ދެމަފިރިން ކަމުގައިވީނަމަވެސް އެކަކު އަނެކަކަށް މާފުކުރުން ގިނަކުރާށެވެ! އެއީ ސުވަރުގެ ހޯދަން މިކުރާ މަސައްކަތަށް މަގުފަހިވާނެ ކަމެކެވެ.
ސުވަރުގެ ވައްދަވާނެކަން ޔަޤީންކުރެވޭނެ ހަމައެކަނި ގޮތަކީ ދުނިޔޭގައި އެމީހަކު ހުއްޓައި ނުވަތަ އެމީހަކު މަރުވާފަހުން ނަމަވެސް މިވެނި މީހަކަށް ތިމަން ﷲ ސުވަރުގެ ދެއްވަވާނެ ކަމަށް ﷲ ތަޢާލާ އެންގެވުމެވެ. ރަސޫލް ﷺ ގެ ޒަމާނުގައި އުޅުއްވި 10 ޞަޙާބީ ބޭކަލުންނަށް ވަނީ އެއުފާވެރިކަން ލިބިވަޑައިގެންފައެވެ.
މިއަދަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންގެ ތެރެއަކު ނެތެވެ. ވީމާ ވަހީ އަހަރެމެންނާއި ހަމައަށް ފޯރާނެ މަގެއް ނެތެވެ. ވީމާ އިތުރު އެއްވެސް މީހަކަށް ސުވަރުގެ ލިބޭނެ ކަމުގެ ޔަޤީންކަން ކަނޑައެއް ނުއެޅޭނެއެވެ. އޮތީ އުންމީދުކުރުމެވެ.
ސުވަރުގެ ވައްދަވާނެ ޢަމަލުތައް ޢިލްމުވެރިން ބަޔާންކުރައްވަވަނީ ޤުރްއާނާއި ސުންނަތުންނެވެ. އަހަރެމެންނަށް އޮތީ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ޢަމަލުކުރުމެވެ.
މުފްތީ މެންކް ވިދާޅުވެފައިވާ މިބަސްފުޅުތައް ވިދާޅުވެލައްވާށެވެ!
ނިކަން ވިސްނައިލަބަލާށެވެ! ﷲ ތައާލާ ބޭނުންފުޅުވެވޮޑިގެންފިނަމަ މީސްތަކުން އެކަލާނގެއަށް އުރެދެމުންދާއިރު މިދުނިޔޭގައިވެސް އެމީހުންނަށް ކިތަންމެ ގަދަފަދަ ޢަޛާބެއްވެސް ދެއްވެވިދާނެއެވެ. ކިތަންމެ ބޮޑު ދަތިޙާލަތެއްވެސް ކުރިމަތިކުރެއްވެވިދާނެއެވެ. ކިތަންމެ ބޮޑު ގިލަންވެރިކަމެއްވެސް ކުރިމަތިކުރެއްވެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ އެގެންދަވަނީ އެކަމަށް އެދި ދަންނަވާހައި މީހެއްގެ ފާފަތައް ވަގުތުން ފުއްސަވައިދެއްވަވަމުންނެވެ.
އެހެންކަމަށްވާއިރު އަހަރެމެންނަށް އެކަކު އަނެކަކަށް މާފުނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ކުރިން މިބުނި ފަދައިން ދެމަފިރިން އެކަކު އަނެކަކަށް، ދަރިން މައިންބަފައިންނަށް، މައިންބަފައިން ދަރިންނަށް، އަޚުންނާއި އުޚުތުން އެކަކު އަނެކަކަށް މާފުނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުން ކުރާ ހުރިހާ ޢަމަލުތަކެއް ދެނެވޮޑިގެންވުމުގެ އިތުރުން މީސްތަކުންގެ ހިތުގައިވާ ކަންކަން ވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ފާފަ ކުރުމަށްފަހު ތައުބާވާ މީހުންގެ ތެރެއިން އަލުން އެނބުރި ފާފަކުރާނެ މީހުންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންކަމާއިއެކުގައިވެސް މީސްތަކުން ހަމަ އެދޭއިރަށް ފާފަތައް ފުއްސަވައި ދެއްވަވައެވެ.
ފާފަތައް ފުއްސަވައި ދެއްވެވުމުގައި އެންމެ ބޮޑަށް ދީލަތިވެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަން ބަޔާން ކުރައްވަވައި ވަޙީކުރައްވަވާފައިވެއެވެ. "އެއުރެންގެ ކިބައިން ﷲ، ޢަފޫކުރެއްވުން ގާތްވެގެންވެއެވެ. ގިނަގިނައިން ޢަފޫ ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 99)
މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ ގިނަގިނައިން ޢަފޫ ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ކަލަކުކަމުގައި ތިމަން ﷲ ވޮޑިގެންވާ ކަމަށެވެ. ނަމަވެސް އަހަރެމެންނަށް މިއުޅެނީ ދެމަފިރިން އެކަކު އަނެކަކަށް މާފުނުކުރެވިގެންނެވެ. ދަރިންނަށް އެމީހުން ވިހައި ބަލައި ބޮޑުކުރި މައިން ބަފައިންނަށް މާފު ނުކުރެވިގެންނެވެ. އެތައް އަހަރެއްވަންދެން ގެންގުޅެ ބަލައި ބޮޑުކުރި ދަރިންނަށް މާފުކުރުން މައިންބަފައިންނަށް މިވަނީ ބޮޑުކަމަކަށްވެފައެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަން ﷲ ތަޢާލާ އެހައި ބާރު އަޅުއްވަވައި އަންގަވާފައިވާއިރު އެކަންވެސް ނުކުރެވިގެން މިއުޅެނީ އެކަކު އަނެކަކަށް މާފުނުކުރެވިގެންނެވެ.
މީސްތަކުންނޭވެ! މާފުކުރުން ގިނަކުރާށެވެ! އެކަމުގެ ސަބަބުން ﷲ ތަޢާލާ ތިބާއަށް ޢަފޫކުރައްވަވައި ދެއްވަވާނެތެވެ! ތިބާގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ އެއިރުން ތިބާއަށް އެދަނީ ސުވަރުގެ ލިބުމަށް މަގުފަހިވެގެންނެވެ.
---މުފްތީ މެންކްގެ ދަރުސަކުން