މިހާރަކަށް އައިސް ބައެއް މީހުންނަށް ހެދޭ ވަރަށް ބޮޑު ގޯހެއްގެ ކަންތައް ފާހަގަކޮށްލާނަމެވެ. އެއީ މިޘާލަކަށް ބުނާނަމަ އެކަނިހުރެ ކުރާ ނަމާދުގައި ސަމާލުކަން ނުދޭވަރަށް އެެހން މީހުންނަށް ފެނިގެން ނަމާދުކުރާނަމަ ސަމާލުކަން ދިނުމެވެ. މީސްތަކުންނަށް ފެނިގެންކުރާނަމަ އިތުރަށް ފުރިހަމަކުރަން މަސައްކަތްކުރުމެވެ.
ހަމައެފަދައިން ޤުރްއާން ކިޔެވުމުގައި އެގޮތަށް ކަންތައް އެބަކުރެވެއެވެ. އެކަނި އިނދެ ކިޔަވާނަމަ ފަރުވާކުޑަކޮށް، އަދި އަވަސްއަރުވާލައިގެން ކިޔަވާފައި އަޑުއިވޭނެ ބައަކު ތިބިނަމަ މާރިވެތިކޮށް ކިޔަވަން މަސައްކަތކުރުމެވެ. އެއިރުން އެމީހެއްގެ އަޅުކަން އެވެއްޓެނީ ދެއްކުންތެރި ޢަމަލަކަށެވެ. އަދި އެއީ ޝިރުކުގެ ޢަމަލެއްކަމަށްވެސް ޢިލްމްވެރިން ބަޔާންކުރައްވައެވެ.
އެގޮތަށް ކަންތައް ކުރެވެނީ ނުއެނގިތިބެ ކަމަށްވާނަމަ ދަސްކުރާށެވެ! އެކަމެއްގައި ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރު ހިމެނިފައިވީނަމަވެސް އެކަމެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. އަދި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ނަރަކައަށް އެއްލަވައިލައްވާހުށީ ދެއްކުންތެރި ގޮތުގައި ކަންކަންކުރި 3 މީހެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
މަޙްޝަރުގެ މައިޑާނުގައި އެ 3 މީހުންގެ މައްޗަށް މަލާއިކަތުން ހެކިދެއްވަވާނެކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ކޮންމެއަކަސް އަހުރެމެން އަޅުކަންކުރަންވީ އެއްވެސް މީހަކަށް ދައްކާކަށް ނޫނެވެ. ވިސްނުމުގައި ބަހައްޓަންވީ ﷲ ތަޢާލާ ތިމާއަށް ބައްލަވައިވޮޑިގެންވާކަމެވެ. ކުރާ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރަންވީ އެހެންވެގެންނެވެ. އިޙްޞާންތެރިއަކަށް ވެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/6578/dealing-with-the-temptation-to-show-off