އިސްލާމް ދީނުގައި އެންމެ ބޮޑަށް ބާރުއަޅަނީ ފާފައަކަށްވެދާނެ ކަމަކާއި ގާތްވެސް ނުވުމަށެވެ. ޒިނޭ ނުކުރާށޭ ވަޙީކުރެއްވެވުމުގެ ބަދަލުގައި ޒިނޭ ޢާއި ކައިރި ނުވުމަށް ވަޙީކުރައްވަވާފައި އެވަނީ އެހެންވެގެންނެވެ. އެކަމަކާއި ކައިރި ނުވެއްޖެ ހުރެވޭނީ ދުރުގައެވެ. ދުރުގައި ހުރީމާ އެއިރުން އެމީހަކަށް އެކަމެއް ނުކުރެވޭނެއެވެ! އިން ޝާ ﷲ
ފޯނު ބޭނުން ކުރުމުގައިވެސް ވިސްނާށެވެ! ތިމާއަށް ފާފަ ކުރެވިދާނެ، ނުވަތަ ފާފަވެރިވާނެ އެއްވެސް ސައިޓަކަށް އޮތީ ނުވަނުމެވެ. އަދި އެފަދަ އެޕްތައްވެސް ފޯނަށް ނުއެޅުމެވެ. އެންމެ ރައްކާތެރިކަން ބޮޑީ އެގޮތެވެ. ގޫގްލްސްގެ ބޭނުން ތިމާއަށް ފައިޑާކުރާނެ ގޮތަށް ހިފާށެވެ. މަގުން ކިރިޔާވެސް ކަސިޔާރުވެދާނެ ގޮތަކަށް ބޭނުންނުހިފާށެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
"އަޅުގަނޑުމެން 2 އަހަރުވަންދެން ލޯބިވެގެން އުޅެފައި އަޅުގަނޑުގެ ހިތަށް ވަރަށް އަނިޔާދީފައި ލޯބިވެރިޔާ އަޅުގަނޑު ދޫކޮށްލީ ކައިވެނިކުރަން އޭނާގެ މައިންބަފައިން ނުރުހުމުންނެވެ. މައިންބަފައިން ނުރުހުނީ އަޅުގަނޑަކީ އެހެން ނަސްލެއްގެ އަންހެނަކަށްވެފައި އަދި ބޭރު ޤައުމެއްގެ އަންހެކަށްވުމުންނެވެ. އެހެންވީމާ އަޅުގަނޑުގެ ހިތުގައި ޖައްސުވައި ދެރަދިނީތީ އޭނާ ފާފަވެރިނުވާނެތޯއެވެ؟ އަދި ކައިވެންޏަށް ނުރުހުނީތީ އޭނާގެ މައިންބަފައިން ފާފަވެރިނުވާނެތޯއެވެ؟"
"ފުރަތަމަ ކަމަކީ ލޯބިވެރިންގެ ގޮތުގައި ތިބެ ފާފަތައް ކުރުމަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެކެވެ. އެފާފަތައް ކުރުން ހުއްޓައިލުމުން އޭނާއަށް ދެއްވަވާނީ ޘަވާބެވެ.
ދެވަނަ ކަމަކީ ފިރިހެނުންނަކީ ކައިވެނިކުރަން އެއްވެސް މީހެއްގެ ރުހުން ހޯދަންޖެހޭ ބައެއް ނޫނެވެ.، ވަލީހޯދުމަކީ އަންހެންދަރިން ކުރަން ޖެހޭ ކަމެކެވެ.
ތިންވަނަ ކަމަކީ މުހިންމީ އޭނާ ނުވަތަ އޭނާގެ މައިންބަފައިން ފާފަވެރިވޭތޯ ބެލުމެއް ނޫނެވެ. އެއިން އެއްވެސް މީހަކު ފާފަވެރިއެއް ނުވާނެއެވެ. ފިރިހެން ދަރިއަކު ނަމަވެސް ކައިވެނިކުރަން އުޅޭއިރު ފެންނަ ޚިޔާލެއް ދިނުމުގެ ޙައްޤު މައިންފައިންނަށް ލިބިގެންވެއެވެ. އަދި އެއީ މައިންބަފައިން ކުރަންޖެހޭނެވެސް ކަމެކެވެ.
އެމީހުން ފާފަވެރިވާނެކަމާއިމެދު ނުވިސްނައި ލޯބިވެގެން އުޅެވުނު ދުވަސްވަރު ތިމާއަށް ކުރެވިފައިވާ ފާފަތަކަށް ވިސްނާށެވެ. އެކަންކަމަށް ދެރަވެ ހިތާމަކޮށް އަވަހަށް ތައުބާވާށެވެ! އޭނާ ކަންތައް އެކުރި ގޮތުގެ ސަބަބުން (ކައިވެނިކުރުމަށް މައިން ބަފައިން ދެކޮޅު ހެދުމުން ކައިވެނިކުރަން ބޭނުންނުވުމުން ލޯބިވެގެން ފާފަކުރަން ނުހުރެ) ކަލެއާއި ދުރުވިކަން އެއީ އޭނާކުރި ވަރަށް ރަނގަޅު ކަމެކެވެ. ކަލެއަށް ފައިދާހުރި ކަމެކެވެ.
- ޝައިޚް ޢާސިމް އަލްޙަކީމް
މި ޖަވާބުން ފާހަގަކޮށްލެވޭ ބައެއްކަމަކީ:
- ކައިވެނިކުރަން މައިންބަފައިންގެ ހުއްދަ ހޯދަން ބޭނުންވާ ފިރިހެނުން އަންހެނަކާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން އެހުއްދަ ހޯދަންޖެހޭނެކަން.
- ފިރިހެނުންނަކީ އެއްވެސް މީހެއްގެ ހުއްދަ ހޯދަންޖެހޭ ބައެއް ނޫންކަމާއި ވަލީ ޙޯދުމަކީ އަންހެނުން ކުރަންޖެހޭ ކަމެއްކަން
- އަންހެން ކުދިންނަކީ ވަލީ ހޯދަންޖެހޭނެ ބައަކަށްވާއިރު ފިރިހެނަކާ ލޯބީގެ ގޮތުން ގުޅި ދުވަސްތައް ހޭދަކުރުމުގެ ކުރިން މައިންބަފައިންގެ ރުހުން ހޯދުމުގެ މުހިންމުކަން
- ލޯބިވެގެން ގިނަ ދުވަސްތަކެއްވަންދެން އެކުގައި އުޅެފައި ވަކިވުމަކީ އަނެކާއަށް ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތޔިވާނެ ކަމެއްކަން-
- ކައިވެނިކުރުމަށް އަވަސްގަތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން