ތައުބާވުމަށް އަވަސްވޭ! ނަރަކައަށް ވަންނަން ޖެހޭ މީހާ މަރުވަނީވެސް އޭނާކުރި ކުށްތަކަށް މަލާއިކަތުންގެ ކުރިފުޅުމަތީގަ އިޢްތިރާފްވާ ޙާލުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ތައުބާވުމަށް އަވަސްވޭ! ނަރަކައަށް ވަންނަން ޖެހޭ މީހާ މަރުވަނީވެސް އޭނާކުރި ކުށްތަކަށް މަލާއިކަތުންގެ ކުރިފުޅުމަތީގަ އިޢްތިރާފްވާ ޙާލުގަ!

ﷲ ތައާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.

" ހަމަކަށަވަރުން އެއުރެންގެ ނަފްސްތަކަށް އަނިޔާވެރިވެގެން ތިބޭ ޙާލުގައި، މަލާއިކަތުން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިއަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބައަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިއަބައިމީހުން، އެ ބިމުގައި ހިޖުރަ ކުރުމަށް ﷲ ގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (ޤިޔާމަތް ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އެއީ، ނުބައިވެގެންވާ ނިމިދިއުމެކެވެ." (އައްނިސާ: 97)

ނަރަކައަށް ވަންނަ މީހުން ވަންނަނީ އެމީހުންގެ ކުށަށް އިޢްތިރާފްވާ ޙާލުގައެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާއަށް އުރެދުނު މީހުން މަރުވަނީ ވެސް އެމީހުންގެ ކުށަށް އިޢްތިރާފްވާހާލުގައެވެ. އެކަން އެހެން މީހުންނަށް ނުއެނގެނީއެވެ. މަރުވާ މީހާ އާއި އެންމެ ގާތުގައި ތިބޭ މީހުންނަށްވެސް ނުއެނގޭނީއެވެ! ބަލިޙާލު ބޮޑުވެ މެޝިންތައް ގުޅާފައި ހުރިނަމަވެސް މެޝިންތަކަށްވެސް ނުއެނގެނީއެވެ. ނަމަވެސް ކީރިތި ޤުރްއާނުގެ އިސްވެ ބަޔާންކުރި އާޔަތުގައި އެކަން އެނގެން އެއޮތީއެވެ!

ދުނިޔޭގައި އެމީހަކު ބޭނުންހައި ގޮތަކަށް ކަންކަން ކުރުމަށްފަހު އެއީ ﷲ ތަޢާލާ ތިމަންނަ އާއިމެދު އިރާދަކުރެއްވެވި ގޮތް ކަމަކަށް ނުބުނެވޭނެއެވެ. އެކަންވެސް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ!

" ހަމަކަށަވަރުން، ﷲ، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ ނަފްސްތަކަށް އަނިޔާކުރެތެވެ." (ޔޫނުސް: 44)

މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެންދަނީ މީސްތަކުން ﷲ ތަޢާލާއަށް އުރެދި ފާފަތައްކޮށް، ނަރަކައަިގެ ޢަޛާބު ލިބިގަންނަނަނީ އެމީހުން އަމިއްލައަށް ކަމެވެ. އެމީހުން އަމިއްލަ އިޚްތިޔާރުގައި ކުރާ ފާފަތަކުންކަމެވެ! ވީއިރު ތިމާ ﷲ ތަޢާލާއަށް އުރެދި ތިމާ ކުރާ ފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަ ޖެހުމުން އެއީ ތިމާއަށް ލިބުނު އަނިޔާއެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟

ﷲ ތަޢާލާ ކޮންމެ ކަމެއްވެސް ނިންމަވާނީ އެންމެ އަދުލުވެރިކަމާއިއެކުގައެވެ. ޙުކުމް ކުރައްވަވާނީ އެންމެ އިންޞާފުންނެވެ. ޒައްރެއްގެ މިންވަރުންވެސް ބޭއިންޞާފުން ޙުކުމް ނުކުރައްވަވާނެތެވެ! މީހަކަށް ލިބެންޖެހޭ ޒަރެއްގެ މިންވަރުގެ ހެޔޮ ޢަމަލަކުންވެސް މަޙްރޫމް ނުކުރައްވަވާނެތެވެ! މިއީ ކީރިތި ޤުރްއާނުން އެނގެން ހުރި ކަންކަމެވެ.

ނަރަކައިގައިވެސް އެކި މީހުންނަށް ޢަޛާބް ދެއްވަވާނީ އެކިވަރަށެވެ. އެމީހަކު ކުރި ކުށަކާއި ނުވަތަ ފާފައަކާއި އެއްވަރަށެވެ. އެފާފަފައެއް ކުރުމުން ޢަޛާބު ލިބެން ޖެހޭ މިންވަރަށެވެ. ދުވަހަކުވެސް ނަރަކައިން މިންޖު ނުވެވުން އޮތީވެސް އެމީހާ ކުރާ އަމަލުގެ މައްޗަށެވެ! އެހެނީ ދުވަހަކުވެސް ނަރަކައިން ސަލާމަތް ނުވެވޭނީ ކޮން ކުށެއް ކުރުމުންކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙި ކުރައްވަވައިފައެވެ.

" ހަމަކަށަވަރުން، اﷲ، އެކަލާނގެއަށް ޝަރީކްކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، ﷲ އަށް ޝަރީކްކުރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ." (އައް ނިސާ: 48)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން