ދުނިޔޭގައި ހުރެވޭނީ މަދު ވަޤުތުކޮޅަކަށްކަން އެނގޭއިރުވެސް މަރަށް ތައްޔާރުނުވެވޭ މީހުންނަށް ގާތީ އާޚިރަތް ނުލިބުމެވެ. އެހެނީ އާޚިރަތް ހޯދުމަށްޓަކައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ މަރަށް ކަމުގައިވާތީއެވެ.
ޤިޔާމަތްވާނެ ވަޤުތަކާއި ބެހޭގޮތުން ސުވާލުކުރެއްވެވި ޒުވާނާއަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވެވި ޖަވާބަށް ވިސްނާށެވެ. ބަޔާންކޮށްދެއްވެވީ ޤިޔާމަތްވާނެ އަހަރެއް، މަހެއް، ދުވަހެއް އަދި ވަޤުތެއްވެސް ނޫނެވެ. ޖަވާބުގައި ކުރެއްވެވީ ސުވާލެކެވެ. "ޤިޔާމަތް ދުވަހަށްޓަކައި ތައްޔާރުވާން ތިބާ ކުޅައީ ކޮންކަމެއް ހެއްޔެވެ؟"
މިޙަދީޘްފުޅަށް ބެލުމުން އެނގެނީ މުހިންމީ ޤިޔާމަތްވާނެ ވަޤުތާއިމެދު ވިސްނުން ނޫންކަމެވެ. މުހިންމީ އެދުވަހާއި ބައްދަލުކުރަން ތައްޔާރުވުންކަމެވެ. ދުނިޔެ ކިތަންމެ ގިނަ އަހަރެއް ފަހުން ނިމުނަސް އެއީ އަހުރެމެން އެއްވެސް މީހަކު ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އހުރެމެން ކިތަންމެ ބޮޑަށް ކަންބޮޑުވިނަމަވެސް އެކަން ﷲ ތަޢާލާ އިޜާދަކުރައްވަވާ ގޮތަކަށް ނިމިގެންދާނެއެވެ. އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.
ކޮންމެ މީހަކުވެސް ވިސްނަންވީ އެމީހަކަށް ކުރެވޭނެ ކަންތަކަށެވެ. އެއީ މަރަށް ތައްޔާރުވުމެވެ. ކޮންމެ ވަޤުތަކުވެސް ތިމާމަރުވެދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުވެގެން ހުރެއްޖެނަމަ އެމީހަކަށް އާޚިރަތް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ. އެއިރުން އެމީހާ ވާހުށީ ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގޭގައެވެ. އުފަލާއި އަރާމުގައެވެ. އިން ޝާ ﷲ
- މަޢުލޫމާތު: އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން