ދުނިޔޭގައި ކޮންމެ މީހަކަށްވެސް ހުރެވެނީ ވަރަށް ކުރު މުއްދަތެއްގައެވެ. އެދުވަސްކޮޅު ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ޞުލްޙަވެރިކަމާއި އަމާންކަން ފެތުރުމަށެވެ. ވީމާ އެކަކު އަނެކަކާއި ގުޅުން އުފައްދައި އަނެކާއާއި ހަމައަށް ވާޞިލުވުމަށް މަސައްކަތްކުރާށެވެ! އެއްވެސް މީހަކަށް ނަފްރަތުނުކުރާށެވެ! އެއްވެސް މީހަކީ ތިމާއަށްވުރެ ދެރަ، ނިކަމެތި މީހަކު ކަމަށް ހީނުކުރާށެވެ! ޢުމުރަކީ ކުރު އެއްޗެކެވެ! ހަމައެކަކަށްވެސް މުއްދަތެއް ނުއެނގޭނެއެވެ! ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ! މަރުވެއްޖެނަމަ ވަޅުލެވޭނީ ދިރިތިބި އެންމެންނަށްވުރެ އަޑީގައެވެ!
އެހެން މީހުން ތިބާ އާއިމެދު ކަންތައްތައް ކުރާ ގޮތަށް ތިބާ ނުބަލާށެވެ! އެއީ ތިބާގެ ބާރުގެދަށުގައިވާ ކަންކަމެއް ނޫނެވެ. ތިމާގެ ބާރުގެދަށުގައިވަނީ ތިބާ ޢަމަލުކުރާ ގޮތެވެ! އެހެން މީހަކު ތިބާއަށް ކޮށްފައިވާ ނުބައިކަމަކާއި ގުޅިގެން ތިބާއަށް ސުވާލެއް ނުކުރައްވަވާނެތެވެ. ސުވާލުކުރައްވަވާނީ އެކަމެއް ކުރިމީހަކަށެވެ. ތިބާއާއި ސުވާލުކުރައްވަވާނީ ތިބާކުރި ޢަމަލުތަކަށެވެ.
ވީމާ ކޮންމެ މީހަކަށްވެސް ހެޔޮކޮށް ހިތާށެވެ! އެހީތެރިވާށެވެ! ހިނިތުންވާށެވެ! ހެޔޮ ނަޞޭބޭޙަތްދޭށެވެ! ހިނިތުންވުމާއި ނަޞޭޙަތް ދިނުމަކީ ކުޑަކަމެއްކަމަށް ހީކޮށް ނުކޮށް ދޫކޮށްނުލާށެވެ!
މީސްތަކުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ދަސްކުރާށެވެ! އެ ސިފަތައް ތިމާގެ ގައިގައިވެސް ހަރުލައްވާށެވެ! ބަލަންވީ މީހާގެ ދަރަޖައަކަށް ނޫނެވެ. އެމީހެއްގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކަށެވެ. ތަޤްވާވެރިކަމަށެވެ.
ދެމީހުންގެ ޚިޔާލު ކިތަންމެ ވަރަކަށް ތަފާތުވި ނަމަވެސް އެއީ މައްސަލައަކަށް ނުހަދާށެވެ! ދެމީހުންނަށް އެއްބަސްވެވޭ މިންވަރު ދެމީހުންވެސް ޤަބޫލުކޮށް އެކަކު އަނެކަކަށް އިޙްތިރާމްކުރާށެވެ! އަނެކާ ޤަބޫލުނުކުރާ ކަންކަން އޭނާ ލައްވައި ގަދަކަމުން ކުރުވުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަޞޭޙަތް ދިނުމުން ޤަބޫލުނުކުރާނަމަ އެހިސާބުން ﷲ އަށް ވަކީލްކޮށް އެކަން ނިންމައިލާށެވެ.
--މުފްތީ މެންކް