ކައިވެނިކުރެވުން ކިރިޔާ ލަސްވެލާއިރަށް ހިތަށް އެރިހައި ފޭރާމަކުން ހިތަށްއެރިހައި ފެޝަނަކަށް ފޭރާންލައިގެން، ހިލޭ ފިރިހެނުންނަށް ސެންޓުވަސް ދުއްވަމުން މަގުމަތީގައި ހިނގާ މީހުން ވިސްނައިލާށެވެ! ކޮންކަމަކަށް ހެއްޔެވެ؟ އެގޮތަށް އެކަން ނުކުރުމުން ދެއްވަވާނެ ބޮޑު ފައިދާޢަށެވެ!
ބައެއް މީހުންނަށް ކައިވެނި ނުކުރެވިފައި ތިބެން ޖެހެނީ އެމީހުން ކައިވެނިކުރާނެ، ﷲ ތަޢާލާއަށް ބިރުވެތިވާ ބައިވެރިއަކު ނުލިބުމުންނެވެ. އެފަދަ ޙާލަތުގައި ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ޘާބިތުވާށެވެ! ޙަރާމް ކަންކަމަށް އަރައިނުގަންނާށެވެ! ފާފަވެރި އެއްވެސް ޢަމަލެއް ނުކުރާށެވެ. އެއިރުން ލިބެން ހުރި ނިޢްމަތްތައް ހާދަހައިވާ މަތިވެރިވެގެންވެއެވެ.
އަންހެނުން އެކަންޏެއް ނޫނެވެ. ފިރިހެނުންނަށްވެސް އޮތީ މިކަމަށް ސަމާލުވުމެވެ. ވީމާ އަންހެނުންވެސް އަދި ފިރިހެނުންވެސް މިކަމަށް ސަމާލުކަންދޭށެވެ! ޔަޤީންކަން އިތުރުކޮށްލައްވަން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ސުވަރުގޭގައި މީހަކާ ނީންނަ އެއްވެސް މީހަކު (އަންހެނަކުވިޔަސް އަދި ފިރިހެނަކުވިޔަސް ނުވެއެވެ). އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. އެމީހުންގެ ލޮލުގެ ކޮއި ކަޅުކަން ގަދަވެފައި ލޮލުގެ ހުދުބައި ހުދުކަން ގަދަވާނެއެވެ. އަދި އެމީހުންގެ އިސްތަށިގަނޑު ރޭގަނޑުފަދައެވެ. އެމީހުން އެއްވެސް ފިރިހެނަކަށް ނުބަލާނެއެވެ. އެމީހުން މިހާރުވެސް ތިބޭނީ އެމީހުންނަށްޓަކައި ވާ މީހުންގެ އިންތިޒާރުގައެވެ. އެއީ ބިކުރުވެރިންނެވެ. އެއްފަހަރު ގުޅުން ހިންގުމަށްފަހު އަނެއްފަހަރު ގުޅުން ހިންގަންވާއިރަށް އެމީހުންނަށް ބިކުރުވެރިކަން ރުޖޫޢާވާނެއެވެ.
އެމީހުންނަކީ ސާފުޠާހިރު ބަޔެކެވެ. އެމީހުން ބަލިނުވާނެއެވެ. ޙައިޟެއް ނުވާނެއެވެ. ބޮޑުކަމު ނުދާނެއެވެ. ކުޑަކަމު ނުދާނެއެވެ. ނިފާސްވެރި ނުވާނެއެވެ. އެމީހުންނަށްޓަކައި ވާ ފިރިހެނާނޫން އެހެން އެއްވެސް މީހަކާ ދިމާއަށް ނުވެސް ބަލާނެއެވެ. މޫނު އަލިވާނެއެވެ. މޫނު ހުދުކަން ގަދަވެފައި ލޮލުގެ ކަޅުކަން ގަދަވާނެއެވެ. ވަރަށް ރީތިވާނެއެވެ.
ސުވަރުގޭގެ އަހުލުވެރިންގެ ޢުމުރަކީ 33 އަހަރެވެ. ތިބާ ސުވަރުގެއަށް ވަންނައިރު ތިބާގެ ޢުމުރަކީ 33 އަހަރެވެ. ސުވަރުގޭގައި ތިބޭ ޙޫރުލް ޢީނުންގެ ޢުމުރަކީވެސް އެއީ އެވެ. އެކަމަކު އެމީހުން ހީވާނީ ޒުވާން ކަމުންގޮސް ޅަ ކުދިންކޮޅެއް ހެންނެވެ. ސާދަ ފަނަރަ އަހަރުގެ ކުދީން ފަދައިންނެވެ.
ކޮންމެ މީހަކަށް އެމީހެއްގެ ދެ އަނބީންކަމުގައި، ދުނިޔޭގައި ލިބިފައިވާ އަނބީންގެ އިތުރަށް ދެ ޙޫރުލްޢީނުން ވެއެވެ. ޝަހީދުންނަށް 70 ޙޫރުލް ޢީނުންވެއެވެ. (ކޮންމެ ޝަހީދަކަށް 70 ޙޫރުލްޢީނުން ލިބިވަޑައިގަންނަވާނެއެވެ!)
--ޝައިޚް މުޙައްމަދު ޝާފިޢު