އެންމެ ކަމެއްގެ ވާހަކަ ބުނެފައި ހަމައެކަނި އެންމެ ކަމަކުން ނަރަކައަށް ނުވަދެ ސަލާމަތްވެވިދާނެކަމަށް ބުނީމާ ވަރަށް ގިނަ ސުވާލު އުފެދޭނެއެވެ. މަސައްކަތް މިކުރަނީ އެސުވާލުތަކުގެ ޖަވާބުދެވޭތޯއެވެ!
ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމާއިމެދުގައެވެ. ނަރަކައަށް ވަންނަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެންމެ މުހިންކަންތައް އަބަދުހެން ހަނދާން ނެތިފައި ތިބޭތީއެވެ! އެކަން ހަނދާނުގައި ބަހައްތާނަމަ ހަމަ ކޮންމެ މުސްލިމަކަށްވެސް ނަރަކައަށް ނުވަދެ ސަލާމަތްވެވިދާނެއެވެ!
އެއީ ހަމަ ވަރަށް ކުޑަކުޑަ ކަމެކެވެ! އެނގި ޔަޤީންވެސްވާ ކަމެކެވެ! ހަމަ ފަރުވާ ކުޑަކަމުން ހަނދާން ނައްތައިލެވޭ ކަމެކެވެ. އެކަމަކީ ތިމާގެ ކޮނޑުގައި އަބަދުވެސް 2 މަލާއިކަތުން ތިއްބަވައި ތިމާ ކުރާހައި ކަންކަން އެންމެ އަކުރެއް ފިޔެއްވެސް ވައްޓަވާނުލައްވަވައި ލިޔުއްވަވަމުން ގެންދަވާ ކަމެވެ!
އެކަން ފުރިހަމައަށް ހަނދާން ބަހައްޓައިގެން އުޅޭ މުސްލިމަކަށް އިން ޝާ ﷲ ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ! އެކަން ހަނދާނުގައި ހުރެ މުސްލިމަކު ހަމަ އެންމެ ފާފައެއްވެސް ނުކުރާނެތީއެވެ! ފާފައެއް ކުރަން އުޅެވުނަސް ހަނދާންވުމުން ނުކުރާނެތީއެވެ. ވީމާ ސުވަރުގެ އެދޭ މީހާ މި އެންމެ ކަންތައް ހަނދާނުގައި ބަހައްޓަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރާށެވެ!
މިހެން ބުނުމުން ތިމާ ކުރާ ކޮންމެ ކަމެއް ވަގުތުން ﷲ ތައާލާ ވަގުތުން ދެކެދެނެވޮޑިގެންވާކަން ހަނދާންކުރުމަކީވެސް ނަރަކައިން ސަލާމަތްވެވޭނެ ކަމެއް ކަމަށް ބުނެފާނެއެވެ. މި ބުނެވެނީ ހަމަ އެއްކަމެއް ކުރުމުގެ ވާހަކައެވެ! ބަހުގެ މުރާދަކީ ހަމަ އެއް ކަމެކެވެ! ﷲ ތިބާ އާއިއެކު ވޮޑިވާކަމަށް ބުނެވޭ ބަހުގެ މުރާދަކީ ވެސް ހަމަ އެއީއެވެ! ﷲ ތަޢާލާގެ ޢިލްމުފުޅުގެ މަތިވެރިކަމުން ތިބާ ކުރާ ކޮންމެ ކަމެއް ވަގުތުން ދެނެވޮޑިގެންވާ ކަމަށް ޤަބޫލުކުރުމެވެ!
މަލާއިކަތުން ތިބާގެ ކޮނޑުގައި އަބަދުވެސް ތިއްބަވައި ތިބާ ބުނާ ބަސްތަކާއި ކުރާ އަމަލުތައް ވަގުތުން ލިޔުއްވަވަމުން ގެންދަވާކަން އަބަދުވެސް ހަނދާންކުރުމަކީ ޤިޔާމަތް ދުވަހު މީޒާނުގައި އެފަތް ކިރައި ޙިސާބު ބެލެވޭނެ ކަމަށް ބިރުވެތިވުމެވެ! ހަނދާނުގައި އަބަދުވެސް ބަހައްޓަންވީ އެކަމެވެ! އެކަން ކުރެވޭނަމަ ތިބާއަށް ނަރަކައަށް ވަންނަން ނުޖެހި ސަލާމަތްވެވޭނެއެވެ! އިން ޝާ ﷲ!
އިސްލާމީ ތިލަފަތުގެ ދަރުސަކުން