ހިތްބިރުގަންނަ ސަބަބުތަކާ އެކަމުން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ހިތްބިރުގަންނަ ސަބަބުތަކާ އެކަމުން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން-

ބައެއް މީހުންނަކީ އިރުއޮއްސުމުން ނުވަތަ ރޭގަނޑުވުމުން ބިރުގަންނަ ބައެކެވެ. ޚާއްޞަކޮށް އަނދިރީގައި ބޭރަށް ނުކުމެ އުޅެންޖެހޭނަމަ ބިރުގަތުން ބޮޑުވެއެވެ. މިފަދަ ކަންކަން މެދުވެރިވާ ސަބަބުތައް ހުރެއެވެ. އެއިގެ ތެރޭގައި ޞިޙުރާއި އެސްފީނާ އާއި އަހަރެމެންގެ ލޯތަކަށް ނުފެންނަ ރޫޙާނީ ތަކެތީގެ އުނދަގޫތައްވެސް ހިމެނެއެވެ. 

މީގެ އިތުރުންވެސް ބައެއްކަންކަން މެދުވެރިވެއެވެ. މިސާލަކަށް ކުޑައިރުނަމަވެސް ބޮޑުވުމުން ނަމަވެސް މީހުން ކިޔައިދޭ ބައެއް ވާހަކަތަކުގެ ސަބަބުންވެސް ހިތުގައި ބިރުވެރިކަން އުފެދެއެވެ. އަދި ޙަޔާތުގައި ކުރިމަތިވާ ކޮންމެވެސް ކަމެއްގެ ސަބަބުން ނަމަވެސް އެފަދަ ގޮތެއް މެދުވެރިވެދާނެއެވެ. ހިތްބިރުގަތުން މިއުފެދެނީ އެތައް ކަންތައްތަކެއްގެ ސަބަބުންނެވެ. 

ހިތްބިރުގަންނަނަމަ އެންމެ މުހިންމު ކަމަކީ ތިމާއަށް މިހުރެވެނީ ހުރިހާ ނުބައި ކަންކަމުން ސަލާމަތްވެވިގެން ކަމުގެ ޔަޤީންކަން ހިތަށް ވެއްދުމެވެ. އެކަން ކުރުމަކީ އެހައި އުނދަގޫ ކަމެއް ނޫނެވެ. 

އިރުއޮއްސުމާއިއެކު ފުރަތަމަ ކަމަކަށް ކުރަންވީކަމަކީ އާޔަތުލްކުރުސި 3 ފަހަރު ކިޔަވައި، ވިއްދައިގެން އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތް ކޮންމެ ސޫރަތެއް 3 ފަހަރު ކިޔެވުމެވެ. ދިމާވާ ގޮތަކުން އިރުއޮއްސުނުއިރު ހުރެވުނީ ވަގުތުން މަޣްރިބް ނަމާދު ނުކުރެވޭނެ ގޮތަކަށް ނުވަތަ ގެއިން ބޭރުގައިކަމަށްވެދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ކޮންމެހެން މަޣްރިބް ނަމާދުކުރެވެންދެން ސޫރަތްތައް ނުކިޔަވައި ހުންނާނެ ކަމެއް ނެތެވެ. އަވަހަށް ކިޔަވައިލާށެވެ. އެއިރުން ތިބާއަށް ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

ގިނަބއަކު ރަށްފުށު ސަރަހައްދުތަކުގައި ނުވަތަ އަވަށްތަކުގައި ދިރިއުޅެއެވެ. އިރުއޮއްސި އަނދިރިވުމުން ލޯބިވެރިންނާއިއެކު އެކަހެރި ބައްދަލުވުންތައް ބާއްވަން ގަސްތަކުތެރެއަށް ވަދެއެވެ. އެފަދަ ކަންކަން ނުކުރާށެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރާއިރު އެމީހަކަށް ރައްކައުތެރިކަން ލިބޭނެ ކަމަށް ހީނުކުރާށެވެ. އެހެނީ އެފަދަ ވަޤުތުތަކުގައި އެމީހާ ޙިމާޔަތް ކުރައްވަވާނެ ރަޙްމަތުގެ މަލާއިކަތުންގެ ބަދަލުގައި އެމީހަކާއިއެކުގައި ތިބޭނީ ޝައިޠޯނުން ކަމުގައިވާތީއެވެ. އަދި ކީއްހެއްޔެވެ؟ އެފަދަ ވަޤުތުތަކުގައި އަހަރެމެންގެ ލޯތަކަށް ނުފެންނަ ރޫޙާނީބާރުތަކަށް ނުވަތަ ޖިންނި ޝައިޠޯނުންނަށް އެމީހާގެ މައްޗަށް ގަދަވެގަތުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ! 

އަނހެނުން މައްސަރު ކަންތައް ޖެހިގެން ތިބޭ ދުވަސްވަރު މިކަން ވަކިން ބޮޑުވެއެވެ. ވީމާ މައްސަރު ކަންތައް ޖެހުމުން ސަމާލުކަން އިތުރުކުރަންވާނެއެވެ. މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް އިސްލާމް ދީނަށް ޢަމަލުކުރުމެވެ. އުޅެން އަންގަވާފައިވާ ގޮތަށް އުޅުމެވެ. 

އެއިގެ ތެރޭގައި ގެއިން ބޭރަށް ނުކުންނައިރު ކިޔަންޖެހޭ ޛިކުރުތައް ކިޔުމާއި ސޫރަތްތައް ކިޔެވުމާއި އިސްލާމީ އަޚްލާޤުގައި ޢަމަލުތައް ބެހެއްޓުންވެސް ހިމެނެއެވެ. މިކަންކަމަށް ސަމާލުކަންދޭށެވެ. ހިތްބިރުގަތުމުގެ ހުރިހާ ކަމަކުންވެސް ސަލާމަތްވެވޭނެއެވެ. ޖިންނި ޝައިޠޯނުންނާއި އިބިލީހުގެ ކިބައިން ރައްކައުތެރިކަން ލިބޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން