ތައުބާވެ އަޅުކަންކުރުން ގިނަކޮށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަން ބޭނުންވިޔަސް ކުރިއަށްދާން ފަސްޖެހެވޭނަމަ ކުރަންވީ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ތައުބާވެ އަޅުކަންކުރުން ގިނަކޮށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަން ބޭނުންވިޔަސް ކުރިއަށްދާން ފަސްޖެހެވޭނަމަ ކުރަންވީ ބައެއް ކަންކަން-

ތައުބާވެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން ބޭނުންވިނަމަވެސް ތަފާތު ސަބަބުތައް ކުރިމަތިވާ ކަމާއި ހުރަސްތަކުން ސަލާމަތްވާން އުނދަގޫވާކަން ބައެއް ކިޔުންތެރިން ފާހަގަކުރެއެވެ. އެކަން އެހެން އެވަނީ ޝައިޠޯނާގެ ސަބަބުންނެވެ. ވީމާ އެކަން ކާމިޔާބުކުރެވޭނީ ވަރަށް ޢަޒުމް ވަރުގަދަކޮށް ހިތްވަރާއެކު މަސައްކަތްކުރުމުންނެވެ.

ތިރީގައިވާ ލިޔުމަކީ ކިޔުންތެރިންގެ މިފަދަ ކަންބޮޑުވުންތަކާއި ގުޅިގެން ޙައްލު ވިސްނައިދޭން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. ވިދާޅުވެލައްވައި ޢަމަލުކުރައްވަން މަސައްކަތްކުރައްވާށެވެ!

"ބަންގި ގޮވަންވާއިރަށް މިސްކިތަށްދާން ވަރަށް މަސައްކަތްކުރަމެވެ. ނަމަވެސް ވުޟޫކުރަން އުޅޭއިރަށް ކޮންމެވެސް މުހިންމު މީހެއްގެ ކޯލެއް އާދެއެވެ. ވަޤުތުތައް ގެއްލިގެންދެއެވެ."

މެންދުރު ބަންގީގެ ކުރިން ބަދިގޭ މަސައްކަތް ނިންމާލައި ފެންވަރާލައިގެން ޟުޙާ ނަމާދުކޮށްލައިގެން މެންދުރު ނަމާދަށް އިންތިޒާރުކުރަން އިންނަން ބޭނުންވެއެވެ. ނަމަވެސް އެކަން ޙާޞިލުކުރެވެނީ ވަރަށް މަދު ދުވަހަކުއެވެ. ގިނަ ދުވަސްތަކުގައި އެކަން އޮންނަނީ ބޭނުންވާ ގޮތަށް ނުކުރެވިފައެވެ. މަސައްކަތް ނިމެމުންދަނިކޮށް ކޮންމެވެސް ހުރަސްތަކެއް ކުރިމަތިވަނީއެވެ."

މިފަދަ ވާހަކަތައް ދަނީ އަބަދުހެން އަޑުއިވެމުންނެވެ. ވީމާ މިކަންކަމަށް ވިސްނައިލަމާ ހިނގާށެވެ!

ޝައިޠޯނާ އެންމެ ބޮޑަށް ކަންބޮޑުވާނެ އެއް ވަގުތަކީ މިހަކު އެމީހާގެ އަމަލުތައް އިޞްލާޙްކުރުމަށް ވިސްނައި އަމަލުކުރަން ފަށާ ވަގުތެވެ. ވީމާ ކުރިން ބުނި ފަދަ ގޮތްތައް މެދުވެރިވަނީ އެކަންކަން ކުރަން އުޅޭކަން އެނގުމުން ކުރިއަ ނުދިނުމަށް ޝައިޠޯނާ ތެޅިފޮޅިގަންނާތީއެވެ. ވަސްވާސް ދިނުން ގިނަކޮށް ހުރަސް އަޅަން މަސައްކަތްކުރާތީއެވެ! ވީމާ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހާ އެކަންކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. ޝައިޠޯނާ ކުރިމަތިކުރުވާނެ ހުރަސްތަކަށް ވިސްނައި ފިސާރި ވަރުގަދައަށް ތައްޔާރުވާން ވާނެއެވެ!

ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ފަށަންވާނީ ވަރަށް ވަރުގަދަ ޢަޒުމަކާއިއެކުގައެވެ. ފިސާރި ސާބިތުކަމާއިއެކުގައެވެ. ސާބިތުކަން ދެއްވަވައި މަގުފަހިކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ! ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ!

ދުނިޔޭގައި އުޅޭ އެންމެން ނަރަކައަށް ވައްދުވަން ޝައިޠޯނާ ބޭނުންވާނެއެވެ! އެކަމަށް މަސައްކަތްކުރާނެ ކަމަށް ޝައިޠޯނާ ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިފައެވެ. ހިތްވަރު ލިބިގަންނަންވީ ޝައިޠޯނާގެ ބަހަށް ހެއްލެވި ފާފަ ކުރެވުނު ނަމަވެސް ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާތީއެވެ! ވީމާ ކޮންމެ ކަމެއް ކާމިޔާބުކުރުމަށް އެދިގެންވެސް އެންމެ ގިނައިން ކުރަން އޮތް ކަމަކީ ފާފަތައް ފުއްސަވައި ދެއްވެވުން ގިނަގިނައިން ދުޢާ ކުރުމެވެ. އެކަންކުރުން ގިނަކުރާށެވެ!

އީމާންތެރިކަން އިތުރުކޮށް އަޅުކަން ކުރުން ގިނަކުރަން މަސައްކަތް ކުރަން ވިސްނި ނަމަވެސް އެކަން ނުކުރެވި ފަހަތަށް ޖެހެވެނީ އަދި ކުޑަކޮށް އެކަންކަން މަޑުޖައްސައިލަން ހިތަށް އަރާގޮތް މެދުވެރިވަނީ ހަމަ ޝައިޠޯނާގެ ސަބަބުންނެވެ! ޙައްލަކީ ފާފަކުރުން ހުއްޓާލައި ޝައިޠޯނާގެ މަގުން ދުރުހެލިވުމެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ތަބަޢަ ނުވެ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ޘާބިތުވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން