަމެވެ.
· ޤިޔާމަތް ކައިރިވެއްޖެކަމުގެ ވާހަކަ:
ﷲ ތަޢާލާ ޤަމަރު ސޫރަތުގެ 1 ވަނަ އާޔަތުން 8 ވަނަ އާޔަތަށް ވަޙީ ކުރައްވާފައިވެއެވެ.
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ﴿١﴾ وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ﴿٢﴾ وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ وَكُلُّ أَمْرٍ مُّسْتَقِرٌّ ﴿٣﴾ وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ ﴿٤﴾ حِكْمَةُۢ بَٰلِغَةٌ فَمَا تُغْنِ ٱلنُّذُرُ ﴿٥﴾ فَتَوَلَّ عَنْهُمْ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ ﴿٦﴾خُشَّعًا أَبْصَٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ ﴿٧﴾ مُّهْطِعِينَ إِلَى ٱلدَّاعِ يَقُولُ ٱلْكَٰفِرُونَ هَٰذَا يَوْمٌ عَسِرٌ ﴿٨﴾
މާނައީ: "قيامة ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. (1) އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ. (2) އަދި އެއުރެން (حق ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން تبع ވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ. (3) ހަމަކަށަވަރުން، خبر ތަކުގެ ތެރެއިން އެކަންކަމުގައި عبرة ހިމެނިގެންވާ خبر ތައް އެއުރެންގެ ގާތަށްއައެވެ. (4) (މިއީ) ފުރިހަމަވެގެންވާ حكمة އެކެވެ. ފަހެ، إنذار ތައް (އެއުރެންނަކަށް އެއްވެސްކަމެއް) ފުއްދައެއް ނުދެތެވެ. (5) ފަހެ، ނުރުހެވޭކަމަކަށް ގޮވާމީހާ ގޮވާދުވަހު، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! (6) އެއުރެންގެ ލޯތައް ތިރިވެ، ނިކަމެތިވެގެންވާ حال، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ. (7) ގޮވާފަރާތަށް (ދިޔުމަށް) އަވަސްވެގަންނަ حال ގައެވެ. كافر ވިމީހުން ބުނާނެތެވެ. މިއީ ދަތި އުނދަގޫ ދުވަހެކެވެ. (8)"
މީގެ އިތުރުން އަބޫ ވާޤިދް ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަލްޢަޟްޙާ އާއި ފިޠުރު ޢީދު ނަމާދުގައި ސޫރަތުލް ޤާފް އަދި ޤަމަރު ސޫރަތް ކިޔަވާ ވިދާޅުވެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދެ ސޫރަތް ކިޔަވައިވިދާޅުވީ ބޮޑެތި އެއްވުންތަކާއި މުނާސަބަތުތަކުގައެވެ. އެއީ އެ ދެ ސޫރަތުގައި الله ތަޢާލާގެ ވަޢުދުތަކާއި އިންޒާރުތަކާއި، ތަންތަން ހެއްދެވުމުގެ ވާހަކަ އާއި އަލުން ދިރުއްވުމާއި، ތައުޙީދާއި، ނަބީކަން ކަށަވަރުކުރުމާއި، އަދި އެނޫންވެސް ބޮޑެތި މަޤްޞަދުތައް ހިމެނޭތީއެވެ.