ކުޑަކުދިން ގޭތެރޭގައި ކުޅެންއުޅެނިކޮށް މައްސަލައެއް ޖެހުނަސް ފުރަތަމަވެސް ގޮވާނީ މަންމައަށެވެ. އަދި ދުވެފައިގޮސް ވަންނާނީވެސް މަންމަގެ އުނގަށެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ތިމާއަށް ބޭނުންވާ ޙިމާޔަތާއި ރައްކައުތެރިކަން މަންމަ ދޭނެކަން އެނގޭތީއެވެ. ކުރިމަތިވާ ކޮންމެ ކަމަކުން މަންމަ ތިމާ ސަލާމަތްކޮށްދޭނެކަން އެނގޭތީއެވެ. އަދި ތިމާއަށް ދެރަވާނެ ގޮތަކަށް މަންމަ އެއްވެސް ކަމެއް ނުކުރާނެކަން އެނގޭތީއެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ. މަންމައަކު އޭނާގެ ދަރިންދެކެ ލޯބިވާ މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް (ބޮޑަށް) ﷲ ތަޢާލާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ. ދަރިންދެކެ ލޯބިވެ ދަރިންނަށް ރަޙުމްކުރާ މަންމައަކަށްވުރެ އެތައް ގުނައެއް އިތުރަށް (ބޮޑަށް) ﷲ ތަޢާލާ އަހުރެމެންނަށް ރަޙުމްކުރައްވަވަތެވެ.
ހިތާމައަކީ މިކަންކަމަށް އަހުރެމެންނަށް ވިސްނައިނުލެވޭކަމެވެ. އިތުބާރުނުކުރެވޭކަމެވެ. ﷲ ތަޢާލާއަށް އުރެދެވޭކަމެވެ. އެކަލާނގެ އަމުރުފުޅުތަކަށް ޢަމަލުނުކުރެވޭ ކަމެވެ. ކިޔަމަންތެރި ނުވެވޭ ކަމެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެކަންކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ﷲ ތަޢަލާ ދެނެގަންނަން މަސައްކަތް ނުކުރެވޭކަމެވެ. ﷲ ތަޢާލާ އަހުރެމެންނަށް ދެއްވަވާ ނިޢުމަތްތަކާއިމެދު ވިސްނައިނުލެވޭ ކަމެވެ. އެކަންކަމަށް ވިސްނައި ފިކުރުކުރެވޭނަމަ އެމީހެއްގެ ހިތް ފުރިފައި އޮންނާނީ ﷲ ތަޢާލާއަށްވާ ލޯބިންނެވެ.
އެއިރުން ﷲ ތަޢާލާ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެވޭނެއެވެ. ފާފައެއް ނުކޮށް ހުންނަން މަސައްކަތްކުރެވޭނެއެވެ. ނަރަކައަށް ބިރުވެތިވެވި ސުވަރުގެއަށް ދަހިވެތިވެވޭނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން