ފިރިމީހާ ތިބާ ދެކެ ލޯބިވާކަން އެނގޭނެ 6 ކަމެއް!
ލޯބިވުމަކީ ވަކި ޢުމުރަކަށް އޮތް ކަމެއް ނޫނެވެ. ދެމީހުން އެކަކު އަނެކަކާއި ގުޅުނީންސުރެ ޙަޔާތް ނިމެންދެންވެސް ލޯބިވާންޖެހެއެވެ. ލޯބިދޭންވެސް ޖެހެއެވެ. ލޯބިވެ ލޯބިދޭން އެކި ޢުމުރުގައި ކުރާނީ އެކި ކަންކަމެވެ. ޔަޤީންވާ ކަމަކީ ކޮންމެ މީހަކީވެސް ލޯތްބަށް ބޭނުންވާނެ މީހަކު ކަމެވެ.
ކައިވެނިކުރުމަށްފަހު ބައިވެރިޔާ އެމީހަކު ދެކެ ލޯބިވާވަރުބަލަން ކޮންމެ މީހަކުވެސް ވީހައި ގިނައިން ފީތާއަޅަން ބޭނުންވާނެއެވެ. އިއްޔެއާއި މިއަދު އަޅުވައިކިޔަންވެސް ބޭނުންވާނެއެވެ. އެއީ އެންމެންވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ވީމާ ލޯބިވާވަރު ދެނެގަންނަން ފީތާއެޅުމުގައި ބަލަންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ތިމާގެ ފިރިމީހާއަކީ ރަނގަޅު މީހެއްކަން ދެނެގަންނަން ކޮންމެ އަންތބަކުވެސް ބޭނުންވާނެއެވެ. އެހެން ނަމަވެސް އިންސާނުންނަކީ މިޒާޖުގެ ގޮތުން ތަފާތު ބައަކަށްވާތީ ހުރިހާ ފިރިހެނުންގެ ކިބައިން ފެންނާނީ އެއް ސިފަތަކެއް ކަމަށްނުވެދާނެއެވެ. ނަމަވެސް މިބަޔާންކުރަނީ ރަނގަޅު ފިރިއެއްގެ ކިބައިން ފެންނާނެ ބައެއް ސިފަތަކެވެ.
ފުރަތަމަ ކަމަކީ އަނބިމީހާ އާއިއެކު ގޭގައި ނަމަވެސް ކުޅިވަރުކުޅެ އުފާކުރާ މީހަކު ކަމުގައިވުމެވެ. ދެމީހުން ބައިވެރިވެގެން ކުޅޭ ކޮންމެވެސް ކުޅިވަރެއް ކުޅެ އަދި އެވަގުތުގައި މޫނުން އުފާވެރިކަން ދެއްކުމެވެ. އެކަންކުރަނީ ހަމަ ކުރަން ބޭނުންވެގެންކަން ދައްކައިދިނުމެވެ.
ދެވަނަ ކަމަކީ މީހުންގެ ކުރިމަތީގައި އަނބިމީހާއަށް ޤަދަރުކުރުމެވެ. ކުށެއް ކުރެވުނު ނަމަވެސް މީހުންނާއި އެކަން ހިއްޞާނުކޮށް އެކަނި ބަހައްޓައިގެން ނަޞޭޙަތް ދިނުމެވެ. ހަމަ އެއާއިއެކު ބަލިވެއްޖެ ނަމަ އަޅައިލާ އޯގާތެރިއަކު ކަމުގައިވުމެވެ.
ތިންވަނަ ކަމަކީ އަނބީމީހާ ނުފެނި ގިނައިރުވުމުން "މިސް"ވުމެވެ. އެކަމާއި ކަންބޮޑުވާ މީހަކުކަމުގައިވުމެވެ.
ހަތަރުވަނަ ކަމަކީ ހިލޭ ފިރިހެނުންގެ ބެލުންތަކުން އަނބިމީހާ ސަލާމަތްކުރަން މަސައްކަތްކުރާ މީހަކު ކަމުގައިވުމެވެ. އެހެންމީހުން ޝައުޤުވެރިވާނެ ގޮތްގޮތަށް ހެދުން އަޅުވައި ޒީނަތްތެރިކޮށްގެން ނެރެ އެހެން މީހުންގެ ސަމާލުކަން ހޯދަން ފުރުޞަތު ނުދޭ މީހަކު ކަމުގައިވުމެވެ.
ފަސްވަނަ ކަމަކީ ދެމަފިރިން އެކުގައި އަޅުކަންކޮށް ދުޢާކޮށް ދެމަފރިން އެކުގައި ސުވަރުގެ ދިއުމަށް މަސައްކަތްކުރާ މީހަކު ކަމުގައިވުމެވެ.
ހަވަނަ ކަމަކީ ފިރިމީހާގެ ޢަމަލުތަކުން، ކޮންމެ ޙާލަތެއްގައިވެސް އަނބިމީހާ އާއިއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން އަނބިމީހާއަށް ލިބޭނެ ގޮތަށް ކަންކަން ކުރާ މީހަކު ކަމުގައިވުމެވެ.
ކުރިން ބުނި ފަދައިން އެކި މީހުންގެ ޢަމަލުތައް ހުންނާނީ އެއްގޮތަކަށް ނޫނެވެ. ތަފާތު ކަންކަންވެސް ހުރެދާނެއެވެ. ނަމަވެސް މިބުނި ކަންކަމުގައި ފިރިމީހާގެ ކިބައިން އަނބިމީހާއަށް ޔަޤީންކަން ލިބޭނަމަ، ފިރިމީހާގެ ކިބައިން މިފަދަ ސިފަތައް ފެންނަނަމަ ފިރިމީހާއަކީ އަނބިމީހާ ދެކެ ލޯބިވާ މީހެއްކަމަށް ޔަޤީންކުރާށެވެ!
- މަސްދަރު: ކާމިޔާބު ކައިވެނި