ހަމައެކަނި ވަކިކަމަކަށް ބޭނުންވުމުން އަނބިމީހާ ފެނުމަކީ އިސްލާމްދީނުގަ އޮތް ގޮތެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 38ސ
ހަމައެކަނި ވަކިކަމަކަށް ބޭނުންވުމުން އަނބިމީހާ ފެނުމަކީ އިސްލާމްދީނުގަ އޮތް ގޮތެއް ނޫން!

ބައެއް ފިރިން އެމީހުން ކުރަން ބޭނުންވާ ކަންކަން ނުކޮށްވެސް އަނބިދަރިންގެ ކަންކަން ކޮށްދެއެވެ. އަމިއްލައަށް ލާނެ ފޭރާން ނުހޯދައިވެސް އަނބިދަރިންނަށް އައުފޭރާން ހޯދައި ދެއެވެ. މިހައި ރަނގަޅު ފިރިން ތިބިނަމަވެސް އަނެއްބައި ފިރިންގެ ކިބައިން ފެންނަނީ އެއިގެ އިދިކޮޅެވެ. އެހެންވެ ހަމައެކަނި އެއްދާންކުރަން ބޭނުންވުމުން އަނބިމީހާ ދެކެން ބޭނުންވާކަމުގެ ޝަކުވާތަކަކީ މެދުކެނޑުމެއްނެތި ބައެއް އަނބިން ކުރަމުން އަންނަ ޝަކުވާތަކެކެވެ.

"ފިރިމީހާ އަޅުގަނޑު ވަރިއެއް ނުކުރެއެވެ. ނަމަވެސް އަޅުގަނޑު ދުނިޔޭގައި ހުންނަކަން އޭނާއަށް އެނގެނީ ނިދަން އެނދަށް އަރާފައެވެ! އަޅުގަނޑަށް އެއްވެސް ޚަރަދެއް ނުކުރާތާ 2 އަހަރަށްވުރެ ގިނަވެއްޖެއެވެ. ކާންބޯން ނުދޭތަނުގައި އުނުއަންނައުނުވެސް ނުދެއެވެ. ދެން ބުނަނީ އޭނާ އެދޭ ކަންކަން ކޮށްނުދިނީމާ އަޅުގަނޑު ފާފަވެރިވާނެ ކަމަށެވެ. އެއީ ހަމަ އެކަން އޮތްގޮތްތޯއެވެ؟

ކިޔުންތެރިޔާގެ މިސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

މިފަދަ ވާހަކަތައް ދެއްކީމާ ގިނަ ބައަކު ރުޅިވެސް އަންނާނެއެވެ. ނަމަވެސް ކޮންމެވެސް މީހަކު މިވާހަކަވެސް ދައްކަން އެބަޖެހޭ ނޫންހެއްޔެވެ؟ ވީމާ މިރޭ މިދައްކަނީ ބައަކު ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހޭނެ ވާހަކައެކެވެ. ނަމަވެސް ކަންހިނގަމުންދާ ގޮތުގެ ވާހަކައެވެ.

މިހާރަކަށް އައިސް ސުންނަތުގައި އޮތީމާކަމަށް ބުނެ 2،3،4 އަނބިން ހަމަކުރާ މީހުން ދަނީ ގިނަވަމުންނެވެ. އެއިގެ ތެރެއިން ގިނ ބައަކަށް ނުއެނގެނީ ސުންނަތުގެ ކުރިއަށް ވަރަށް މަތިވެރި ވާޖިބުތަކެއް ހުންނަކަމެވެ. އަނބިމީހާ އަށް ކާންދީ، އަންނައުނުދީ، އޮންނާނެތަނާއި އިންނާނެތަން ދައްކަން ޖެހޭނެ ކަމާއި ބަލިވުމުން ބޭސްވެސް ކޮށްދޭންޖެހޭނެކަމެވެ.

މިރޮނގުން މިސާލެއް ޖަހާނަމެވެ. މުސްލިމުންނަށް ދުވަސް ފެށެނީ ރޭ ގަނޑު ނިދަން އެރުމަކުން ނޫނެވެ! ފަތިސް ނަމާދުންނެވެ! ވީމާ ފަތިސް ނަމާދުން ފެށިގެން ނިދަން އައުމާއި ހަމައަށް، އަބިމީހާއަށް ކާންބޯން، ލާނެ އަންނައުނު، ބޯހިޔާވަހިކަން، ކަރަންޓާއި ފެން މިހެން ގޮސް އަނބިމީހާއަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް ކޮށްދިނިންހެއްޔެވެ؟

އަދިވެސް އިތުރަށް ތިލަކޮށްލާނަމެވެ! ދިރިއުޅޭތަނަކީ ކުލި ދައްކަން ޖެހޭ ތަނެއް ނަމަ އެކަން ކުރަން ހެއްޔެވެ؟ ކަރަންޓާއި ފެންބިލު ދައްކަން ހެއްޔެވެ؟ ކާންބޯންދެން ހެއްޔެވެ؟ ލާނެ ފޭރާން ދިނުމާއި ބަލިވީމާ ބޭސްކޮށްދިނުން ފަދަ ފިރިމީހާގެ މައްޗަށް ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަންކަން ކުރަން ހެއްޔެވެ؟ މިއިން އެއވެސް ނުކޮށްހުރެފައި ނިދަންވުމުން ނުވަތަ ފިރިމީހާ ހަމަ ބޭނުންވުމުން އުފާކޮށް ނުދީފިނަމަ މަލާއކަތުން ލަޢްނަތް ލެއްވެވުމުގެ ވާހަކަ ދެއްކުމަކީ ވަރަށް ލަދުވެތިކަމެކެވެ.

ފިރިމީހާ ޚަރަދު ނުކުރަނީ އޭނާގެ ދަހިވެތިކަމުން، ނުވަތަ މުށްބާރުކަމުން، ނުވަތަ އަތްމަތި ދަތިކަމުން ކަމުގައިވިޔަސް ނުވަތަ އެހެން ސަބަބަކާ ހެދި ކަމުގައިވިޔަސް، އަނބިމީހާ، ކެތްތެރިވެގެން ހުންނަން އިޚްތިޔާރުކުރި ނަމަވެސް، ފިރިމީހާ ޚަރަދު ނުކުރާނަމަ، ފިރިމީހާއަށް އެއްދާންކޮށްދިނުން އަނބިމީހާގެ މައްޗަށް ލާޒިމެއް ނުވާނެއެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ޚަރަދަކީ އެއީ އަރާމު ލިބިގަތުމުގެ ބަދަލުގައި ދޭ އެއްޗެކެވެ. އެ ބަދަލު ނުދޭނަމަ އަރާމު ލިއްބައިދިނުން އަނބިމީހާއަށް ހުއްޓާލެވިދާނެއެވެ. (ބައްލަވާ ” المهذب في فقه الإمام الشافعي ” (3 / 155)

ޝައިޚް މުޙައްމަދު ޝަފީޢުގެ މި ބަސްފުޅުވެސް ވިދާޅުވެލައްވާށެވެ!

ކައިވެންޏަށްފަހު، ފިރިމީހާ އަނބިމީހާއަށް ޚަރަދުކުރުމަކީ ފިރިމީހާ އަދާކުރަންޖެހޭ އަނބިމީހާގެ ޙައްޤެކެވެ. އެއީ ފިރިމީހާގެ ވާޖިބެކެވެ. އެކަން ނުކޮށްފިނަމަ ފިރިމީހާ ފާފަވެރިވާނެއެވެ. ފިރިމީހާ އަނބިމީހާގެ މައްޗަށް ވާ ޤައްވާމެއް (ބެލެހެއްޓުމުގެ ބާރު ލިބިގެންވާ މީހެއް) ކަމުގައި ވެފައިވާ އެއްސަބަބަކީވެސް އޭނާ އޭނާގެ ފައިސާއިން އަނބިމީހާގެ މައްޗަށް ހޭދަކުރުމެވެ.

ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ) النساء/ 34 މާނައީ: “ފިރިހެނުންނަކީ އަންހެނުން ބަލައި ތަރުބިއްޔަތު ކުރުމުގެ ޙައްޤާއި ބާރު ލިބިގެންވާބައެކެވެ. އެދެބައިމީހުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ﷲ މާތް ކުރައްވާ އިތުރު ކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކުރާކަމަށްޓަކައެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ وَمَنْ قُدِرَ عَلَيْهِ رِزْقُهُ فَلْيُنْفِقْ مِمَّا آتَاهُ اللَّهُ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا سَيَجْعَلُ اللَّـهُ بَعْدَ عُسْرٍ يُسْرًا) الطلاق/7 . މާނައީ: “ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާށެވެ. އަދި އެމީހެއްގެ ރިޒުޤު ދަތިވެގެންވާ މީހާ، ފަހެ، އެމީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، ﷲ ތަކުލީފެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، ﷲ ލައްވާނެއެވެ."

عَنْ مُعَاوِيَةَ الْقُشَيْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : قُلْتُ : يَا رَسُولَ اللَّهِ مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ ؟ قَالَ : ( أَنْ تُطْعِمَهَا إِذَا طَعِمْتَ ، وَتَكْسُوَهَا إِذَا اكْتَسَيْتَ ، وَلَا تَضْرِبْ الْوَجْهَ ، وَلَا تُقَبِّحْ ، وَلَا تَهْجُرْ إِلَّا فِي الْبَيْتِ) رواه أبو داود ( 2142 ) ، وابن ماجه ( 1850 ) ، وصححه الألباني فيصحيح أبي داود “. މުޢާވިޔާ އަލް ޤުޝައިރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. އަހަރެން ބުނީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެންގެ މައްޗަށް ވާ އަނބިމީހާގެ ޙައްޤަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާ ކައިގެން ހުރިއްޔާ އޭނާއަށް ކާންދިނުމާއި، ތިބާ އުނުފޭރާން ލައިގެން ހުރިއްޔާ އޭނާއަށް އުނުފޭރާން ދިނުމާއި، އޭނާގެ މޫނުގައި ނުޖެހުމާއި، އަދި އޭނާއާ ދިމާލަށް ހަޑިހުތުރު ބަސް ނުބުނުމާއި ގޭތެރޭގައި ނޫންގޮތަކަށް އޭނާއާ ގުޅުން ކަނޑާނުލުމެވެ."
ފިރިމީހާ އަނބިމީހާގެ މައްޗަށް ޚަރަދުނުކުރާނަމަ، އަނބިމީހާއަށް އޭނާއާ ވަކިވުން ނުވަތަ އެކަމަށް ކެތްތެރިވެގެން ހުރުން، މި ދެގޮތުން ކުރެ ގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ.

ފިރިމީހާ ޚަރަދު ނުކުރަނީ އޭނާގެ ދަހިވެތިކަމުން، ނުވަތަ މުށްބާރުކަމުން، ނުވަތަ އަތްމަތި ދަތިކަމުން ކަމުގައިވިޔަސް ނުވަތަ އެހެން ސަބަބަކާ ހެދި ކަމުގައިވިޔަސް، އަނބިމީހާ، ކެތްތެރިވެގެން ހުންނަން އިޚްތިޔާރުކުރި ނަމަވެސް، ފިރިމީހާ ޚަރަދު ނުކުރާނަމަ، ފިރިމީހާއަށް އެއްދާންކޮށްދިނުން އަނބިމީހާގެ މައްޗަށް ލާޒިމެއް ނުވާނެއެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ޚަރަދަކީ އެއީ އަރާމު ލިބިގަތުމުގެ ބަދަލުގައި ދޭ އެއްޗެކެވެ. އެ ބަދަލު ނުދޭނަމަ އަރާމު ލިއްބައިދިނުން އަނބިމީހާއަށް ހުއްޓާލެވިދާނެއެވެ. (ބައްލަވާ ” المهذب في فقه الإمام الشافعي ” (3 / 155)

އެކަމަކު ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ޚަރަދު ނުކުރެވޭ ކޮންމެ ޙާލަތަކީ އެއްދާންކުރުމުން އެއްކިބާވާ ޙާލަތަކަށް ހެދުން ރަނގަޅެއް ނޫނެވެ. މިކަމުގައި ފިރިމީހާގެ ޙާލަތަށް ބަލަންޖެހޭނެއެވެ.

ޚުލާސާއަކީ، ފިރިމީހާ އަނބިމީހާގެ މައްޗަށް ޚަރަދު ނުކުރާނަމަ، އެއްދާންކުރުމުން އެއްކިބާވެވިދާނެއެވެ. ނުވަތަ ވަރިއަށްވެސް އެދެވިދާނެއެވެ. ނުވަތަ ކެތްތެރިވެގެން ހުރުމުގެ އިޚްތިޔާރުވެސް އަނބިމީހާއަށް ލިބިގެންވެއެވެ.

މަރްޖިޢު  : https://islamqa.info/ar/145722

މިއަދު އޮންލައިން