އެންމެ މުހިންމު ކަމަކީ ވީހާގިނައިން އަޅުކަންކުރާ މީހަކަށްވުމެވެ. އެހެންވެ އެކަމަށް މަސައްކަރަމުންދަނިކޮށް ހަނދާން ނެތިގެން އަޅުކަމެއް ނުކުރެވިއްޖެނަމަ ވަރަށް ދެރަވެސް ވާނެއެވެ. ދެރަވި ނަމަވެސް ހިތްވަރު އެލުވައިނުލާށެވެ!
އެހެނީ އެއްވެސް މީހަކަށް ހަނދާން ނެތިގެން އަޅުކަމެއް ނުކުރެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ޢަފޫކުރައްވަވައެވެ. އިން ޝާ ﷲ. ހަނދާން ނެތިގެން ފަރުޟް ނަމާދެއް އެޅުނު ނަމަވެސް އޮތީ ހަނދާންވިހާ އަވަހަކަށް ކުރުމެވެ. އެކަމަކުން ފާފަވެރިއެއް ނުވާނެއެވެ. އިން ޝާ ﷲ. މިހެން މިބުނަނީ ޝައިޠޯނާ އެންމެ ގިނައިން މީސްތަކުންނަށްދޭ އެއް ދެރައަކީ ހެޔޮ ޢަމަލުކުރަން ހަނދުމަނެތިކޮށްލުވުންކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.
އަޅުކަން ކުރަމުން އަންނަ މީހަކަށް އަޅުކަން ނުކުރަން ވަސްވާސްދިނަސް އޭނާ ނުހުއްޓުވޭނެކަމާއި އަޅުކަްނކުރާނެކަން ޝައިޠޯނާއަށް އެނގޭނެއެވެ. ވީމާ ނުކުރަން ވަސްވާސްދިނުމުގެ ބަދަލުގައި މަސައްކަތްކުރާނީ ހަނދުމަނެތިކޮށްލުވުމަށެވެ. ނުވަތަ ކުރަންހުރިކަންކަން ކޮށްނިންމާފައި ފަހުން ކޮށްލެވިދާނެކަން ވިސްނައިދިނުމަށެވެ.
ތަކުރާރުކޮށްލާނަމެވެ! އެންމެ ބޮޑަށް ފަރުވާތެރިވާންޖެހޭ އަޅުކަމަކީ ނަމާދެވެ. ނަމާދުވެސް ހަނދާން ނެތިގެން ނުކުރެވިއްޖެނަމަ އޮތީ ކުރިން މިބުނި ފަދައިން ޤަޟާ ކުރުމެވެ. ޤަޟާކުރުމުން ޤަބޫލުފުޅު ކުރައްވަވަތެވެ. އަދި އެނޫން ކަންކަންވެސް މީހާއަށް ހަނދާންނެތިގެން ނުކުރެވިއްޖެނަމަ ޢަޛާބެއް ނުދެއްވަވައެވެ.
އަޅުކަމާއި ދިރިއުޅުމުގެ މުހިންމު ކަންކަން ކުރަން ހަނދާން ނެތޭ އެންމެ ބޮޑުސަބަބަކީ ޝައިޠޯނާކަމަސްވާއިރު އޭތީގެ ނުބައިކަމުން ސަލާމަތްވެހުންނަން މަސައްކަތްކުރަންވާނެއެވެ. ފަތިސްނަމާދުން ދުވަސް ފަށައި ޛިކުރުތައް ކިޔުންމަތީގައި ހުންނަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ޝައިޠޯނާގެ ކިބައިން ސަލާމަތްކަން ލިބިގެން ހުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން