އަނބިމީހާ ދެކެ ރުޅިއަންނަން ބޭނުންވުމުން އަނބިމީހާއަށް ކުރެވޭ ކުދިކުދި ކަންކަން އެއީ މާބޮޑު ކަންކަމަށް ހަދާ މީހުން ވިސްނާލަން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އަނބިމީހާ ދެކެ ރުޅިއަންނަން ބޭނުންވުމުން އަނބިމީހާއަށް ކުރެވޭ ކުދިކުދި ކަންކަން އެއީ މާބޮޑު ކަންކަމަށް ހަދާ މީހުން ވިސްނާލަން މުހިންމު ބައެއް ކަންކަން-

ފުރަތަމަ ބަހެއްބުނެ މިލަނީ ދެމީހުންނަށެވެ. މިޘާލަކަށް ޖެހޭ މައްސަލައެއްގެ ސަބަބުން މިވެނި މީހެއްގެ ގެއަށް ނުދާން ބުނެފާނެއެވެ. އެހެންވެ ބައިވެރިޔާ އެގެއަކަށް ނުދެއެވެ. ނަމަވެސް ރުޅިއައިސް ކުށްވެރިކުރަން ބޭނުންވުމުން އެގެ ހުންނަ މަގުން ދިއުންވެސް އެބަކުށްވެރިކުރެއެވެ. އެއީ ބޮޑު މައްސަލައަކަށް އެބަހަދައެވެ. މިހުންނަނީ ވަރަށް ދެރަވަރު ކަންކަމެވެ. އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަމެވެ.  

ދެން ބަހެއް ބުނެމިލަނީ ފިރިންނަށެވެ. ބައްދަލުވާ ބައެއް އަންހެނުން ވަރަށ ދެރަވެފައި އެބަ ބުނެއެވެ. ފިރިމީހާއަށް ގިރައިދިން ސައިތަށީގެ ރަހަބަލައިލިތަން ފެނުމުން އެއީ ސައިތަށްޓަށް ކުޅުޖެހުން ފަދަ ކަމެއް ކަމަށް ދެކެގެން އެބަ އެއްޗެތި ގޮވައެވެ. އެއީ ނަޖިސް ޢަމަލެއް ކަމަށް ބުނެ އެބަ ކުށްވެރިކުރެއެވެ. އަދި އެވަރަކުންވެސް ފުއްދައެއް ނުލައެވެ. ސައިތަށި ގެންގޮސް ބެހެއްޓީމާ މޫނަށްވެސް އެބަޖަހައެވެ. 

މިފަދަ ޢަމަލުތައްކުރާ ފިރިންނާއި ސުވާލެއްކޮށްލަން ބޭނުންވެއެވެ. ނިކަން ބުނެދީބަލާށެވެ! ސައިގިރި ސަމުސަލުން ސައިކޮޅެއްނަގާފައި ތުންފަތުގައި ޖައްސައިލުމަށްފަހު އެސަމުސާ ނުދޮވެ ސައިތަށްޓަށްލީތީ ނުވަތަ ޖޯޑުގައި އަނބިމީހާ ތުންޖަހައިލީތީ ތިއަހައިވަރަށް ފަކުރުގަންނައިރު އަނބިމީހާގެ ތުންފަތުގައި އަނގަޖަހަނީ ކީއްވެގެން ހެއްޔެވެ؟ ތުންފަތުގައި އަނގަޖަހައި ހުންނަ ކުޅުތައް ބޮނީ ކީއްވެގެން ހެއްޔެވެ؟  

ލިބުވެތި އަޚުންނާއި އުޚުތުންނޭވެ! އަނބިމީހާ އާއި ފިރިމީހާ އާއި ދެމީހުންގެ މެދުގައި އޮންނަ ގުޅުމަކީ މާ ވަރުގަދަ ގުޅުމަކަށް ހަދަންޖެހޭނެއެވެ. ރުޅިއަންނަން ބޭނުންވެފައި ހުރުމުން ކަމަކަށްނުވާ ޒާތުގެ ކަންކަން ކަމަކަށް ހަދައި ބޮޑުނުކުރާށެވެ. ކޮންމެ ކަމެއްގައިވެސް ދެމީހުންގެ މެދުގައި އެކުވެރިކަން ބަދަހިކުރަން މަސައްކަތްކުރާށެވެ.  

އަދި ކީއްހެއްޔެވެ؟ ދެމަފިރިން އެކަކު އަނެކަކަށް ލަވައި ކާންދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަން ކުރެވޭނީވެސް ވަރަށް ބޮޑަށް ލޯބިވާ ދެމަފިރިއަކަށެވެ. އެކަމުގެ ސަބަބުން އަނެއްކާވެސް ލޯބި އިތުރުވެގެންދަނީއެވެ.

ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން އިތުރުވަމުން މިދަނީ ލޯބިއިތުރުކުރަން މަސައްކަތްނުކުރެވޭތީއެވެ. ބަލަންވީ މައްސަލައެއް އުފައްދާނެ ގޮތަކަށް ނޫނެވެ. ބަލަންވީ ލޯބިއިތުރުކުރެވޭނެ ކަންކަން ކުރެވޭތޯއެވެ. ޒަވާޖީ ޙަޔާތަށް ޚަރީފް މޫސުން އަޔަނުދޭށެވެ. އަބަދުވެސް ބަހާރުމޫސުމުގައި ތިބެން ގަދައަޅައި މަސައްކަތްކުރާށެވެ. ދިރިއުޅުމާއި އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރަން ކުރާ މަސައްކަތްތަކާއިއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން