ލޯބިވެގެން އުޅުމަކީ ކުރެވޭ ކުށެއްކަން ވިސްނި ވަކިވާން އުޅުމުން ވަކިނުވާން ބުނަނީ އިބިލީސް! ހެއްލުނީމާ ތިބާ އެވެއްޓެނީ ނަރަކައަށް!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ލޯބިވެގެން އުޅުމަކީ ކުރެވޭ ކުށެއްކަން ވިސްނި ވަކިވާން އުޅުމުން ވަކިނުވާން ބުނަނީ އިބިލީސް! ހެއްލުނީމާ ތިބާ އެވެއްޓެނީ ނަރަކައަށް!: ޝައިޚް ޢާޞިމް އަލްޙަކީމް

ކައިވެނިނުކޮށް ދެމީހަކު ލޯބިވެގެންއުޅޭނަމަ އެގުޅުމުގެ ތެރެއިން ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަންވެސް ކުރެވެނީއެވެ. އެކަން ވިސްނިގެން އެކަކު މިބޭނުންވަނީ ގުޅުން ކަނޑާއި ދެމީހުން އިިހަށް ދުރުވާށެވެ. އެފަދަ ވަޤުތުގައި ހިތަށް އަރާނެ ކަންކަން ވަރަށް ގިނައެވެ.  

"އަހަރެން އޭނާ އާއި ވަކިވެއްޖެނަމަ އޭނާ ވަރަށް ހިތާމަކުރާނެއެވެ. އަމިއްލައަށް މަރުވެސް ވެދާނެއެވެ. މިވެނި އެވެނި ކަންކަންވެސް ކޮށްފާނެއެވެ. ވީމާ އިހަށް އަދި މަޑުކޮށްލާނީއެވެ."  

މިފަދަ ވަސްވާސްތައް ހިތަށް ވައްދުވަނީ ހަމަ ޝައިޠޯނާއެވެ! ބޭނުމަކީ ފާފަކުރުންމަތީގައި ދެމީހުން ބެއިތިއްބުމެވެ. ނަރަކައަށް ވައްޓައިލުމެވެ. ފާފަކުރެވޭ ޙާލަތުގައި އަނެކާއަށް ބެލުމެއް ނެތެވެ. ކަންބޮޑުވާންޖެހޭނީ ތިމާ ނަރަކަށް ވެއްޓިދާނެ ކަމަށެވެ.  

ޤިޔާމަތް ދުވަހު މީސްތަކުން އާދަމްގެފާނާއި ނޫޙްގެފާނާއި އިބްރާހީމްގެފާނާއި މޫސާގެފާނާއި  ޢީސާގެފާނުގެ އަރިއަހަށް ގޮސް އެބޭކަލުންގެ ޝަފާޢަތަށް އެދުމުން ވިދާޅުވަނީ ކީކޭކަމަށް ހެއްޔެވެ؟ "ނަފްސީ، ނަފްސީ" އެވެ.  

އެމީހަކު ނަރަކައިން ސަލާމަތްވުމުގައިވެސް ވިސްނަންވީ މިމަގުންނެވެ. ތިމާގެ ހަށިގަނޑު ނަރަކައިން ސަލާމަތްކުރެވޭނެ ގޮތަކަށެވެ. އެއީ ފާފަނުކުރުމެވެ. އެޙާލަތުގައި ލޯބިވެރިޔާއަށް ވެދާނެ ގޮތަކާއިމެދު ކަންބޮޑުވުމެއް ނެތެވެ. ކަންބޮޑުވެ ބުނަންވީ "ނަފްސީ، ނަފްސީ" އެވެ. ޞިރާޠުމަގު ހުރަސްކުރަނިކޮށް ނަރަކައަށްވެއްޓިއްޖެނަމަ އަނދަން ނަރަކައިގައި އޮންނަންޖެހޭނީ ތިމާކަމަށްވާތީއެވެ!   

(މިބަސްފުޅު ވިދާޅުވެފައި އެވަނީ ކައިވެނިނުކޮށް ލޯބިވެގެން ތިބޭއިރު ފާފަކުރެވޭ މީހުންނަށެވެ. އެއްވެސް ފާފައެއް ނުކޮށް ތިބޭ މީހުންނަކަށް ނޫނެވެ. އެއީ ހާހަކުން މީހެކެވެ. ގިނަވާނީ ލޯބީގެ ގޮތުން ގުޅުމަށްފަހު ފާފަކުރެވޭ މީހުންނެވެ. ކައިވެނިނުކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ހުއްދަކަމެއް ނޫން ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާ ސަބަބަކީވެސް އެއީއެވެ.)

 

- ޝައިޚް ޢާސިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން