އަންހެނުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި އެއް ބަޔަކީ އަނބިމީހާއެވެ. ޒަވާޖީ ޙަޔާތުގެ ބައިވެރިޔަކީ އެއީއެވެ. މާތް الله ވަނީ އޭނާއަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ފިރިމީހާގެ މައްޗަށް އަމުރުކުރައްވައިފައެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ތަފާތު މުނާސަބަތުތަކުގައި ތަފާތު ތަންތާނގައި އަނބިމީހާއަށް ހެޔޮކޮށް ހިތުމަށް ފަށްފަށުން ގޮވައިލައްވަވައިފައި ވެއެވެ. އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އެންމެ ފަހުން ކުރެއްވި ވަޞިއްޔަތްޕުޅުގައި ޙަދީޘްކުރައްވައިފައި ވެއެވެ. (أَلَا وَاسْتَوْصُوْا بِالنِّسَاءِ خَيْرًا)[1] މާނައީ: "ދަންނާށެވެ! އަދި ތިޔަބައިމީހުން އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިމަން ކަލޭގެފާނު ކުރައްވާ ވަޞިއްޔަތް ޤަބޫލު ކުރާށެވެ!"
އަންހެނުންނަށް ހެޔޮކޮށްހިތުމަށާއި ރިވެތި އަޚްލާޤުން މުޢާމަލާތުކުރުމަށް އިރުޝާދުދެއްވައިފައިވާ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ބަސްފުޅުތަކަކީ ކީރިތި ޤުރްއާނުގެ ވަޙީ ބަސްފުޅުތައް އިތުރަށް ކަށަވަރުކޮށްދޭ ބަސްފުޅުތަކެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (أَكْمَلُ الْـمُؤْمِنِيْنَ إِيـْمَانًا أَحْسَنُهُمْ خُلُقًا، وَخَيْرُكُمْ خَيْرُكُمْ لِنِسَائِهِمْ)[2] މާނައީ: "އީމާންކަން އެންމެ ފުރިހަމަ މުއުމިނުންނަކީ އެންމެ ޚުލުޤު ރިވެތި މީހުންނެވެ. އަދި ތިޔަބައިމީހުންކުރެ އެންމެ ހެޔޮމީހަކީ އެމީހެއްގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާއެވެ."
އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވައިފައިވާ ކަމެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---[3] މާނައީ: "އަދި އެކަށީގެންވާ ހެޔޮ ގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ." ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (وَلَـهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُـهُنَّ بِالْمَعْرُوْفِ)[4] މާނައީ: "އެ ކަނބަލުންނަށް ހެޔޮ ގޮތުގައި ކާންބޯންދިނުމާއި، އުނުއޮރިޔާން ނިވައިކޮށްދިނުމަކީ ތިޔަބައިމީހުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ."
އެހެންކަމުން ތިބާގެ އަނބިމީހާ ފުދުންތެރިއަކަށް ނުވަތަ މުއްސަންޖަކަށް ވިޔަސް ތިބާ އޭނާއަށާއި ދަރީންނަށް ޚަރަދުކުރާންޖެހޭނެއެވެ. އެ މީހުންނަށް ކެއިންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ޖެހޭނެއެވެ. މިއީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަން ހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ رزق ދަތިކުރައްވައިފައިވާ މީހާ، ފަހެ، އެމީހާޔަށް الله ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ! އެއްވެސް نفسއަކަށް، އެ نفسއަކަށް ދެއްވައިފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، الله تكليفއެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، الله ލައްވާހުށްޓެވެ."
ތިބާގެ އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށްޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެކެވެ. އެއް ދުވަހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަރިހުން ލައިފައި، ރޫފަ ހެޔޮ ޖާނުގައި ވަރު ހުރި ޒުވާނަކު ދިޔައެވެ. އެ ހިނދު ޞަޙާބީން ވިދާޅުވިއެވެ. މި މީހާ اللهގެ މަގުގައި ޖިހާދުކުރާ ނަމަ ހާދަ ރަނގަޅުވީހެވެ. އެ ހިނދު ކީރިތި ރަސޫލާ z ޙަދީޘްކުރެއްވިއެވެ. (إِنْ كَانَ خَرَجَ يَسْعَى عَلَى وَلَدِهِ صِغَارًا فَهُوَ فِيْ سَبِيْلِ اللَّهِ، وَإِنْ كَانَ خَرَجَ يَسْعَى عَلَى أَبَوَيْنِ شَيْخَيْنِ كَبِيْرَيْنِ فَهُوَ فِيْ سَبِيْلِ اللَّهِ، وَإِنْ كَانَ يَسْعَى عَلَى نَفْسِهِ يُعِفُّهَا فَهُوَ فِيْ سَبِيْلِ اللَّهِ، وَإِنْ كَانَ خَرَجَ رِيَاءً وَمُفَاخَرَةً فَهُوَ فِيْ سَبِيْلِ الشَّيْطَانِ)[5] މާނައީ: "އޭނާ ނުކުމެ އެ އުޅެނީ އޭނާގެ ޅަ ދަރީންނަށް ކާންބޯންދިނުމަށް ޓަކައި މަސައްކަތްކުރުމަށް ނަމަ، ފަހެ އޭނާއަކީ اللهގެ މަގުގައި ވާ މީހެކެވެ. އަދި އޭނާ ނުކުމެ އެ އުޅެނީ އޭނާގެ މުސްކުޅި މައިންބަފައިންނަށް ކާންބޯންދިނުމަށް ޓަކައި މަސައްކަތްކުރުމަށް ނަމަ، ފަހެ އޭނާއަކީ اللهގެ މަގުގައި ވާ މީހެކެވެ. އަދި އޭނާ ނުކުމެ އެ އުޅެނީ އޭނާގެ އަމިއްލަ ނަފްސު ސަލާންޖެހުމުން ޢިއްފަތްތެރިކުރުމަށް ޓަކައި މަސައްކަތްކުރުމަށް ނަމަ، ފަހެ އޭނާއަކީ اللهގެ މަގުގައި ވާ މީހެކެވެ. އެހެނަސް އޭނާ ނުކުމެ އެ އުޅެނީ އޭނާގެ ދެއްކުންތެރިކަމުގެ ގޮތުންނާއި، ބޮޑާވެ ފަޚުރުވެރިވުމަށް ޓަކައި ނަމަ އޭނާ އެ ވަނީ ޝައިޠާނާގެ މަގުގައެވެ."
ބައެއް މީހުން ހީކުރާ ގޮތުގައި ޞަދަޤާތަކީ ފަޤީރުންނަށާއި މިސްކީނުންނަށް އެކަނި ދެވޭ އެއްޗެކެވެ. އެހެނަސް ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ، سَعْدُ بْنُ أَبِيْ وَقَّاصُ رَضِيَ اللهُ عَنْهُ އަށް ޙަދީޘްކުރެއްވިއެވެ. (إِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِيْ بِـهَا وَجْهَ اللهِ إلَّا أُجِرْتَ عَلَيْهَا، حَتَّى مَا تَـجْعَلُ فِي فِي امْرَأَتِكَ)[6] މާނައީ: "ހަމަކަށަވަރުން اللهގެ ވަޖުހުފުޅު އަދައިގެން ތިބާ ހޭދަކުރާ ކޮންމެ ހޭދައަކީ ތިބާއަށް ދަރުމަ ލިބެނިވި ކަމެކެވެ. އެއީ ތިބާގެ އަނބިމީހާއަށް ކާންދޭ އެއްޗެއް ކަމުގައި ވިޔަސް މެއެވެ."
އަނބިދަރީންނަށް ހޭދަކުރުމަކީ ގިނަގުނަ ޘަވާބާއި ދަރުމަހުރި ކަމެކެވެ. ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ މި ކަން ބަޔާންކޮށްދެއްވައި ޙަދީޘްކުރައްވައިފައި ވެއެވެ. (أَفْضَلُ دِيْنَارٍ يُنْفِقُهُ الرَّجُلُ دِيْنَارٌ يُنْفِقُهُ عَلَى عِيَالِهِ)[7] މާނައީ: "އިންސާނާ ހޭދަކުރާ އެންމެ ރަނގަޅު ދީނާރަކީ، އޭނާގެ އަނބިދަރީންނަށް ހޭދަކުރާ ދީނާރެވެ." މި ބަސްފުޅުގެ މުރާދަކީ ތިމާގެ އަނބިދަރީންނަށް ހޭދަކުރުމަކީ އެއީ އެންމެ ހެޔޮ ހޭދަކުރުންކަމެވެ.
މާތް الله އެންގެވި ގޮތުގެ މަތީން އެކަނލާނގެ މަގުގައި ހޭދަކުރުމަކުން ތިބާއަށް އެއްވެސް ގެއްލުމެއްނެތެވެ. މާތް الله އެކަމަށް ބަދަލުދެއްވައި ތިބާގެ ތަނަވަސްކަން އިތުރުކޮށްދެއްވާނެތެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، رِزْقُ ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ." ހޭދަކުރާންޖެހޭ މީހުންނަށް ހޭދަނުކޮށް މުށްބާރުކުރާ މީހުންނަށް އިންޒާރުދެއްވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كَفَى بِالْمَرْءِ إِثْـمًا أَنْ يَـحْبِسَ عَمَّنْ يَـمْلِكُ، قُوْتَهُ)[8] މާނައީ: "އެ މީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހާއަށް ކާންބޯން ނުދީ ހިފެހެއްޓުން، އޭނާއަށް ފާފައަކަށް ފުދެއެވެ."
ފިރީންނަކީ މާތް الله ވަރަށް މަތިވެރި އަމާނާތެއް ޙަވާލުކުރައްވައިފައިވާ ބަޔެކެވެ. އޭނާއަށް ޙަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީންނެވެ. އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާ އިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެކެވެ. ނަމަވެސް ހިތާމައަކީ މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާ ކަމެވެ. އަދި ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މަދެއްނޫނެވެ. ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދެއްނޫނެވެ. މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެކެވެ. މި ކަންކަމާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެއެވެ. ވީމާ، މި ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ވަޞިއްޔަތްކުރަމެވެ.
ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޛުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެތެވެ. އެއީ ވައްކަމެއްނޫނެވެ. މާތް الله އެ ކަމަނާއަށް ރުއްސުންލެއްވި أُمُّ الْـمُؤْمِنِيْنَ أَلسَّيِّدَة عَائِشَة رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ. أَبُوْ سُفيَان رَضِيَ اللهُ عَنْهُގެ އަނބިކަނބަލުން هِنْدُ بِنْتُ عُتْبَة رَضِيَ اللهُ عَنْهَا ކީރިތި ރަސޫލާ zއަށް ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ! އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށާއި އަޅުގަނޑުގެ ދަރީންނަށް ފުދޭ މިންވަރަށް ޚަރަދުނުކުރާތީ، އޭނާއަށް ނޭނގޭ ގޮތަށް، އޭނާގެ މުދަލުން އަޅުގަނޑު ނަގަމުއެވެ. އެ ހިނދު ރަސޫލު الله ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (خُذِيْ مَا يَكْفِيْكِ وَوَلَدَكِ بِالْـمَعْرُوْفِ)[9] މާނައީ: "ތިބާއަށާއި ތިބާގެ ދަރީންނަށް ފުދޭ ވަރަށް ހެޔޮ ގޮތުގައި ނަގާށެވެ!"