މިބުނެދެނީ ދުޢާކުރުމަށްފަހު ޢިޖާބަކުރެއްވެވުމުގެ އިންތިޒާރީގަ ހުންނަން ނުޖެހި ވަޤުތުން ޢިޖާބަކުރައްވަވާނެ މީހަކަށް ވެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މިބުނެދެނީ ދުޢާކުރުމަށްފަހު ޢިޖާބަކުރެއްވެވުމުގެ އިންތިޒާރީގަ ހުންނަން ނުޖެހި ވަޤުތުން ޢިޖާބަކުރައްވަވާނެ މީހަކަށް ވެވޭނެ ގޮތް-

ދުޢާކުރުމަށްފަހު ގިނަބައަކަށް ތިބެވެނީ ވަޤުތުން ޢިޖާބަކުރައްވަވާނެ ކަމަށް އުންމީދުކޮށްގެންނެވެ. ލަސްވެލާއިރަށް ކަންބޮޑުވެވެއެވެ. ކަރުނައަޅައި ރޮވެންފަށައެވެ. އެކަމަކު ހިތާމައަކީ ދުޢާކުރާއިރަށް ޢިޖާބަކުރައްވަވާނެ އަޅަކަށް ވުމަށް ކުރަންޖެހޭ ކަންކަން ނުކުރެވޭ ކަމެވެ.  

މީސްތަކުންނޭވެ! ފުރަތަމަ ކަމަކަށް ފަރުޟުތައް އަދާކުރަމުން ގެންދާށެވެ. ދެން ސުންނަތް ކުރަމުން ގެންދާށެވެ. އިޚްލާޞްތެރިކަމާއިއެކު ކުރަން ފެށުމުން ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދެއްވަވާނެތެވެ. އެހިސާބުން ތިބާ އެދޭހައި ކަމެއް ހިންމަވައި ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ވީމާ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ އަޅަކަށްވުމަށް މަސައްކަތްކުރުމެވެ. އެމަތިވެރި ނިޢުމަތް ލިބިގަންނަން ކުރަން މިއޮތީ އެއްވެސް މީހަކަށް ނުކުރެވޭވަރުގެ ބޮޑު ކަމެއް ނޫނެވެ. އަތުން ޚަރަދުކުރަންޖެހޭ ކަމެއް ނޫނެވެ.  

އެހެނީ ފަރުޟުތައް އަދާކޮށް ސުންނަތް ކުރުމަކީ ކިތަންމެ ނިކަމެތިމީހާއަށްވެސް އަދި ފަޤީރުމީހާއަށްވެސް ކުރެވެން އޮތް ކަމެކެވެ. ރަނގަޅަށް ބަލައިފިނަމަ މިކަން ފެންނަންވެސް ފެންނާނެއެވެ. ފަރުޟުތައް އަދާކޮށް ގިނައިން ސުންނަތްކުރާ މީހުންގެ ތެރޭގައި ގިނަވާނީވެސް ފަޤީރުންނެވެ. އެކަން އެހެން އެވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން އެމީހުންނަށް ލިބޭ ވަޤުތު ގިނަވެފައި ތަނަވަސްކަން ލިބުމުން ދުނިޔެ ހޯދަން އުޅެވޭވަރު ބޮޑުވާތީކަމަށްވެސް ވެދާނެއެވެ.  

ކޮންމެއަކަސް އަހުރެމެންނަށް އޮތީ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ކަންބޮޑުވުމެއް ނޫނެވެ. އެކަމަށް ކަންބޮޑުނުވެ އުޅެވެން އޮތް މަގު މިބުނީއެވެ. ކުރަން އޮތް ކަންތައްވެސް މިކިޔައިދިނީއެވެ.  އެއީ ތިމާއަކީ ﷲ ތަޢާލާފެ ރުހިވޮޑިގަތުން ލިބިގެންވާ އަޅަކަށްވުމެވެ. އެއިރުން ދުޢާކުރުމަށްފަހު ކަންބޮޑުވެ އިންތިޒާރުގައި ހުންނާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން