އަންހެނުންވެސް ސުވަރުގޭގަ ތިބޭނީ ބައިވެރިއަކާއެކު! ސުވަރުގެއަކީ އަންހެނަކު ނަމަވެސް ހިތަށް އަރުވައިލި ކޮންމެ ކަމެއް ޙާޞިލުކުރެވޭނެ ތަނެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަންހެނުންވެސް ސުވަރުގޭގަ ތިބޭނީ ބައިވެރިއަކާއެކު! ސުވަރުގެއަކީ އަންހެނަކު ނަމަވެސް ހިތަށް އަރުވައިލި ކޮންމެ ކަމެއް ޙާޞިލުކުރެވޭނެ ތަނެއް! އިން ޝާ ﷲ

ފަށާނީ މުފްތީ މެންކުގެ ބަސްފުޅަކުންނެވެ. "ސުވަރުގޭގައި އެކަނިވެރިވެދާނެތީ ނުވަތަ ބައިވެރިއަކު ނުލިބިދާނެކަމަށް ކަންބޮޑުވުމަށްވުރެ މުހިންމީ ސުވަރުގެ ލިބިގަންނަން މަސައްކަތްކުރުމެވެ. ވީމާ ފުރަތަމަ ކުރަންވީ އެކަމަށް ކުރަންޖެހޭ މަސައްކަތެވެ.

ސުވަރުގޭގެ ވާހަކަތައް ދެކެވޭއިރު ފިރިހެނުންނަށް ޙޫރަލްޢީނުން ލިބޭނެ ކަމުގެ ވާހަކަ ދެކެވެނީ މުހިންމު ސަބަބަކަށްޓަކައެވެ. އެއީ ޢާންމުގޮތެއްގައި ފިރިހެނުންނަކީ އަންހެނުންނަށް ވަރަށް ގިނައިން އެދޭ ބައަކަށްވާތީއެވެ. އަދި އެޒަމާނުގައި ޢަރަބީންގެ މެދުގައި އެކަމަކީ އިންތިހާއަށް ބޮޑު ކަމެއްގެ ގޮތުގައި އޮތުމުންނެވެ.

ހަމައެއާއިއެކު ގިނަ އަންހެނުންގެ ކުރިމަތީގައި އެކަމަކީ "އެންމެ އިސްކަންދޭ" ކަންތައް ކަމުގައި އޮންނަނީ ނުވެފައެވެ. މިބުނަނީ އަންހެނުން ފިރިހެނުންނަށް ބޭނުންނުވާ ވާހަކައެއް ނޫނެވެ. ފިރިހެނުންނަށް އަންހެނުން ބޭނުންވާވަރަށް ގިނަ އަންހެނުންނަށް ފިރިހެނުން ބޭނުންނުވާ ވާހަކައެވެ. އެމީހުންގެ ކުރިމަތީ އެހެން އެތައް ކަންތައްތަކަކީ މާ މުހިންމު ކަންތައްތައް ކަމުގައިވާތީއެވެ.

މިކަމަށް ދަލީލު ލިބޭ ސަބަބެއްވެސް ބުނާނަމެވެ. އަތުގައި ފައިސާ ހުރިނަމަވެސް ފިރިހެނުން ބޭނުންވެގެން ޚަރަދުކުރާނީ ވަރަށް މަދު އަންހެނެކެވެ. އަތުގައި ފައިސާ ނެތިއްޔާ ދަރަނިވެރިވެގެންވެސް އަންހެނުން ހޯދަން މަސައްކަތްކުރާ ފިރިހެނުން ވަރަށް ގިނަވާނެއެވެ!

ވީމާ އަންހެނުންނަށް އެއްވެސް ކަމެއް ސުވަރުގޭގައި މަދުވަނީއެއް ނޫނެވެ. ފިރިހެނުންނަށް ލިބޭ ހުރިހާ ނިޢްމަތްތަކެއް އަންހެނުންނަށްވެސް ސުވަރުގޭގައި ލިބިގެންދާނެއެވެ. އަދި ސުވަރުގެއަކީ އެތަނުން ނިޢްމަތެއް ނުލިބިގެން އެއްވެސް މީހަކު މާޔޫސްވާންޖެހޭނެ ތަނެއް ނޫނެވެ.

ކޮންމެ މީހަކަށްވެސް، އަންހެނަކަސް ފިރިހެނަކަސް އެމީހަކު ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް އަބަދުވެސް ހުންނާނީ ލިބިލިބިއެވެ. އެކަން ޔަޤީންކުރާށެވެ! އަދި ސުވަރުގޭގައި އެއްވެސް މީހަކު އެކަނިވެރިއެއްވެސް ނުވާނެއެވެ. ކޮންމެ މީހަކަށްވެސް ބައިވެރިއަކު ވާނެއެވެ. ޙައްޤުވާ މީހުންނަށް އިތުރުވެސް ކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން