އުންމު ނަވާރު
ރީދުލަކީ އަޅުގަނޑުމެން ދިވެހިންގެ މެދުގައިވެސް ވަރަށް ކުރިއްސުރެން ބޭނުންކުރަމުން އަންނަ ބާވަތެކެވެ. މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އާންމުކޮށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ރާއްޖޭން އަޅުގަނޑަށް ގިނައިން ފެންނަނީ ރީދޫ ޕައުޑަރއެވެ. މި ރީދޫ ޕައުޑަރ ހަވާދު ތައްޔާރުކުރާއިރުއާއި ކިރުގަރުދިޔަ ނުވަތަ ދޮން ރިހަ ކައްކާއިރު ބޭނުންކޮށް އުޅެއެވެ. ރީދުލަށް އިގިރޭސި ބަހުން ކިޔަނީ ޓިއުމަރިކްއެވެ. ރީދޫގެ ކުޑަ އެތިކޮޅަކުންވެސް ވަރަށް ރީތި ރީދޫ ކުލައެއް ގެނެސްދެއެވެ. ދިވެހިން ރީދޫ މި ކިޔަނީ މީގެން ރީދޫ ކުލަ އަރާތީކަމަށްވެސް ވެދާނެއެވެ. ރީދޫއިން އަރުވައިދޭ ރީތި ކުލައިގެ އިތުރުން މިއީ ހަށިގަނޑަށްވެސް ވަރަށް ފައިދާ ލިއްބައިދޭ އެއްޗެކެވެ.
ރީނދޫވަނީ އަޔުރްވެދިކް މެޑިސިންއާއި ޗައިނީސް މެޑިސިންގައި އެތައް އަހަރެއް ވަންދެން ބޭނުންކޮށްފައެވެ. އަދި މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ. މި ދެބާވަތުގެ ބޭސްވަރިކަމުގައި ރީނދޫ ބޭނުން ކޮށްގެން ފަރުވާ ކުރާ ބަލިތަކުގެ ތެރޭގައި ހަމުގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް، ހުޅުތަކުގައި ރިއްސުން އަދި ހަޖަމުކުރާ ނިޒާމަށް ދިމާވާ ބަލިތައް ހިމެނެއެވެ. ދާދި ފަހުން ރީނދޫ ވަނީ ޑައިޓްރީ ސަޕްލިމެންޓެއްގެ ގޮތުގައި ބޭނުން ކުރަން ފަށާފައެވެ. މި ސަޕްލިމެންޓް ފާހަގަ ކުރެވިފައިވަނީ އާތުރައިޓިސް، ހަޖަމުކުރުމުގެ މައްސަލަތައް ، ޑިޕްރެޝަން އަދި އެލަޖީ ފަދަ ކަންކަމަށް ރަނގަޅު އެއްޗެއްގެ ގޮތުގައެވެ.
ރީނދޫގެ ސަބަބުން ސިއްހަތަށް ކުރާ ފައިދާތައް ދެނެގަތުމުގެ ގޮތުން ފާއިތުވި އަހަރުތަކުގައި ރީދުލާއި ބެހޭގޮތުންވަނީ ދިރާސާތަކެއް ކުރެވިފައެވެ. 2020 ވަނަ އަހަރު ކުރި ދިރާސާއިން ދައްކާގޮތުގައި ރީދޫއަކީ އެންޓި-އިންފްލެމޭޓަރީ، އެންޓިކެންސަރ، އެންޓިޑައިބެޓިކް، އެންޓިޑައިބަލް، އެންޓިމައިކްރޯބިއަލް، އެންޓިވައިރަލް އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަރޓީސް ހިމެނޭ އެއްޗެކެވެ. އިންސާނުންގެ ދިރާސާތަކުން ދައްކާ ގޮތުގައި އޮސްޓިއޯއާތުރައިޓިސްގެ ތަދު މެނޭޖްކުރުމަށް ރިދޫ ބޭނުން ކުރުމުން އެދެވޭ އަސަރެއް ފާހަގަ ކުރެވެއެވެ.
ކެއުމުގައި ރިނދޫ ބޭނުން ކުރާނީ ކިހިނެއް؟
އަޅުގަނޑުމެން ދިވެހިން ކެއުމުގައި އާންމުކޮށް ރީދޫ ބޭނުންކުރަނީ ކިރުގަރުދިޔައަށް އަޅައިގެންނެވެ. ނުވަތަ ހަވާދު ހަދާއިރު ހަވާދަށް އަޅައިގެންނެވެ. އަޅުގަނޑު ބަލާލާނީ މަތީގައި ބަޔާންކޮށްފައިނުވާ ގޮތަކަށް ރީނދޫ ބޭނުންކޮށްލެވިދާނެ ގޮތަކަށެވެ. އެގޮތުން ސައި ނުވަތަ ކޮފި ތައްޔަރުކުރާއިރު ރީދޫ ބޭނުން ކުރެވިދާނެއެވެ. ސޫޕްއާއި ރޯސްޓެޑް ތަރުކާރީ ތައްޔާރު ކުރާއިރު ރީނދޫ ކޮޅެއް އަޅާލެވިދާނެއެވެ. އެކި ކަހަލަ ބަތް ކައްކާއިރު ރީދޫ ކޮޅެއް އެއްކޮށްލެވިދާނެއެވެ. ނުވަތަ ރީނދޫ ސަޕްލިމެންޓްއެއް ނެގިދާނެއެވެ.
އާތުރައިޓިސް ފައުންޑޭޝަނުން ލަފާދެނީ އޮސްޓިއޯއާތުރައިޓިސް އާއި ރިއުމެޓޮއިޑް އާތުރައިޓިސްގެ އަލާމާތްތައް ކޮންޓްރޯލް ކުރުމަށް ދުވާލަކު ދެ ފަހަރު 500 މިލިގްރާމްގެ ކެޕްސޫލް ކާކިއުމިން (ރީނދޫ ) އެކްސްޓްރެކްޓް ބޭނުންކުރުމަށެވެ.
ރީދޫ ބޭނުންކުރުން ރައްކާތެރިތަ؟
ރީނދޫ ސަޕްލިމެންޓަކީ އެފްޑީއޭ އިން "އާންމުކޮށް ރައްކާތެރި ކަމަށް ގަބޫލުކުރާ" ސަޕްލިމެންޓްއެކެވެ. ރީދޫ ސަޕްލިމެންޓުގައި ގެއްލުން ހުރި އެހެނިހެން މާއްދާތައް ވެސް ހުރެދާނެ އެވެ. މިސާލަކަށް ގްރައުންޑް (މުގުރި) ރީނދޫ އަކީ އެމެރިކާގައި ލީޑް އެކްސްޕޯސަރ ކުރާ ވަސީލަތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ރީނދޫ ސަޕްލިމެންޓް ނެގުމެގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދާލަން ވާނެއެވެ. ސިއްހީ އިތުރު މައްސަލައެއް ހުންނަ ކަމުގައިވާނަމަ ޑޮކްޓަރ ގާތު ބުނަންވާނެއެވެ. އަދި ނަގަމުންދާ ބޭސްތައް ކިޔާދޭންވާނެއެވެ. މީގެ އިތުރުން ލޭ ދިޔާ ކުރާ ބޭހެއް ކާނަމަ، ސާޖަރީއެއް ކުރަށް ރެޑީވެފައިވާނަމަ. ބަނޑުބޮޑުނަމަ ނުވަތަ ދަރިފުޅަށް ގާތުން ދޭނަމަ، ގާލް ބްލޭޑަރ ބަލި އަދި ކީމޯތެރަޕީ ނަގަމުންދާނަ މިވާހަކަތައް ޑޮކްޓަރާ ހިއްސާ ކުރަން ހަދާން ކުރަންވާނެއެވެ.
ކޮންމެ އެއްޗެއްވެސް ކާންވާނީ މެދުމިނެއްގައެވެ. ތިމާގެ ހަށިގަނޑަށް ކުޅަދާނަވާނެ މިންވަރަށެވެ! މާގިނައިން ރީނދޫ ބޭނުންކުރާނަމަ ބަނޑަށް ތަދުވެ، މޭނުބައި ކުރާގޮތްވެ އަދި ބޭރަށް ހިންގަފާނެއެވެ. ވީމާ މިކަންކަމަށް ސަމާލުކަށް ދޭންވާނެއެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެހެން ލިޔުމަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.
މަސްދަރު:
Jenette Restivo, 2004, Turmeric benefits: A Look at the evidence, Harvard health.