ފުރަތަމަ ކައިވެނި ރޫޅުމުން ދެވަނަ ކައިވެނިކުރަން ފަސްޖެހެވުނު އަންހެނަކަށް މުސްލިމް ނޫން ޑޮކްޓަރަކު ދިން ނަޞޭޙަތް- ޢިބްރަތް ޙާޞިލުކުރުމުން ފައިދާކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފުރަތަމަ ކައިވެނި ރޫޅުމުން ދެވަނަ ކައިވެނިކުރަން ފަސްޖެހެވުނު އަންހެނަކަށް މުސްލިމް ނޫން ޑޮކްޓަރަކު ދިން ނަޞޭޙަތް- ޢިބްރަތް ޙާޞިލުކުރުމުން ފައިދާކުރާނެ!

އަހުރެންނަކީވެސް ޙަޔާތުގައި ކުރިމަތިވި ކަންތައްތަކަކާއިގުޅިގެން ނިދުމުގެ މައްސަލަތައް ކުރިމަތިވެ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަމުން އައި އަންހެނަކީމެވެ. އެއީ ފުރަތަމަ ކައިވެނި ރޫލުމާއި ގުޅިގެން ކުރިމަތިވި މައްސަލަތަކެކެވެ. ދެވަނަ ކައިވެންޏެއް ކުރަން ފޫހިވެ ފަސްޖެހުމުން ކުރިމަތިވި މައްސަލަތަކެކެވެ. 

އަހުރެން އޭނާގެ ކިބައިން އެހީތެރިކަން ހޯދީ ވަރަށް ތަފާތު ގޮތަކަށެވެ. އެއީ ޢޭނާދޭ އެއްވެސް ބޭހެއް ނުކަމެވެ. ނަމަވެސް ޢޭނާދޭ ނަޞޭހަތުގެ ތެރެއިން އަހުރެންނަށް ޤަބޫލުކުރެވޭ ކަންކަމަށް ޢަމަލުކުރަން މަސައްކަތްކުރަމެވެ.  

އެއްދުވަހަކު އޭނާ ބުންޏެވެ. "ދުނިޔެއަށް އެއްވެސް މީހަކީ މުހިންމު މީހެއް ނޫނެވެ. މީސްތަކުން އެއީ ކިތަންމެ މުހިންމު މީހެއް ކަމަށް ޤަބޫލުކުރާ މީހަކު މަރުވެގެން ދުނިޔޭގެ އެންމެން ކަންބޮޑުވިނަމަވެސް ދުނިޔެ ކަންބޮޑެއް ނުވާނެއެވެ. އެކަމަކު ކޮންމެ މީހަކަށްވެސް ދުނިޔެ ވަރަށް މުހިންމެވެ. ވީމާ އުފަލުގައި އުޅެން މަސައްކަތްކުރަންވާނެއެވެ. އަދި ތިމާކުރަން ޖެހޭ ކަންކަން ކުރަން ފަސްނުޖެހޭށެވެ. ތިމާ ކުރަންޖެހޭ އެއްވެސް ކަމެއް ކުރަން ފަށަން ރަނގަޅު ވަޤުތު ކިޔާ ވަޤުތެއް ނެތެވެ. މިޘާލަކަށް ދެވަނަ ޙަޔާތެއް ފަށަން މީހަކާއި ގުޅެން ރަނގަޅު ވަޤުތެއް ނެތެވެ. އެކަމަށް ކުރިމަތިލައި ފަށައިގަތީމާ އެފެށެނީ އެންމެ ރަނގަޅު ވަޤުތުގައެވެ."  

އެހެން ބުނުމުން އަހުރެންނަށް ރޮވުނެވެ. ލޮލުން ކަރުނައައެވެ. އެހެންވެ ޑޮކްޓަރު ކަންބޮޑުވުމުން އަހުރެން ބުނީމެވެ. "ޑޮކްޓަރުއެވެ. ޑޮކްޓަރު ތިއަބުނީ ތިއަކަން އަހުރެމެންގެ ދީނުގައިވެސް އޮތް ގޮތެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށަން ލަސްކުރުމެއް ނެތެވެ. ޝަރުޠު ހަމަވުމުން ކައިވެނިކުރާކަށް ވަކިޢުމުރެއް ނެތެވެ. އެކަން އެނގުނަސް އަހުރެންގެ މޮޔަކަމުން ޢަމަލުނުކުރެވެނީއެވެ."  

ޑޮކްޓަރަށް ލިބުނީ ސިހުމެކެވެ. އޭނާ އަހުރެންގެ ދީނާއިބެހޭގޮތުން ބައެއް މަޢުލޫމާތު އޮޅުން ފިލުވިއެވެ. އަދި މަހެއްހައި ދުވަސްފަހުން ޑޮކްޓަރު ބުންޏެވެ. "އަހުރެން ކަލޭމެންގެ ދީން ވަރަށް ބޮޑަށް ދަސްކޮށްފީމެވެ. ތިއަ ދީނުގައި ހުރި ކަންކަމަށް ޢަމަލުކުރާނަމަ ނަފްސާނީ ވަރަށް ގިނަ ކަންކަމުން އަރައިގަނެވޭނެއެވެ. ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅެވޭނެއެވެ."  

މިއީ އެހެން ދީނެއްގެ ޑޮކްޓަރަކު ބުނެފައިވާ ވާހަކައެކެވެ. މިފަދަ ޙާދިސާތަކުގެ ޥާހަކަތައް އަބަދުހެން އެނގެމުން އަންނައިރު އަހުރެމެން މުސްލިމުން ޢިބްރަތް ޙާޞިލުކުރާ ބައަކަށް ވަމާހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން