ކައިވެންޏަށްފަހު ދެމީހުން އަދާކުރަންޖެހޭ ދައުޜާއި ކުރަން ޖެހޭ ކަންކަން ތަފާތު ނަމަވެސް ކުރަނީ އެއްކަމެކެވެ. ރިވެތި ދިރިއުޅުމެއް އުޅެން މަސައްކަތްކުރުމެވެ. މިކިޔައިދޭ ކަންކަމަށް ވިސްނައި ރިވެތި ގޮތުގައި ދިރިއުޅޭނަމަ ދެމީހުންނަށްވެސް ދާނީ ޘަވާބު އިތުރުވަމުންނެވެ. އިން ޝާ ﷲ
އަހަރެމެންގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއިއެކު ދެމަފިރިން ކަމުގައިވިޔަސް އެކަކު އަނެކަކަށް ކަމެއްކޮށްދޭންޖެހިއްޖެނަމަ އެކަންވެފައި އޮންނަނީ ވަރަށް ބޮޑު ކަމަށެވެ. އަދި ފިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ކުރުންވެސް ވެފައި އޮންނަނީ ވަރަށް ބޮޑު ބުރައަކަށެވެ.
މިސާލަކަށް ބަލާނަމަ ކެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކާންލިބޭނީ ކެއްކީމައެވެ. އެހެންކަމާއިއެކުވެސް ކައްކަން ޖެހޭނީ ކާކުކަމާއިމެދު އެބަ ބަހުސްކުރެވެއެވެ. ބަހުސްގެތެރެއިން ޒުވާބަކަށް ބަދަލުވެ ދެމަފިރިންގެ މެދުގައި ބޮޑު މައްސަލައަކަށްއެބަވެއެވެ. ކެއްކުން އެކަންޏެއް ނޫނެވެ. ދަރިންބެލުމާއި ގޭތެރޭގެ ކަންކަމާއި މިހެންގޮސް ހުރިހާ ކަންކަމުގައިވެސް މިފަދަ ގޮތްތައް އެބަ މެދުވެރިވެއެވެ.
މިކަމަށް އޮތް ޙައްލަކީ ކޮބައި ހެއްޔެވެ؟ ހަމަގައިމުވެސް އަނހެނަކަށްވީތީ ނުވަތަ ފިރިހެނަކަށްވީތީ ވަކިކަމެއް ކުރަން ކަނޑައެޅުން އެއީ ޙައްލެއް ނޫނެވެ. ދެން ބަލައިލަންވީ މިމައްސަލަތައް މިއުފެދެނީ ކީއްވެގެންތޯއެވެ؟ މިފަދަ ހުރިހާށ މައްސަލަތަކެއް އުފެދެން މެދުވެރިވާ ސަބަބަކީ އެކަމަކީ ފިރިމީހާ އަނބިމީހާއަށް ނުވަތަ އަނބިމީހާ ފިރިމީހާއަށް ކޮށްދޭ ކަމެއްކަމަށް ޤަބޫލުކުރުމެވެ.
މިހިސާބުން އުފައްދަންޖެހޭނެ ސުވާލަކީ މިހުރިހާ މައްސަލަތަކަށް އޮތްޙައްލަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ ވިސްނުމުގައި އޮތް އެންމެ ބޮޑު ޙައްލަކީ ކޮންމެ ކަމެއް ނަމަވެސް ތިމާ މިކުރަނީ އަނބިމީހާއަށްޓަކާ ނުވަތަ ފިރިމީހާއަށްޓަކާ ކަމަށް ވިސްނާ ވިސްނުން ދޫކޮށްލުމެވެ. އެއިގެ ބަދަލުގައި ވިސްނަންވީ ތިމާ އެކަން މިކުރަނީ ﷲ ތަޢާލާއަށްޓަކައި ކަމެވެ. ހެޔޮ ގޮތުގައި ދިރިއުޅުމަކީ ޘަވާބު ދެއްވަވާ ކަމެކެވެ. ވީމާ ކޮންމެ ކަމެއްވެސް ކުރަންވީ ޘަވާބު ލިބިގަތުމަށެވެ.
މިބުނާ ވާހަކައަކީ ޢާއިލީ ދިރިއުޅުމުގައި އެކަކު އަނެކަކަށް އެހީތެރިވާންވީ އަނެކާއަށްޓަކައެއް ނޫނެވެ. އެކަންކުރީމާ ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށް އެދިގެންނެވެ. ތިމާ ކައްކަނީވެސް ކުދިން ބަލަނީވެސް އެހެން މަސައްކަތްތައް ކުރަނީވެސް އަދި ޢާމްދަނީ ހޯދަން ބުރަކޮށް މަސައްކަތްކުރަނީވެސް ﷲ ތަޢާލާއަށްޓަކައި (ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން) ކަމަށް ހަދައިފިނަމަ މިހުރިހާ މައްސަލަތަކެއް ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ
ކައިވެނިކުރުމަށްފަހު ވަކިމީހަކު ކުރަންޖެހޭނެ މަސައްކަތެއް ނުހުންނާނެއެވެ. ކޮންމެ މަސައްކަތަކީވެސް ދެމީހުންނަށްވެސް ކުރަންޖެހޭނެ މަސައްކަތެކެވެ. މަސައްކަތް ދެމީހުންގެ މެދުގައި ބަހައިލުމަކީ ދެމީހުންގެ ކަމެކެވެ. ބަހަންވާނީ އަނެކާއަށް ބުރަނުވާނެ ގޮތަށެވެ. ބަހައިގެން ކުރިނަމަވެސް އެކަކު އަނެކަކަށް އެހީތެރިވާށެވެ! އަނެކާއަށް ކޮށްދޭ ކަމެއްގެ ގޮތަކު ނޫނެވެ. ﷲ ތަޢާލާއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައެވެ. އެކަލާނގެ ރުހިވޮޑިގަތުމާ ޘަވާބަށް އެދިގެން ކުރާ ކަމެއްގެ ގޮތުގައެވެ. އެއިރުން ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ. އުފަލުގައި ދިރިއުޅެވޭނެއެވެ. އިން ޝާ ﷲ
- މަރްޔަމް ލެމޫ ގެ ދަރުސަކުން