ނަމާދުނުކުރާ މީހުންނާއި ނަމާދަށް ފަރުވާކުޑަކުރާ މީހުން ގިނަވަނީއެވެ. ނަމާދަށް ފަރުވާކުޑަކުރާކަމަށް މިބުނަނީ ފަރުޟް 5 ނަމާދު ހަމައަށް ނުކުރާތީއެވެ. ހިތަށް އެރި ދުވަހަކު ހިތަށް އެރިވަރަކަށް ކުރާތީއެވެ.
ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ނަމާދުނުކުރާ ކޮންމެ މީހަކަށް މިހައި ބިރުވެރި ހުވަފެނެއް ނުފެނިދާނެއެވެ. ބިރުން އިޞްލާހްވުމުގެ ފުރުޞަތު ނުލިބިދާނެއެވެ. އޮތީ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލްކުރާށެވެ!
ނަމާދު ދޫކޮށް ނުލާތި!
ވަރަށް މުއްސަނދި އަންހެނަކު އުޅުނެވެ. އޭނާއަށް ﷲ ވަނީ މުދަލާއި ފައިސާއާއި ބޮޑުތި ކާރުތަކާއި ތަފާތު ހެދުންތަކާއި ---- ދެއްވާފައެވެ. އެއަންހެންމީހާގެ ފިރިމީހާއަކީ ތަޤްވާ ވެރިއެކެވެ. އަބަދުވެސް އަޅުކަން ކުރުމާއި އިސްތިޣްފާރު ކުރުންމަތީ ދެމިހުރެއެވެ.
އެކަމަކު އޭނާގެ އަންހެނުން އަބަދުވެސް ބޭނުންވަނީ މަޖަލާއި އަރާމެވެ. ހޭލާހުރުމާއި ހަފްލާތަކުގައި ބައިވެރިވުމެވެ. ހިތާމައަކީ ނަމާދު ނުކުރާކަމެވެ. އޭނާގެ ފިރިމީހާ ނަމާދު ކުރާތަން ފެނުނަސް ނުވަތަ ނަމާދު ކުރާށޭ ބުނިކަމުގައި ވިޔަސް އެކަމަށް ފުރައްސާރަ ކުރެއެވެ. އަދި ބުނެއެވެ. އަހަރެން ނަމާދު ކުރަނީ ކީއްކުރަން ހެއްޔެވެ؟ އެއިން މުދާ އިތުރުވޭ ހެއްޔެވެ؟ (استغفر الله)
ފިރިމީހާ ބުންޏެވެ. ﷲ އަށް ބިރުވެތިވާށެވެ. އަދި ތިޔަފަދަ ބަސްތަކުން ދުރުހެލިވާށެވެ. ﷲގެ ޙަޟްރަތުން މަޣްފިރަތައް އެދޭށެވެ. ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. ނަމާދު ކުރުމުން ﷲ ރިޒުގު އިތުރު ކޮށް ދެއްވައެވެ. އަދި ހުރިހާ ހެޔޮކަމެއްގެ ދޮރު ހުޅުވާ ދެއްވައެވެ. ތިޔަ މުދަލަކީ ﷲ ދެއްވާފައިވާ މުދަލެވެ. ކަމެއް ނެތި ލިބުނު އެއްޗެއް ނޫނެވެ. ﷲ ދެއްވާފައިވާ ނިޢުމަތް ގެންދާވާފާނެތީ ބިރުވެތިވާށެވެ. އަދި ﷲގެ ކޯފާއެއް އަތުވެދާނެ ކަމަށްވެސް ބިރުވެތިވާށެވެ.
ޖަވާބުގައި އަންހެން މީހާ ބުންޏެވެ. މިމުދާ ހުހެއް ނުވާނެއެވެ. ބިރު ނުގަންނާށެވެ. އަހަރުމެން މަރުވަންދެން ޚަރަދު ކުރިޔަސް ހުސް ނުވާވަރަށް މުދާ އެބަހުއްޓެވެ. ފިރމީހާ ބުންޏެވެ. ﷲއަށް ބިރުވެތިވާށެވެ. ހަމަ ކަށަވަރުން މުދާ ނެތި ދެއެވެ. އަދި އިންސާނާ މަރުވުމުން ގެންދެވޭނީ އޭނާ ކޮށްފައިވާ ހެޔޮ ޢަމަލެވެ. އެހެން އެއްވެސް އެއްޗެ ނުގެންދެވޭނެއެވެ.
އަންހެން މީހާ ބުންޏެވެ. އަހަރެން މިހިރީ ވަރުބަލިވެފައެވެ. ތިވާހަކަ ފުރިހަމަ ކުރާނީ ފަހުންނެވެ. ދެން އޭނާގެ ކޮޓަރިއަށް ގޮސް ނިދައިފިއެވެ.
ޢިޝާނަމާދަށް ބަންގި ގޮވުމުން ފިރިމީހާ ގޮސް އަންހެނުންނަށް ނަމާދު ކުރުމަށް ގޮވިއެވެ. އަންހެނުން ބުންޏެވެ. އަދި ކުޑަކޮށް ނިދާލާނަމެވެ. މާބޮޑަށް ވަރުބަލިވީއެވެ. ފިރިމީހާ ބުންޏެވެ. އަދި ތަންކޮޅެއް ފަހުން ގޮވާނަމެވެ ނިދާލާށެވެ. މިހެން ބުނެފައި ކޮޓަރިން ނުކުމެއްޖެއެވެ. ދެން އެއަންހެންމީހާ ގަދަ ނިދީގެ ތެރެއަށް ޢަރަޤުވެއްޖެއެވެ.
ނިދީގައި އޭނައަށް ފެންނަނީ އޭނަ މަރުވެފައި އޮތްތަނެވެ. އަދި އޭނާގެ ފިރިމީހާ އޭނާ ހިނެއުމުގެ މަސައްކަތުގައި އުޅޭތަނެވެ. ފެންއަޅާ ކޮންމެ ފަހަރަކު އަހަރެންގެ ހަށިގަނޑު އަނދަނީއޭ ކިޔައި ހަޅޭއްލަވައެވެ. ފިރިމީހާއަށް އެއަޑެއް ނުއިވެއެވެ. ހިނެއުމުގެ ކަންތައް ނިމި ކަފުން ކުރުމަށްފަހު ވަޅުލުމަށް ގަބުރުސްތާނަށް ގެންދެވުނެވެ. އެތަނުން އަންހެން މީހާއަށް ފެންނަނީ ކުއްތާއެއް އައިސް އޭނާގެ ހަށިގަނޑުގެ މަތީގައި އިންތަނެވެ. އެމަންޒަރު ފެނިފައި އަނެއްކާވެސް ހަޅޭއްލަވާފައި އެހީ ތެރިކަމަށް އެދުނެވެ. މިކުއްތާ ދުރުކޮށްދޭށެވެ. ނަމަވެސް އެއަޑު އެތާތިބި އެކަކަށްވެސް ނުއިވެއެވެ. އޭނާގެ ގަބުރު ތިރި ކުރަން ފެށުމުން ކަށްވަޅަށް ބަލާލިއެވެ. އެތެރޭގައި ބޮޑު ހަރުފައެއް އޮތްވާ ފެނުނެވެ. ހަރުފަ ފެނުމުން ހަޅޭއްލަވުން ބުންޏެވެ. އަހަރެން މިތަނަށް ތިރި ނުކުރާށެވެ. ތިޔަބައި މީހުންނަށް މިހަރުފަ ނުފެނޭ ހެއްޔެވެ. ނަމަވެސް އެއަޑުވެސް އިވުނު މީހަކު ނެތެވެ. ވަޅުލައި ނިމުނުތަނާ އޭނާގެ ޤަބުރު އަލިފާނުން ފުރާލައިފިއެވެ. ހަޅޭއްލަވަމުން އެތާ ތިބިމީހުންގެ ފަރާތުން އެހީއަށް އެދުނެވެ. ނަމަވެސް އެއަޑުއިވުނު މީހަކުވެސް ބެލި މީހަކުވެސް ނެތެވެ. ކުއްލިޔަކަށް އަންހެން މީހާއަށް ނިދިން ހޭލެވިއްޖެއެވެ. އަދި ރޮމުން ފިރިމީހާ ކައިރިއަށް ދިޔައެވެ. ފިރިމީހާ ބުންޏެވެ. ބިރުގެންފައި ހުރީ ކީއްވެހެއްޔެވެ؟ ރޮނީ ކީއްވެ ހެއްޔެވެ؟
އަންހެނުން އެނާއަށް ފެނުނު ހުވަފެން ކިޔައިދިނެވެ. އެހިނދު ފިރމީހާ ބުންޏެވެ. ތިޔަ ހުވަފެނުގެ ޙަޤީޤަތް އެނގޭ ހެއްޔެވެ. އަންހެންމީހާ ނޫނެކޭ ބުނުމުން ބުންޏެވެ. އެއީ ތިބާ ނަމާދުނުކޮށް ފަރުވާކުޑަ ކުރުންމަތީ ހުއްޓާ މަރުވެއްޖެނަމަ ލިބޭނެ އަޒާބެވެ. އަންހެން މީހާ ބުންޏެވެ. އަހަރެންގެ އަމިއްލަ ނަފުސަށާއި ތިބާއަށް ވަޢުދުވަމެވެ. މީގެފަހުން ދުވަހަކުވެސް އެންމެ ނަމާދެއް ވެސް ދޫކޮށްނުލާނަމެވެ. އަދި ނަމާދު ކުރުމަށް ފުރައްސާރަވެސް ނުކުރާނަމެވެ.
އަޅަމެންގެ ވެރިރަސްކަލާކޮ! ހިތްތައް އެފުށްމިފުށަށް އަނބުރުއްވާ ކުޅަދުންވަންތަ ރަސްކަލާކޮ! އަޅަމެންގެ ހިތްތައް އިބަރަސްކަލާނގެއަށް ކިޔަމަންތެރިވުމުގެ ފަރާތަށް އަނބުރުއްވަވާނދޭވެ! އޭ އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ދީނުގައި އަޅަމެންގެ ހިތްތައް ސާބިތުކޮށްދެއްވާނދޭވެ!
--أبو احنف
ސޯޝަލްމީޑިއާގައި ޢާންމުކުރައްވާފައިވާ ވާހަކައެއް
