އިންސާނުންނަކީ އިންސާނީ ވަންތަ ކަމުގައި އެއްމަޤާމަކާއި އެއް ޙައިޘިއްޔަތެއް ލިބިގެންވާ އެއް ދަރަޖައިގެ ބައެކެވެ. އިންސާނާ އުފެދުމުގެ އަޞްލާއި، އިންސާނީ ވަންތަ ކަމުގެ ޞިފަތަކާއި، އިންސާނީ އިޙްސާސްތަކަށް ބަލާއިރު އިންސާނިއްޔަތުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެކެވެ.
އިންސާނަކަށް ވީތީ ދޭންޖެހޭ މަޤާމާއި، އިޙްތިރާމާއި، ރަޙުމާއި ހަމްދަރުދީއާއި، އަޅައިލުމާއި އެހީތެރިކަން ދިނުމުގައި ތަފާތުކުރުމެއް ނުވެއެވެ. ނަސްލާއި، ޤަބީލާއާއި، ޤައުމާއި، ޢާއިލާއަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް، ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. މީސްތަކުންގެ ކުލައާއި، ބުރުސޫރައާއި، ޖިންސާއި، ޢުމުރަކީ އެ މީހުންގެ މެދުގައި ތަފާތުކުރެވޭނޭ އަސާސެއް ނޫނެވެ. އާރާއި ބާރާއި، މަޤާމާއި ނުފޫޒާއި، މާލާއި ޖާހަކީ އިންސާނީ ހަމަހަމަކަމާއި، އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަންކަމެއް ނޫނެވެ.
ލޮބުވެތި މުސްލިމް އަޚުންނޭވެ! އިންސާނީ ވަންތަކަމުގައި އެންމެހާ މީސްތަކުން ﷲގެ ޙަޟްރަތުގައި ހަމަހަމަވެގެންވާކަން އިޢުލާންކުރައްވައި ކީރިތިވަންތަ ﷲ އެންމެހާ އިންސާނުންނާ މުޚާޠަބު ކުރައްވައި، ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ.
(يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا)
މާނައީ: " އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިއަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިއަބައިމީހުން އެއްބައަކު އަނެއްބައަކަށް تعارف ވުމަށްޓަކައެވެ."
މި ޙަޤީޤަތް އިތުރަށް ކަށަވަރުކޮށް ދެއްވަވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (يَا أَيُّهَا النَّاسُ أَلَا إِنَّ رَبَّكُمْ وَاحِدٌ وَإِنَّ أَبَاكُمْ وَاحِدٌ)
މާނައީ: "އެންމެހާ މީސްތަކުންނޭވެ! ދަންނާށެވެ! ހަމަކަށަވަރުން ތިއަބައިމީހުން އެންމެންގެ ވެރި ރައްބަކީ އެއް އިލާހެވެ. އަދި ހަމަކަށަވަރުން ތިއަބައިމީހުން އެންމެންގެ ބައްޕައަކީ އެކެކެވެ."
އެހެން ރިވާޔަތެއްގައި ވެއެވެ: (أَنْتُمْ بَنُو آدَمَ وَآدَمُ مِنْ تُرَابٍ) މާނައީ: "ތިޔަބައިމީހުން އެންމެންނަކީ އާދަމުގެ ދަރީންނެވެ. އަދި އާދަމުގެ ދަރިންގެ އަޞްލު އުފެދިގެންވަނީ މަށީންނެވެ." އިންސާނުންގެ ރައްބަކީ އެއް ރައްބު ކަމުގައި ވީހިނދު، އެ އެންމެންގެ އަޞްލު އުފެދިގެންއައީ މަށީން ކަމުގައި ވީހިނދު، އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބޮޑާވެ، ފަޚުރުވެރިވާންވީ ޙައިޘިއްޔަތެއް ވޭ ހެއްޔެވެ؟
- އިސްލާމިކް މިނިސްޓްރީގެ ޚުޠުބާއަކުން